ޚަބަރު
އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ފުރާވަޑައިގެންފި
އދ. ގެ އާންމު މަޖިލީހުގެ ހައި-ލެވެލް ހަފްތާގައި ބައިވެރިވެވަޑައިގަތުމަށް ނައިބް ރައީސް ނިއުޔޯކަށް. ފޮޓޯ: ރައީސް އޮފީސް
އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަން (ޔޫ.އެން.ޖީ.އޭ 81)ގެ ހައި-ލެވެލް ހަފްތާގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ނިއުޔޯކަށް ފުރާވަޑައިގެންފިއެވެ.
ނައިބު ރައީސް މި ދަތުރުފުޅުގައި ފުރާވަޑައިގެންނެވީ 19 ސެޕްޓެމްބަރު 2026 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަތީ ފަންތީގެ ބައްދަލުވުންތަކުގައި ދިވެހިރާއްޖޭގެ ފަރާތުން ރަސްމީ ބަޔާން އިއްވަވާނެއެވެ. އަދި ދޭދޭ ޤައުމުތަކުގެ އިސްވެރިންނާއެކުގައްޔާއި، ގިނަ ޤައުމުތައް ގުޅިގެން ބާއްވާ ބައްދަލުވުންތަކުގެ މަޝްވަރާތަކުގައި ބައިވެރިވެ ވަޑައިގަތުމަށް ވެސް ވަނީ ހަމަޖެހިފައި ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.
މީގެއިތުރުން، ޢާންމު މަޖިލީހުގެ ބަހުސް ހުޅުވާލުމުގެ ރަސްމިއްޔާތާއި މި ބައްދަލުވުމުގެ ހަވާސާގައި ބާއްވާ ޙަފްލާތަކުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ 26 ސެޕްޓެމްބަރު 2026 ގައެވެ.
އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ދައުރުގެ ހައި-ލެވެލް ހަފްތާ ކުރިއަށްގެންދިއުމަށް ހަމަޖެހިފައި ވަނީ 18 ސެޕްޓެމްބަރުން 28 ސެޕްޓެމްބަރު 2026 އަށް، ނިއުޔޯކުގައި ހުންނަ ޔޫއެންގެ މައި މަރުކަޒުގައެވެ.