ޚަބަރު
ބިލެތްދޫގައި ތަރައްޤީކުރާ އައުޓްޑޯ ވޮލީ ކޯޓުގެ ވަށާފާރުގެ މަސައްކަތް ފަށައިފި
ބިލެތްދޫގައި ތަރައްޤީކުރާ އައުޓްޑޯ ވޮލީ ކޯޓުގެ މަސައްކަތް. ފޮޓޯ: އެމްޓީސީސީ
ފ. ބިލެތްދޫގައި ތަރައްޤީކުރާ އައުޓްޑޯ ވޮލީ ކޯޓުގެ ވަށާފާރުގެ މަސައްކަތް ފަށާފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)އިން ވިދާޅުވެއްޖެއެވެ.
އެ ކުންފުނިން މިކަން ހާމަކުރައްވާފައި ވަނީ، މި މަސައްކަތުގެ އަދާހަމަ ހިއްސާކުރެއްވުމަށް އެކްސްގައި ކުރެއްވި ޕޯސްޓެއްގެ ޒަރިއްޔާއިންނެވެ.
ބިލެތްދޫގައި ތަރައްޤީކުރާ އައުޓްޑޯ ވޮލީ ކޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރައްވާފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފ އަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި ކުޅިވަރު ވުޒާރާގެ ފަރާތުން ސޮއި ކުރެއްވީ، ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބުދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރޓ) އަޙްމަދު ސަޢުދީއެވެ.
Project Update: Development of Outdoor Volley Court at F. Bilehdhoo
— MTCC Plc (@MTCCPlc) September 20, 2026
Boundary wall works are ongoing.
Follow more updates at: https://t.co/RjAFCf3rnI#MTCCProjects #TeamMTCC #RayyithungeKunfuni #GaumuBinaakurumugaaMTCC pic.twitter.com/wOKatjaRdc
މި މަސައްކަތުގެ ތެރޭގައި ކޮންކްރީޓް އަދި ބައުޑްރީ ފެންސް ޖެހުމާއި، ވޮލީކޯޓަށް ބޭނުންވާ އިކުއިޕްމެންޓްތައް ހަރުކުރުން ހިމެނެއެވެ.
މިއީ 1.24 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށްވާއިރު، މަސައްކަތްތައް ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 120 ދުވަހުގެ ތެރޭގައެވެ.
އެމްޓީސީސީން ހާމަކުރި ގޮތުގައި 1300 އެއްހާ މީހުންގެ އާބާދީއެއް ދިރިއުޅޭ ބިލެއްދޫގައި ބޭރުގައި ކުޅޭ ވޮލީ ކޯޓެއް އެޅުމުން، އެ ރަށުގެ ރައްޔިތުންގެ މެދުގައި އިޖުތިމާޢީ ގުޅުން ބަދަހިވެ އެކުވެރިކަން ދެމެހެއްޓުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.
ބިލެއްދޫ ރައްޔިތުންނަށް ވޮލީ ކުޅޭނެ ފެންވަރު ރަނގަޅު ކޯޓެއް އެޅުމަށް ހަވާލުކުރެވުނުއިރު އެމްޓީސީސީން އަންނަނީ އެކި ސަރަހައްދުގައި ގިނަ އަދަދެއްގެ ކުޅިވަރު މަޝްރޫއުތައް ނިންމުމުގެ މަސައްކަތް ކުރަމުންނެވެ.