Ads by Farudhun

ޚަބަރު

މި ސަރުކާރުން ވަނީ ޤައުމުގެ އިޤްތިޞާދު ވެއްޓިފައިއޮތް ނުރައްކާތެރި އަނދަވަޅުން ސަލާމަތްކޮއްފައި: ވަޒީރު ސައީދު

މި ސަރުކާރުން ވަނީ ޤައުމުގެ އިޤްތިޞާދު ވެއްޓިފައިއޮތް ނުރައްކާތެރި އަނދަވަޅުން ސަލާމަތްކޮއްފައި: ވަޒީރު ސައީދު

ވަޒީރު ސައީދު---

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

20 ސެޕްޓެމްބަރު 2026، 09:44

20 ސެޕްޓެމްބަރު 2026، 09:44

ދާދިފަހުން ސަރުކާރުން ދެއްކި ލޯނާއެކު، މިހާތަނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ ސަރުކާރުން، މުޅި ޖުމްލަ 1.34 ބިލިއަން ޑޮލަރުގެ ދަރަނި ދައްކައިދީ ޤައުމުގެ އިޤްތިޞާދު ވެއްޓިފައިއޮތް ނުރައްކާތެރި އަނދަވަޅުން ވަނީ ސަލާމަތްކޮއްދެއްވާފައިކަން، އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ފާހަގަކުރައްވައިފިއެވެ.

ވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ ނިމިދިޔަ ސަރުކާރުތަކުން އެކި ނަންނަމުގައި ނަގާފައި ހުރި ބޮޑެތި ލޯނުތައް ކަމަށާއި، މި ލޯނުތަކާއެކު ރަހުނުކޮއްފައި ހުރި ރައްޔިތުންގެ އެތައް ހަރުމުދަލެއް އަދުގެ ސަރުކާރުން ވަނީ ސަލާމަތްކޮށްދެއްވާފައި ކަމަށެވެ.

އަދި މިފަދަ އެތައް މައްސަލައެއް ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ހައްލުކުރައްވަމުންކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ދަރަނިތައް ދެއްކުމަށްފަހު ކާޑާއި ތެލާއި ގޭސް ފަދަ އަސާސީ ބާވަތްތައް އެތެރެކުރުމުގެ މާލީ ތަނަވަސްކަން ޤައުމުގައި ނެތްކަމަށް ފެތުރެމުންދާ ވާހަކަތަކަށް ވަޒީރު ވަނީ ރައްދުދެއްވާފައެވެ. އެއީ ރައްޔިތުންގެ ހިތުގައި ޝައްކު އުފައްދައި، މަކެޓުގެ އިތުބާރު ގެއްލުވާލުމަށް ޓަކައި ދައްކަމުންދާ ވާހަކަތަކެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. 

"އަޅުގަނޑު ޔަޤީންކަން އަރުވަން ، އިރާދަކުރެއްވިއްޔާ އެއްވެސް ބާވަތެއްގެ އަސާސީ މުދަލަކަށް، ނުވަތަ ކާޑު، ތެޔޮ، ގޭސް ގަތުމަކަށް އެއްވެސް ހުރަހެއް ނެތް."

ވަޒީރު ވިދާޅުވިއެވެ.

އަދި ޑޮލަރުގެ ކަންތައް ހަމައަކަށް އެޅުމުން، އައު ވާހަކަތަކެއް ދައްކަމުންދާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ޗައިނާ ސަރުކާރުން ވެސް ލޯނު ފަސްކޮށްދެއްވާފައިވާ ކަމަށާއި، އޭޑީއެފްޑީގެ ލޯނެއް ވެސް ވަނީ ފަސްކޮށްދެއްވާފައި ކަމަށެވެ. އަދި ސޮވެރިން ގެރެންޓީ ދީފައި ހުރި ލޯނުތަކެއް ދެއްކުން ވެސް ވަނީ ފަސްކޮށްދީފައި ކަމަށް ވަޒީރު ވިދާޅުވިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވީ ޞުކޫކް ޑިފޯލްޓް ވިޔަނުދީ، ދިވެހި ތާރީޚުގައި ދައްކަންޖެހުނު އެންމެ ބޮޑު ލޯނު އަނބުރާ ދައްކައިގެން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ އަލުން ރަނގަޅުކުރުމަށް ކަމަށް ވަޒީރު ސަޢީދު ވިދާޅުވިއެވެ. އަދި ޤައުމު ބޮޑެތި ގޮންޖެހުންތަކުން އަރައިގަނެ، ކާމިޔާބީތައް ހޯދަމުން އަންނަ މި ދަނޑިވަޅުގައި، ޤައުމު ދަރަނިވެރި ނުވެގެން އަބަދު ކަންބޮޑުވެގެން އުޅޭ ބަޔަކު ތިބުމަކީ ހިތާމަކުރައްވާ ކަމެއްކަން ވެސް ފާހަގަކުރެއްވިއެވެ. 

އަދި ބައެއް ނޫސްތަކުން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރުން ހުއްޓިދާނެ ފަދަ މޭރުމަކުން، އިނގިރޭސި ބަހުން ޚަބަރު ފަތުރަމުންދާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، ރާއްޖޭގައި އިންވެސްޓް ނުކުރުމާއި، ފަތުރުވެރިން ނައުމުގެ އިތުރުން ރާއްޖެއަށް ލިބެންހުރި ފައިދާތައް ނުލިބުމުން އޭގެ ގެއްލުމާއި ދެރަ ލިބެނީ ސީދާ ދިވެހި ރައްޔިތުންނަށް ކަމަށެވެ.

 އަދި ޤައުމަށް ގެއްލުންވާ ގޮތަށް މިފަދަ ކަންކަން ކުރުމަކީ ދުނިޔޭގެ އެއްވެސް ޤައުމެއްގައި އަދި އެއްވެސް ޑިމޮކްރެސީއެއްގައި ބަލައިގަންނަ ކަމެއް ނޫންކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން މިފަދަ ޤައުމަށް ގެއްލުންހުރި އަމަލުތަކުން ދުރުހެލިވުމަށް ވަޒީރު ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ. 




Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450