ޚަބަރު
މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ރާއްޖެއާއި އިނގިރޭސިވިލާތުގެ ގުޅުން ބަދަހިކުރަން އެއްބަސްވެއްޖެ
"މޯލްޑިވްސް-ޔޫކޭ ސްޓްރެޓީޖިކް ޑައިލޮގް" ގެ ބައްދަލުވުން. ފޮޓޯ: ވުޒާރާ
މޫސުމީ ބަދަލުތަކުން އަރައިގަތުމާއި، ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުމުގެ ދާއިރާއިން ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމަށް ދެ ޤައުމުން އެއްބަސްވެއްޖެއެވެ.
މިކަމަށް އެއްބަސްވެފައި ވަނީ 17 ސެޕްޓެމްބަރު 2026 ގައި ބޭއްވުނު "މޯލްޑިވްސް-ޔޫކޭ ސްޓްރެޓީޖިކް ޑައިލޮގް" ގެ ބައްދަލުވުމުގައި ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
މި ބައްދަލުވުމުގައި ދެ ޤައުމުގެ މެދުގައި މޫސުމީ ވިލުންތެރިކަން އިތުރުކުރުމާއި، މޫސުމީ ކަންކަމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމާއި، ހަކަތައިގެ ރައްކާތެރިކަމުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުމުގެ ދާއިރާއިން އެއްބާރުލުން ދިނުމުގެ މުހިންމުކަން ފާހަގަކޮށްފައިވާ ކަމަށް ވުޒާރާއިން ވިދާޅުވެއެވެ.
މީގެއިތުރުން، މޫސުމާއި، ހަކަތައާއި، ފެނާއި، ކުނި މެނޭޖްކުރުމާއި، ތިމާވެށި ރައްކާތެރިކުރުމަކީ އެކަންކަމާ ގުޅިލާމެހިފައިވާ ކަންކަން ކަމުގައިވުމުން، އެކަންކަމަށް ޖުމްލަ ޙައްލުތަކެއް ހޯދުމަށް ވަރުގަދަ ގުޅުމެއް ބޭނުންވާކަން ދެ ޤައުމުން ފާހަގަކޮށްފައިވާ ކަމަށް ވުޒާރާއިން ވިދާޅުވެއެވެ.
މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ 3 ވަނަ "ނޭޝަނަލީ ޑިޓާމައިންޑް ކޮންޓްރިބިއުޝަންސް" (އެންޑީސީ) ތަންފީޒުކުރުން ކުރިއަށް ގެންދިއުމަށާއި، ކްލައިމެޓް ފައިނޭންސަށް ވާސިލުވުމުގެ ފުރުޞަތުތައް ފުޅާކުރުމަށް ވަނީ ނިންމާފައިވާ ކަމަށާއި، 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހަކަތައިގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވުން އަވަސްކުރުމަށާއި، މުޖުތަމަޢުތަކާއި ޤުދުރަތީ ވެށީގެ ވިލުންތެރިކަން އިތުރުކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް ވެސް އެއްބަސްވެފައިވާ ކަމަށް ވުޒާރާއިން ވިދާޅުވެއެވެ.
ކުދި ޖަޒީރާ ޤައުމުތަކާއި އޭއޯސީސްގެ އިސް އަޑެއްގެ ހައިސިއްޔަތުން، ޔޫއެންއެފްސީސީސީ އާއި ޕެރިސް މުއާހަދާގެ ތެރެއިން އިންސާފުވެރި މަލްޓިލޭޓަރަލް އޮނިގަނޑެއް ގާއިމުކުރުމަށާއި، މިފަދަ ގައުމުތަކުގެ އެކުވެރިކަން ދެމެހެއްޓުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން މި ބައްދަލުވުމުގައި ދީފައިވާކަން މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ފާހަގަކުރެއްވިއެވެ.
Maldives and UK Strengthen Cooperation on Climate Action, Energy Security and Environmental Resilience, Maldives–UK Strategic Dialogue, 17 September 2026
— Min. of Climate Change, Environment and Energy, MV (@MoEnvmv) September 19, 2026
🇲🇻🇬🇧
The Maldives and UK reaffirmed strong cooperation on climate resilience, climate finance, energy security and… pic.twitter.com/KrB6qJbJhR