ޚަބަރު
އެކަނިވެރި މައިންނާއި ބަފައިންގެ ދަފްތަރުން 39 ބެލެނިވެރިން އުނިކޮށްފި
މަޖީދީމަގު. ފޮޓޯ: ފަރުދުން
އެކަނިވެރި މައިންނާއި ބަފައިންގެ ދަފްތަރުން 39 ބެލެނިވެރިންނާއި، 80 ކުދިން އުނިކޮށްފައިވާކަން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)އިން ހާމަކުރައްވައިފިއެވެ.
އެންސްޕާއިން މިކަން ހާމަކުރެއްވީ، އިޖްތިމާޢީ ރައްކާތެރިކަމުގެ އެހީގެ ޕްރޮގްރާމްތަކުގެ ދަފްތަރުން އެކިއެކި ސަބަބުތަކާއި ހުރެ އުނިކުރެވިފައިވާ ފަރާތްތަކުގެ ތަފްސީލުތައް ހާމަކުރައްވަމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން، މައިންބަފައިންގެ އެހީތެރިކަމެއްނެތި އެހެންމީހަކު ބަލަހައްޓާ ކުދިންނަށާއި، އެކުދިން ބަލަހައްޓާ ފަރާތްތަކަށް ދެވޭ މާލީ އެހީގެ ލިސްޓުން 1 ބެލެނިވެރިޔަކާއި، 2 ކުދިން އެ އިދާރާއިން ވަނީ އުނިކޮށްފައެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ހިމެނުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޕްރޮގްރާމްގެ ދަށުން ރަޖިސްޓްރީކޮށްފައިވާ 14 އަންހެނަކާއި، 26 ފިރިހެނުން ވަނީ، މި ލިސްޓުން އުނިކުރެވިފައެވެ.
މީގެ އިތުރުން އެންސްޕާއިން ވަނީ، ތެލެސީމިއާ އެލަވަންސްގެ ގޮތުގައި މާލީ އެހީދޭ ފަރާތްތަކުގެ ލިސްޓުން 2 ފިރިހެނަކު އެކިއެކި ސަބަބުތަކާއި ހުރެ އުނިކޮށްފައެވެ.
އިޖްތިމާޢީ ރައްކާތެރިކަމުގެ އެހީގެ ޕްރޮގްރާމްތަކުގެ ދަފްތަރުން އެކިއެކި ސަބަބުތަކާއި ހުރެ އުނިކުރެވިފައިވާ ފަރާތްތަކުގެ ތަފްސީލު pic.twitter.com/YOrv1FYOwC
— NSPA (@NSPAmaldives) September 17, 2026
އެންސްޕާ ގެ މައިގަނޑު މަސައްކަތަކީ ޤައުމީ އިޖްތިމާޢީ ޞިއްޙީ އިންޝުއަރަންސް ސްކީމު ހިންގާ ބެލެހެއްޓުމާއި އިޖްތިމާޢީ ރައްކާތެރި ކަމުގެ ޤާނޫނުގެ ދަށުން ކަނޑައެޅިފައިވާ ޕްރޮގްރާމްތައް ރާވާ ހިންގުމެވެ. އަދި މީގެ އިތުރުން ޤާނޫނީ ގޮތުން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ އިޚްތިޔާރުގެ ދަށުން ހަވާލުކުރެވިފައިވާ މަސައްކަތްތައް ހިންގާ ބެލެހެއްޓުން ކަމަށްވާއިރު، އެ އިދާރާއިން އަންނަނީ އެކި ފަރާތްތަކުން ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.