Ads by Farudhun

ޚަބަރު

ދެވަނަ ދައުރަކަށް ވާދަކުރެއްވުމަށް އެދި ރައީސް ޑރ. މުއިއްޒަށް ޕީއެންސީގެ މަތީ މަޖިލީހުން ގަރާރެއް ފާސްކޮށްފި

ދެވަނަ ދައުރަކަށް ވާދަކުރެއްވުމަށް އެދި ރައީސް ޑރ. މުއިއްޒަށް ޕީއެންސީގެ މަތީ މަޖިލީހުން ގަރާރެއް ފާސްކޮށްފި

ޕީއެންސީގެ ކޮންގްރެސް - ފޮޓޯ: ޕީއެންސީ

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

17 ސެޕްޓެމްބަރު 2026، 12:18

17 ސެޕްޓެމްބަރު 2026، 12:18

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ދެވަނަ ދައުރަކަށް ވާދަކުރެއްވުމަށް އެދި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުން ގަރާރެއް ފާސްކޮށްފިއެވެ.

މި ގަރާރު ފާސްކޮށްފައިވަނީ ސެޕްޓެމްބަރު 17، 2026 ގައި ބޭއްވި އެ ޕާޓީގެ މަތީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 1،119 މަންދޫބުންގެ އިއްތިފާގުންނެވެ.

ޕީއެންސީގެ މަތީ މަޖިލީހަށް މި ގަރާރު ހުށަހަޅައިދެއްވީ މަންދޫބުންގެ ފަރާތުން އަބްދުﷲ އިބްރާހިމްއެވެ. ގަރާރު ހުށަހަޅުއްވަމުން އޭނާ ވިދާޅުވީ، މިއީ ޕާޓީގެ ގިނަ އަދަދެއްގެ މެންބަރުންގެ ފުރިހަމަ ތާއީދާއެކު ނިންމި މުހިންމު ނިންމުމެއް ކަމަށެވެ. އަދި ރައީސް ޑރ. މުއިއްޒު ދެވަނަ ދައުރަކަށް ވާދަކުރައްވަން ނިންމަވައިފިނަމަ، އެއްވެސް ޕްރައިމަރީއަކާ ނުލައި އެމަނިކުފާނަށް ރިޔާސީ ޓިކެޓު އަރުވަންޖެހޭނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

"ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ދެވަނަ ދައުރެއް ދިނުމަކީ ގައުމީ ވާޖިބެއްކަމުގައި ދެކޭހިނދު 2028 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ދެވަނަ ދައުރަކަށް ކުރިމަތިލައްވައި ވާދަކުރެއްވުމަށް ޕާޓީގެ އެންމެހާ މެންބަރުންގެ ފަރާތުން ދެންނެވުމަށްޓަކައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ މަތީ މަޖިލީހުން މި ގަރާރު އެކަށައަޅައި އެމަނިކުފާނު ރިޔާސީ ދެވަނަ ދައުރަކަށް ވާދަކުރެއްވުމަށް ރަސްމީކޮށް ދެންނެވުމުގެ ގޮތުން މި ގަރާރު މިމަޖިލީހުން ފާސްކުރަން ހުށަހަޅަން."

 އަބްދުﷲ އިބްރާހިމް ވިދާޅުވިއެވެ.

ޕީއެންސީގެ މަތީ މަޖިލީހުން އެންމެ ފަހުން ފާސްކުރި އެ ޕާޓީގެ އަސާސީ ގަވައިދުގެ 88 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ގޮތުގައި، ވެރިކަމުގައި ހުންނަވާ ރައީސަކު ދެވަނަ ދައުރަކަށް ވާދަކުރެއްވުމަށް ޕާޓީގެ މެންބަރުންގެ މަޖިލީހަށް ހުށަހަޅުއްވައިފިނަމަ، ޕްރައިމަރީއަކާ ނުލައި ރިޔާސީ ޓިކެޓު އެމަނިކުފާނަށް ދޭންޖެހޭނެއެވެ.

މި ގަރާރަށް ތާއީދުކުރެއްވި މަންދޫބުން ފާހަގަކުރެއްވި ގޮތުގައި، 2023 ވަނަ އަހަރު ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ގައުމު އޮތް ނާޒުކު ހާލަތުން އަރައިގަނެ، އިގްތިސާދު ކޮޅަށް ޖެހުމަށާއި ގައުމުގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކުރެއްވުމަށް އެމަނިކުފާނު ވަނީ ހިތްވަރާއެކު ފާހަގަކޮށްލެވޭ މަސައްކަތްޕުޅުތަކެއް ކުރައްވާފައެވެ. އަދި އެމަނިކުފާނު ގެންގުޅުއްވާ އޯގާތެރި އަދި އަދުލުވެރި ވެރިކަމުގެ ސިޔާސަތަކީ ރައްޔިތުން ފަޚުރުވެރިކަމާއެކު ބަލައިގަންނަ ކަމެއް ކަމަށްވެސް މަންދޫބުން ވިދާޅުވިއެވެ.

"ރައީސް ޑރ. މުހައްމަދު މުއިއްޒު ގައުމާ ހަވާލުވަޑައިގެންނެވިއިރު ގައުމު އޮތް ހާލަތު އަޅުގަނޑުމެން ނުދެންނެވިޔަސް ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އެހިސާބުން ހާލަތު ބަދަލުކުރުމަށްޓަކައި ކުރެއްވި މަސައްކަތްޕުޅުތަކަކީ ތައުރީފް ހައްގު މަސައްކަތްޕުޅުތަކެއް."

މަންދޫބަކު ވިދާޅުވިއެވެ.

މީގެއިތުރުން، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމުގެ ގޮތުން ޒަމާނީ އަސްކަރީ ވަސީލަތްތަކާއެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދު އަމިއްލައަށް ބެލެހެއްޓުމުގެ ގާބިލުކަން އިތުރުކުރެއްވުމާއި، "ފަޚުރުވެރި ދިވެހީންގެ ރާއްޖެ" އެއް ބިނާކުރުމަށް ރައީސް ކުރައްވާ މަސައްކަތްޕުޅުތަކަށް މަތީ މަޖިލީހުގައި ވަނީ ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ.

އެހެންކަމުން، ގައުމުގެ ހަމަޖެހުމާއި ތަރައްގީ ދެމެހެއްޓުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ދެވަނަ ދައުރެއް ދިނުމަކީ ގައުމީ ވާޖިބެއްގެ ގޮތުގައި ދެކޭތީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޕާޓީގެ ފަރާތުން ވާދަކޮށްދެއްވުމަށް ރަސްމީކޮށް އެދިވަޑައިގަންނަވާ ކަމަށް އެ ގަރާރުގައި ބަޔާންކޮށްފައިވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450