ޚަބަރު
ރަނގަޅަށް މަސައްކަތްކޮށްފިނަމަ ރައީސް މުއިއްޒަށް ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބު ކުރެއްވޭނެ: ފަލާހު
މަޖިލީސް މެމަބަރު ފަލާހު - ފޮޓޯ: އެމްއެމްޓީވީ
ވެރިކަންކުރާ ކޮންގްރެސް ޕާޓީ (ޕީއެންސީ) ގެ ހުރިހާ މެންބަރުން އެކުވެރިކަމާއެކު ރަނގަޅަށް މަސައްކަތް ކޮށްފިނަމަ، ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ފުރަތަމަ ބުރުން ކާމިޔާބު ކުރެއްވޭނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ އެންމެ މަތީ މަޖިލިސް ނިންމުމުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަދައްކަވަމުން، ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ފަލާހު ވިދާޅުވީ 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބެއްގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓަކީ ރައީސް ޑރ. މުއިއްޒު ކަމަށް މެންބަރުންގެ އިއްތިފާގުން ނިންމާފައިވާ ކަމަށެވެ. އަދި އެންމެން ގުޅިގެން ހީވާގިކަމާއެކު މަސައްކަތް ކޮށްފިނަމަ، އެ އިންތިހާބު އެއްބުރުން ކާމިޔާބު ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އެންމެންގެ އިއްތިފާގުން ފާސްކުރެވިފައިވާއިރު އަޅުގަނޑުމެން ރަނގަޅަށް މަސައްކަތްކޮށްފި ކަމަށްވާ ނަމަ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެއްބުރުން އަޅުގަނޑުމެންގެ އިއްޒަތްތެރި ރައީސް ކާމިޔާބުކުރައްވާނެ."
ފަލާހު ވިދާޅުވިއެވެ.
ފަލާހުގެ ވާހަކަފުޅުގައި ރައީސް ޑރ. މުއިއްޒުގެ ސިޔާސީ އަދި އިންސާނީ ސިފަފުޅުތަކަށް ވަރަށް ބޮޑަށް ތައުރީފު ކުރެއްވިއެވެ. އެގޮތުން ރައީސަކީ ޕާޓީގެ އެއްވެސް މެންބަރަކު ބާކީކޮށްލާނެ ވެރިއެއް ނޫން ކަމަށާއި، ކޮންމެ މީހަކު ކުރާ މަސައްކަތެއްވެސް އެންމެ ގާތުން ބައްލަވައި، އިޚުލާސްތެރިކަމާއި ހިތްހެޔޮކަމާއެކު ހިދުމަތުގެ އަގު ވަޒަންކުރައްވަން ދަންނަ އޯގާތެރި ވެރިއެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ރައީސް މުއިއްޒުގެ ވެރިކަމަށް ތިން އަހަރު ފުރެން ކައިރިވަމުންދާއިރު، 2023 ވަނަ އަހަރުގެ ރިޔާސީ ކެމްޕޭނުގައި ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދެވުމުގައި އެމަނިކުފާނު ސާބިތުކަމާއެކު ދެމިހުންނެވިކަން ފަލާހު ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ މިއީ މިއަދު ދިވެހި ހުރިހާ ރައްޔިތުންވެސް ގަބޫލުކުރާނެ ހަގީގަތެއް ކަމަށެވެ. އަދި ގައުމަށް ގެއްލުމެއް ލިބިދާނެ އެއްވެސް ކަމެއްގައި އެއްވެސް ދިވެހި ރައްޔިތަކު ބައިވެރިނުވުމަށް ރައީސް އަބަދުވެސް ނަސޭހަތްތެރިވެވަޑައިގަންނަވާކަންވެސް އޭނާ ހަނދާންކޮށްދެއްވިއެވެ.
"މި ޕާޓީގެ އެތައްހާސް މެންބަރުންނަށް ދަންނަވާލަން އޮތް ވާހަކައަކީ އަޅުގަނޑުމެންގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާއަކީ ހަމައެކަނި ވިދާޅުވާ ބަހަކުން އެމަނިކުފާނު ކަންކަންކުރައްވާ ބޭފުޅެއް ނޫނޭ. އެމަނިކުފާނުގެ އަމަލުފުޅުތައް ވެސް ހުރީ އަޅުގަނޑުމެން 2028 ވަނަ އަހަރުގެ ރިޔާސީ ޓިކެޓު އެމަނިކުފާނަށް ދޭން އަޅުގަނޑުމެންގެ މައްޗަށް ލާޒިމުވާ ބީދައިން."
ފަލާހު ވިދާޅުވިއެވެ.
2028 ގެ ރިޔާސީ ޓިކެޓް ރައީސް މުއިއްޒަށް ހައްގުވާ ގިނަ ސަބަބުތަކެއް ހުރިކަން ހާމަކުރައްވަމުން ފަލާހު ވިދާޅުވީ، އެމަނިކުފާނަކީ ވައުދެއްވެއްޖެނަމަ އެ ވައުދެއް ރައްޔިތުންނަށް ފުއްދައިދެއްވާނެކަން އަމަލީ ގޮތުން ސާބިތުކޮށްދެއްވާފައިވާ ވެރިއެއް ކަމަށެވެ.
މީގެއިތުރުން، ޕީއެންސީގެ ޕާލިމެންޓަރީ ގުރޫޕާއި ރައީސުލްޖުމްހޫރިއްޔާއާ ދެމެދު އޮތް ގާތް ގުޅުމަށް އަލިއަޅުވާލައްވަމުން ފަލާހު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ޕީއެންސީގެ 73 މެންބަރުން އެ ގުޅުން ބަލައިގަންނަނީ ވަރަށް އުފަލާއެކު ކަމަށެވެ. އަދި 2028 ވަނަ އަހަރުގެ އިންތިހާބު ރައީސް މުއިއްޒަށް ކާމިޔާބުކޮށްދިނުމަށްޓަކައި ކުރަންޖެހުނު ކޮންމެ މަސައްކަތެއް ކުރުމަށް އެ 73 މެންބަރުން ތިއްބެވީ ފޫގަޅައިގެން ކަމަށާއި، މިކަމުގައި ބޮލުގައި ރިހޭނެ އެއްވެސް ކަމެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
ފަލާހުގެ ވާހަކަފުޅު ނިންމަވާލެއްވީ އިދިކޮޅު ފަރާތްތަކަށް ވަރުގަދަ ރައްދެއް ދެއްވަމުންނެވެ. އޭނާ ވިދާޅުވީ، ޕީއެންސީގެ ތެރޭގައި ހަމަނުޖެހުން އުފައްދައި، ޕާޓީ ބައިބައިކޮށް ރޫޅާލުމަށް އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތްތައް ދުވަހަކުވެސް ކާމިޔާބު ނުވާނެ ކަމަށެވެ.