ޚަބަރު
"އެންމެ ފުރަތަމަ ގައުމު" ޝިއާރުގެ ބިންގަލަކީ މާތްވެގެންވާ އިސްލާމްދީން: ރައީސް މުއިއްޒު
ރައީސްުލްޖުމުހޫރއްިޔާ ޑރ މުހައްމަދު މުއިއްޒު ޕީއެއންސީގެ ކޮންގްރެސްގައި ބައިވެރިވުންްް - ފޮޓޯޯ: ޕީއެންސީ
ވެރިކަން ކުރާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މައިގަނޑު ޝިއާރަކީ "އެންމެ ފުރަތަމަ ގައުމު" ކަމަށްވާއިރު، އެ ޝިއާރުގެ އެންމެ ވަރުގަދަ ބިންގަލަކީ މާތްވެގެންވާ އިސްލާމްދީން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ މަތީ މަޖިލިސް ނިންމުމުގެ ގޮތުން މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ޕީއެންސީގެ ފިކުރަކީ އެއްވެސް ކަހަލަ ހިޔާލުތަފާތުވުމެއް ނެތް، ވަރަށް ސާފު ފިކުރެއް ކަމަށެވެ. އަދި މިއީ ގައުމުގެ އެންމެ ޒުވާން ކުދިންނަށް ވެސް ވަރަށް ފަސޭހައިން ބަލައިގަނެވޭނެ ސިޔާސީ ފަލްސަފާއެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެންގެ ހުރިހާ ކަމެއްގައިވެސް ބިންގަލަކީ މާތްވެގެންވާ އިސްލާމްދީން. އަޅުގަނޑުމެންގެ ދީނާއި ގައުމުގެ މި ޝިއާރުގެ، އެންމެ ފުރަތަމަ ގައުމުގެ މި ޝިއާރުގެ، މިގައުމިއްޔަތުގެ، ބިންގަލަކީ މަދަކީ އިސްލާމްދީން."
ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، އެމަނިކުފާނުގެ ވެރިކަމެއްގައި ހުރިހާ ރައްޔިތުންނަކީ ވެސް ހަމަހަމަ ބައެއްކަން ފާހަގަކުރައްވައި، ރައްޔިތުންނަށް ޚިދުމަތް ކުރައްވާނީ އެއްވެސް ރައްޔިތަކު ބާކީނުކޮށް، އަދުލުވެރިކަމާއި އިޚުލާސްތެރިކަމާއެކު ކަމަށް ރައީސް ވައުދުވެވަޑައިގެންނެވިއެވެ.
އަދި ގައުމު އިސްކޮށްގެން މަސައްކަތްކުރާއިރު އެންމެ ފުރަތަމަ އިސްކުރަންޖެހޭނީ މާތްވެގެންވާ އިސްލާމްދީންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ޅަދަރިންނަށް އިސްލާމީ ރީތި އާދަތައް އުގަންނައިދީ، ރާއްޖޭގައި އިސްލާމީ ހަޟާރަތު ބިނާކޮށް، މުސްތަގުބަލުގެ ޖީލުތަކަށް މި ގައުމަކީ ފަޚުރުވެރި އިސްލާމީ ގައުމެއްގެ ގޮތުގައި ފޯރުކޮށްދިނުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒު ކަމަށެވެ.
"އެހެންވީމާ މި ޕާޓީ ކުރިޔަށްދާނީ އެ ފަލްސަފާގައި. މި ޕާޓީތެރޭގައި މިކަމުގެ ހިޔާލުތަފާތުވުމެއް ނެތް. އެހެންވެ އެހާ ބަދަހިވީ މި ސަފުތައް. އެހެންވީމަ އަޅުގަނޑުމެން ތެރޭގައި ނެތީ ބައިބައިވުމެއް. އެހެންވީމަ އަޅުގަނޑުމެންގެ ތެރޭގައި އެކުވެރިކަން އެހާ ރަނގަޅަށް އޮތީ."
ރައީސް ވިދާޅުވިއެވެ.
ރައީސް ޑރ. މުއިއްޒު ވަނީ ސިޔާސީ އޮއިވަރުގައި ޖެހިގެން، އަންނަން އޮތް ޖީލުތަކުގެ މުސްތަގުބަލު ބަނަވެގެންދާ ފަދަ ނިންމުންތައް ނުނިންމުމަށް ދިވެހި ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ. އަދި ކޮންމެ ރައްޔިތަކުވެސް އަމިއްލަ ނަފްސާ ސުވާލުކޮށް، ގައުމު އިސްކުރާ ނަމަ، ސަރުކާރާއި ޕީއެންސީން ކުރަމުންދާ ގައުމީ މަސައްކަތްތަކާ ދެބަސްވާންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.