ޚަބަރު
ޗައިނާއިން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 280،000އިން މައްޗަށް
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް. ފޮޓޯ: ވިޒިޓް މޯލްޑިވްސް
ޗައިނާއިން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 280،000 އިން މައްޗަށް ގޮސްފައިވާ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދަކީ 1,541,762 ކަމަށްވާއިރު، ޗައިނާއިން ރާއްޖެ ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދަކީ، 284,555 އެވެ. މިއީ ރާއްޖެ ޒިޔާރާތްކުރި ފަތުރުވެރިންގެ 18.8 އިންސައްތައެވެ.
އެންމެ ގިނައިން ފަތުރުވެރިން ޒިޔާރާތްކުރި 5 ގައުމު:
- ޗައިނާ: 284,555
- ރަޝިޔާ: 222,055
- އިނގެރޭސިވިލާތް: 116,658
- އިޓަލީ: 96,010
- ޖަރުމަންވިލާތް: 94,494
ރާއްޖެ ޒިޔާރާތްކުރި ފަތުރުވެރިންގެ ތެރެއިން 1,112,766 މީހުން ޗުއްޓީ ހޭދަކޮށްފައި ވަނީ ރިސޯޓުތަކުގައެވެ. 334,016 މީހުން ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރިއިރު، 34,845 މީހަކު ވަނީ ހޮޓާތަކުގައި ޗުއްޓީ ހޭދަކޮށްފައެވެ.
1,526,179 ފަތުރުވެރިން ރާއްޖެ އައިސްފައި ވަނީ އެއާޕޯޓުތަކުން ކަމަށްވާއިރު، 15,583 ފަތުރުވެރިން އައިސްފައި ވަނީ ސީ ޕޯޓު މެދުވެރިކޮށެވެ.
ފަތުރުވެރިން ރާއްޖެ ޒިޔާރާތްކުރި އެއާޕޯޓުތަކުގެ ތަފާސް ހިސާބު:
- ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު: 1,508,680
- ގަން އިންޓަނޭޝަނަލް އެއާޕޯޓު: 5,339
- މާފަރު އިންޓަނޭޝަނަލް އެއާޕޯޓު: 4,867
- ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު: 3,224
- ވިލާ އިންޓަނޭޝަނަލް އެއާޕޯޓު: 2,832
- ދާލު އެއާޕޯޓު: 1,235
މެދުއިރުމަތީގެ ވައިގެ ދަތުރުފަތުރަށް ދިމާވި ބައެއް ގޮންޖެހުންތަކާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން ހަތަރު މަހެއްހާ ދުވަހު ދަށްވެގެން ދިޔަ ނަމަވެސް، ސިނާއަތުގެ ބައިވެރިންނާއި ސަރުކާރު ގުޅިގެން ކުރި މަސައްކަތުން ޖުލައި މަހުގެ ކުރީކޮޅު އާންމު ހާލަތަށް ވަނީ ރުޖޫޢަވެފައެވެ. ރާއްޖެ އަންނަ ފަތުރުވެރިންގެ ބޮޑު އިންސައްތައެއް ލޯކަލް ޓޫރިޒަމް ޚިޔާރުކުރަމުންދާއިރ މީގެ ސަބަބުން ރަށްރަށުގެ އިޤްތިޞާދީ ދުވެލި ހަލުވިވެ، އާންމު ރައްޔިތުންގެ ޖީބަށް ވަންނަ ފައިސާގެ މިންވަރު ވެސް ދަނީ އިތުރުވަމުންނެވެ.