ޚަބަރު
އާރުވެރި ގްރާންޓަށް އެދި ހުށަހެޅުމުގެ މުއްދަތު ހަމަވަނީ
މަސްވެރިކަން ކުރާ ބައެއް ފޮޓޯ: އޭއައި
ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ތަރައްޤީކޮށް، އެ ސިނާޢަތުގައި އުޅޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވޯލްޑް ބޭންކުގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ ޓްރާންސްފޯ ޕްރޮޖެކްޓުގެ "އާރުވެރި މެޗިންގް ގްރާންޓް" ސްކީމްގެ ފުރަތަމަ ބުރަށް އެދި ހުށަހެޅުމުގެ މުއްދަތު މިރޭ 12:00 ގެ ނިޔަލަށް ހަމަވާނެއެވެ.
މި ސްކީމް ރަސްމީ ގޮތުން ތަޢާރަފުކޮށް، ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ފަހިކޮށްދިނީ ފާއިތުވި އޯގަސްޓް މަހުގެ 20 ގައެވެ. އެއް މަސް ދުވަހުގެ މުއްދަތަށް ދިން މި ފުރުޞަތު މިރޭ ނިމުމަކަށް އަންނާނެއެވެ. އެހެންކަމުން، ޝަރުތު ފުރިހަމަވާ ފަރާތްތަކުން މިރޭ 11:59 ގެ ކުރިން ރަސްމީ "އާރުވެރި މެޗިން ގްރާންޓް ޕޯޓަލް" މެދުވެރިކޮށް ފޯމު ހުށަހަޅައި ނިންމަން ޖެހެއެވެ.
މުޅި ޖުމްލަ 278 މިލިއަން ރުފިޔާގެ ބަޖެޓެއް ހިމަނައިގެން ތައްޔާރުކޮށްފައިވާ މި ގްރާންޓް ސްކީމަކީ މަސްވެރިކަމުގެ ދާއިރާ ތަރައްޤީކޮށް، މާލީ ފުދުންތެރިކަން އިތުރުކުރުމަށް އެޅިގެންދިޔަ ނުހަނު ފާހަގަކޮށްލެވޭ ފިޔަވަޅެކެވެ. މުހިންމު 7 ދާއިރާއަކަށް އަމާޒުކޮށްފައިވާ މި ސްކީމްގެ ދަށުން ހޮވޭ މަޝްރޫޢުތަކަށް ހިނގާ ޚަރަދުގެ 40 އިންސައްތަ ދޫކުރުމަށް ހަމަޖެހިފައިވަނީ ހިލޭ އެހީގެ ގޮތުގައެވެ.
މި ސްކީމްގެ މުހިންމު ލަނޑުދަނޑިތަކުގެ ތެރޭގައި މަސްވެރިކަމުގެ ދާއިރާގައި ހަކަތަ އިޤްތިޞާދުކުރުމާއި، ދެމެހެއްޓެނިވި ގޮތެއްގައި އުފެއްދުންތެރިކަން ކުރިއެރުވުމުގެ އިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެކަށޭނަ ފުރުޞަތުތަކެއް ހޯދައިދިނުން ހިމެނެއެވެ. އަދި ހަމައެހެންމެ، ފައިދާހުރި ދާއިރާއެއްގެ ގޮތުގައި މެރިކަލްޗަރ ފުޅާކުރުމާއި، ވެލިއު އެޑްކޮށްފައިވާ މަހުގެ ބާވަތްތައް ގިނަކުރުމަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކުރުމުގެ އިތުރުން، ޒުވާނުންނަށާއި އަންހެނުންނަށް ވިޔަފާރީގެ މައިދާނުންނާއި ވަޒީފާގެ ދާއިރާއިން ފުރުޞަތުތައް ތަނަވަސްކޮށްދިނުންވެސް މި ސްކީމްގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.
މަސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އަމިއްލަ ވިޔަފާރިތަކާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އިތުރުން، މަސްވެރިންނާއި ވަކިވަކި ފަރުދުން ހިންގާ ވިޔަފާރިތަކުގެ ދެމެހެއްޓެނިވި ކުރިއެރުމާއި ވާދަވެރިކަން ވަރުގަދަކޮށް، މުޅި ސިނާޢަތުގެ މާލީ ތަނަވަސްކަން އިތުރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މައިގަނޑު އެއް އަމާޒެވެ. އަދި މި ސްކީމަކީ އެ ސިޔާސަތުތައް ޙަޤީޤަތަކަށް ހެދުމަށްޓަކައި އެޅުނު ނުހަނު މުހިންމު ފިޔަވަޅެކެވެ.
މި މަސައްކަތަކީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވޯލްޑް ބޭންކުގެ މާލީ އެހީތެރިކަމާއެކު ކުރިއަށްގެންދާ "ޓްރާންސްފޯރމިންގ ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް" ނުވަތަ ޓްރާންސްފޯމް މަޝްރޫޢުގެ ބައެކެވެ. މި މަޝްރޫޢުގެ މައިގަނޑު އަމާޒަކީ ސައުތު ވެސްޓް އިންޑިއަން އޯޝަން ސަރަޙައްދުގައި ހޯދުންތަކާއި ހެކިތަކުގެ މައްޗަށް ބިނާކޮށް މަސްވެރިކަން ބެލެހެއްޓުމުގެ ނިޒާމު ހަރުދަނާކުރުމާއި، ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގެ ވާދަވެރިކަން އިތުރަށް ވަރުގަދަކުރުމެވެ. 64.8 މިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި މި މަޝްރޫޢު 2023 ވަނަ އަހަރު ފަށާފައިވާއިރު، މި މަޝްރޫޢު ނިންމުމަށް ތާވަލުކޮށްފައިވަނީ 2030 ވަނަ އަހަރަށެވެ.
ހުޅުވާލާފައިވާ މެޗިންގ ގްރާންޓް ދާއިރާތަކަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީޚަކީ 20 ސެޕްޓެމްބަރު 2026 ވަނަ ދުވަހުގެ ނިޔަލަށެވެ. އެޕްލިކޭޝަން ހުށަހެޅުމަށާއި އިތުރު މަޢުލޫމާތު ހޯއްދެވުމަށް "https://t.co/xv0qA3W6W2" ޕޯޓަލް ބައްލަވާލައްވާ. pic.twitter.com/qaQpM85Uf8
— Min of Fisheries, Agriculture and Ocean Resources (@MFAORmv) September 17, 2026