ޚަބަރު
ރައީސް މުއިއްޒުއަށް ދެވަނަ ދައުރެއް ދިނުމަކީ ގައުމުގެ ހަމަޖެހުމާއި އިސްލާމީ ވަހުދަތަށް ކޮންމެހެން މުހިންމު ކަމެއް: ނައިބު ރައީސް
ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް އާއި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ----ފޮޓޯ: ޕީއެންސީ
ދިވެހިރާއްޖޭގެ ހަމަޖެހުމާއި ތަރައްގީ ދަމަހައްޓައި، އިސްލާމީ ވަރުގަދަ ބިންގަލެއްގެ މަތީގައި ގައުމު ކުރިއަށް ގެންދިއުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ދެވަނަ ދައުރެއް ދެއްވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ރާއްޖޭގެ ނައިބު ރައީސް އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ، ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ރަސްމީކޮށް ދެންނެވުމަށްޓަކައި، ކޮންގްރެސް ޕާޓީގެ އެންމެ މަތީ މަޖިލީހަށް ހުށަހެޅުނު މުހިންމު ގަރާރަށް ތާއީދުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ބައްދަލުވުމުގައި ޕީއެންސީގެ އިސްވެރިންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
"ހާއްސަކޮށް އިސްލާމީ ގައުމެއްގެ މަތިވެރި ހިދާޔަތަކީ މާތްވެގެންވާ އިސްލާމްދީން ކަމަށްވާތީ ތަނބުތަކެއް ގާއިމުކުރުމަށް އެމަނިކުފާނު ކުރައްވާ މަސައްކަތްޕުޅުތަކަށް އަޅުގަނޑު ފުރިހަމައަށް ތާއީދުކުރާތީވެ، ދެވަނަ ދައުރެއް އެމަނިކުފާނަށް ދިނުމަށް މިގަރާރަށް އަޅުގަނޑު ފުރިހަމައަށް ތާއީދުކުރަން މަޖުބޫރުވީ."
ނައިބު ރައީސް ވިދާޅުވިއެވެ.
މި ގަރާރަށް ފުރިހަމައަށް ތާއީދުކުރައްވަމުން ނައިބު ރައީސް ފާހަގަކުރެއްވި ގޮތުގައި، ރާއްޖެ އިސްލާމްވިތާ 900 އަށް ވުރެ ގިނަ އަހަރު ވެފައިވާއިރު، އެ މަތިވެރި އިސްލާމީ ހިދާޔަތާއި ނިއުމަތް ދިވެހިންގެ މެދުގައި ދަމަހައްޓަން އެންމެ އިސްކަމެއް ދެއްވާ ވެރިޔަކީ ރައީސް ޑރ. މުއިއްޒެވެ. އަދި އަންނަން އޮތް ޒުވާން ޖީލުތަކަށް އެ ތަސައްވުރު ފޯރުކޮށްދެއްވައި، ގައުމުގެ ބިންގާ އެގޮތަށް އަޅުއްވަން ފެއްޓެވުމަކީ އެމަނިކުފާނަށް ދެވަނަ ދައުރެއް ހައްގުވާ އެންމެ ބޮޑު ސަބަބު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑު މި ގަރާރަށް ތާއީދުކުރާ އެންމެ މުހިންމު އެއް ސަބަބަކީ އަޅުގަނޑުމެންގެ ލޮބުވެތި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަކީ މިގައުމުގެ ހަމަޖެހުމާއި، ތަރައްގީ އަދި ރައްކާތެރިކަން ކަށަވަރުކޮށްދިނުން ދެމިއޮންނާނީ، އިހަކަށްދުވަހު އަޅުގަނޑުމެން ފާހަގަކުރި 900 އެތައް އަހަރުތަކެއް ކަޑައްތުކޮށް ކުރިޔަށް މިދާ މަތިވެރި އިސްލާމީ މި މަތިވެރި ނިއުމަތް އެމަނިކުފާނު ހަދުމަފުޅުކޮށް، ހިތަށް ގެންނަވާ، ކުރިޔަށް އޮތް އަހަރުތަކުގައި މިކަން ދިވެހިންނަށް ކަށަވަރުކޮށްދެވޭނީ އިސްލާމީ މި ހިދާޔަތުގައި އަޅުގަނޑުމެން ދެމިތިބެގެންކަން އެމަނިކުފާނަށް ޚުދު އެނގިވަޑައިގެން އެކަމަށް ގައުމުގެ ބިންގާ އެޅުއްވުމަށްޓަކައި ޒުވާން ޖީލެއް ގާއިމުކޮށް އެތައް އަހަރުތަކަކަށް ދެމިއޮންނާނޭ ގޮތަށް ކަންކަން ބައްޓަންކުރަން ފެއްޓެވީތީވެ."
ނައިބު ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، ދިވެހިންގެ އަމިއްލަ ސަގާފަތާއި، އާދަކާދަތައް ދިރުވައި، ދިވެހި ގައުމިއްޔަތު އާލާކުރެއްވުމަށް ރައީސް ކުރައްވާ އިޚްލާސްތެރި މަސައްކަތްޕުޅުތަކަށް ނައިބު ރައީސް ތައުރީފު ކުރެއްވިއެވެ. ގައުމުގެ މިނިވަންކަމާއި ރައްކާތެރިކަން ކަށަވަރުކޮށް، ފުރިހަމަ އިސްލާމީ ދައުލަތެއްގެ ގޮތުގައި ކުރިއަށް ދެވޭނީ އަދި ރައްޔިތުންނަށް މިނިވަންކަމާއެކު ވާހަކަދެއްކުމުގެ ފުރުސަތު ވެސް ލިބިގެންދާނީ ރައީސް ޑރ. މުއިއްޒުގެ ޒައާމަތުގައި ކަމަށް އެމަނިކުފާނު ބަޔާންކުރެއްވިއެވެ.
ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް އިތުރަށް ވިދާޅުވީ، އެއްވެސް ޝައްކެއްނެތް ގޮތުގައި ރައީސް މުއިއްޒަކީ ގައުމު ބިނާކުރުމުގައާއި ޕާޓީ ކުރިއެރުވުމުގައި ނަމޫނާ ލީޑަރެއް ކަމަށެވެ. އަދި ކޮންގްރެސް ޕާޓީގެ މަތީ މަޖިލީހުން 2028 ވަނަ އަހަރުގެ ރިޔާސީ ޓިކެޓް ރައީސް މުއިއްޒަށް އެރުވުމަށް އެދި ހުށަހެޅި ގަރާރު ފާސްކުރަން ނިންމީ ގައުމުގެ ހަމަޖެހުމަށާއި ތަރައްގީއަށްޓަކައި އެ މަނިކުފާނުގެ ޚިދުމަތް ކޮންމެހެން ބޭނުންވާތީ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.