ޚަބަރު
ޔުނީފޯމުގައި ހުރެ ގޯހެއް ހަދަން ހިތަށް އެރިޔަސް ވަޒީފާއިން ވަކިވުމަށް އެދި ސިޓީލާން ސީޖީ ނަސޭހަތްތެރިވެއްޖެ
"އިންޑަކްޝަން ޓްރޭނިންގ ޕްރޮގްރާމް" ގެ ދަސްވެނިވުމުގެ ރަސްމިއްޔާތު. ފޮޓޯ: ކަރެކްޝަންސް
ޔުނީފޯރމްގައި ހުރެ އެއްވެސް ގޯސްކަމެއް ކުރަން ހިތަށް އެރިޔަސް ވަޒީފާއިން ވަކިވާން ސިޓީ ފޮނުވުމަށް މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލަރ ޖެނެރަލް ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ފަސީޙު ވިދާޅުވެއްޖެއެވެ.
ސީޖީ މިފަދައިން ވިދާޅުވީ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން އަލަށް ވަޒީފާއާ ގުޅޭ އޮފިސަރުން ތަމްރީންކުރުމަށް ހިންގި "އިންޑަކްޝަން ޓްރޭނިންގ ޕްރޮގްރާމް" ގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި 18 ސެޕްޓެމްބަރު 2026 ގައި ވާހަކަފުޅުދައްކަވަމުންނެވެ.
މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ކޮންފަރަންސް ހޯލްގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައި ސީޖީ ވަނީ، ނެޝަނަލް ސެކިއުރިޓީ ސަރވިސްގެ ފުލުސް އޮފީހުގައި މަސައްކަތްކުރެއްވިއިރުން ފެށިގެން ކަރެކްޝަންސްއާ ގާތްގުޅުމެއް އޮތްކަން ފާހަގަކުރައްވާ، ސިންގަޕޫރުގެ ދެ ޖަލެއްގައި މަސައްކަތްކޮށް ތަމްރީން ހާޞިލްކުރެއްވުމަށްފަހު، ރަނގަޅު ޖަލެއްގެ މުހިއްމުކަން އިހުސާސްކުރެވިގެން ފެންވަރު ރަނގަޅު ޖަލަކާއި އެތަނުގައި ރަނގަޅު ހިއުމަން ރިސޯސަސް ޤާއިމުކުރުމަށް މަސައްކަތްކުރެއްވިކަމަށް ވިދާޅުވެފައެވެ.
އެކަން ހާސިލު ނުވިނަމަވެސް ގާމާދޫ ޖަލުގެ ހާދިސާއަށްފަހު މާފުށީގައި ހުރި އެސްޓީއޯގެ ފުށް ގުދަނެއް ޖަލަކަށް ބަދަލުކުރެވިގެން ދިޔަކަމަށާއި، އޭރުގެ ޖަލުތަކުގެ ޙާލަތާ އަޅާކިޔާއިރު، ކަރެކްޝަނަލް އޮފިސަރސް ވަރަށް މަދުކަމަށާއި ޖަލުތަކުގެ ސެކިއުރިޓީ ބެލެހެއްޓީ އެންއެސްއެސް ކަމަށް ފަސީހު ވިދާޅުވިއެވެ.
އަދި އެހެން ހާދިސާއަކަށްފަހު، ބަދަލުތަކެއް އައިސް ޤާނޫނެއް ވުޖޫދުވެ، މިހާރު ތަމްރީން ހަދައިގެން ތިބި އޮފިސަރުންނާއެކު ޖަލުތަކުގެ ކަންތައްތައް ވަރަށް ބޮޑަށް ބަދަލުވެފައިވާކަން ސީޖީ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ފަސީހު ވަނީ ދަސްވެނިންނަށް އައްސަރިބަހާއި ސާބަސް ކިޔުއްވަމުން ނަސޭހަތްތެރިވެލައްވާފައެވެ.
އެގޮތުން، ދަސްވެނިން މާތް ﷲ ގަންދީ ހުވާ ކޮށްފައިވުމުން، ޔުނީފޯރމްގައި ހުރި އެއްވެސް ގޯސްކަމެއް ކުރަން ހިތަށް އެރިޔަސް ވަޒީފާއިން ވަކިވާން ސިޓީ ފޮނުވުމާއި، ޤައުމީ ވާޖިބު އަދާކުރުމުގައި އިޙްލާސްތެރިކަމާއި ތެދުވެރިކަމުގެ މުހިއްމުކަމާއި ޖަލުގައި ބަންދުކުރެވިފައިވާ ފަރާތްތަކުގެ އިންސާނީ ކަރާމާތް ދަމަހައްޓައި، އެފަރާތްތަކުގެ އިންސާނީ ޙައްގުތައް ނުގެއްލޭގޮތަށް މަސައްކަތްކުރުމަށް ފަސީހު ނަސޭހަތްތެރިވިއެވެ.
2026 އޮގަސްޓް 30 އިން ފެށިގެން 2026 ސެޕްޓެމްބަރ 17 އަށް ކުރިއަށް ގެންދިޔަ "އިންޑަކްޝަން ޓްރޭނިންގ ޕްރޮގްރާމް"ގައި 10 އޮފިސަރުން ވަނީ ތަމްރީން ކާމިޔާބުކުރުމަށްފަހު، ވަޒީފާގެ މައިދާނާ ގުޅިފައެވެ. މިއީ މި ތަމްރީން ޕްރޮގްރާމްގެ ތިން ވަނަ ބެޗެވެ.