Ads by Farudhun

ޚަބަރު

ތުއްތުކުދިންގެ ސިއްހީ ފަރުވާ މުޅި ރާއްޖެއަށް ފުޅާކުރުމަކީ މުސްތަގުބަލަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓު - ގީލާ

ތުއްތުކުދިންގެ ސިއްހީ ފަރުވާ މުޅި ރާއްޖެއަށް ފުޅާކުރުމަކީ މުސްތަގުބަލަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓު - ގީލާ

މިނސްޓަރު ގީލާ ވާހަކަފުޅު ދައްވަނީ - ފޮޓޯ: ޕީއެސްއެމް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

21 ސެޕްޓެމްބަރު 2026، 02:07

21 ސެޕްޓެމްބަރު 2026، 02:07

ތުއްތުކުދިން އުފަންވާ ފުރަތަމަ ދުވަސްވަރު ދެވޭ ފަރުވާއަކީ އެ ކުދިންގެ ފުރާނަ ސަލާމަތްކުރުމުގެ އިތުރުން، މުޅި އުމުރަށް އެކުދިންގެ ސިއްހަތާއި ހެދިބޮޑުވުމަށް އަސަރުކުރާ ކަމަކަށްވާތީ، ނިއޯނޭޓަލް ކެއާ ނުވަތަ ތުއްތުކުދިންގެ ފަރުވާގެ ނިޒާމު ވަރުގަދަކުރުމަކީ ގައުމުގެ މުސްތަގުބަލަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެއް ކަމަށް ހެލްތު އެންޑް ފެމިލީ ވެލްފެއާގެ ގީލާ ވިދާޅުވެއްޖެއެވެ. 

މިކަން ހާމަކުރެއްވީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އާއި ހުޅުމާލެ ހޮސްޕިޓަލް އަދި ކަމާބެހޭ އިދާރާތައް ގުޅިގެން ބޭއްވި "މޯލްޑިވްސް ކޮންފަރެންސް އޮން ނިއޯނޭޓަލް ކެއާ (ނިއޯކެއާ 2026)" ގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ކޮންފަރެންސްގައި ވާހަކަދައްކަވަމުން މިނިސްޓަރު ގިލާ ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ ޖިއޮގްރަފީ އޮތް ގޮތުން ރަށްތައް ވަކިވަކިން ހުރުމުގެ ސަބަބުން، ހަމައެކަނި ވެރިރަށް މާލެއަށް މިފަދަ ހާއްސަ ފަރުވާތައް ޖަމާވެފައި އޮތުމުގެ ބަދަލުގައި، ކޮންމެ ރަށެއްގައި ކުއްޖަކު އުފަންވި ނަމަވެސް އެކަށީގެންވާ އަވަސް ފަރުވާ ލިބޭނެ ގައުމީ ނިޒާމެއް ގާއިމުވާންޖެހެއެވެ. މީގެ މާނައަކީ ހުރިހާ ހޮސްޕިޓަލެއްގައި އެންމެ މަތީ ފެންވަރުގެ ހުރިހާ ހިދުމަތެއް ހުރުން ނޫން ކަމަށާއި، ކޮންމެ ފެންވަރެއްގެ ސިއްހީ މަރުކަޒަކުންނާއި ހޮސްޕިޓަލަކުން ދޭންޖެހޭ ހިދުމަތް ސާފުކޮށް އެނގި، އަވަހަށް ރިފާކުރެވޭނެ ހަރުދަނާ ވިއުގައެއް އޮތުން ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، އަތޮޅުތަކުގެ ސިއްހީ ހިދުމަތްތެރިންނަށް މެދުކެނޑުމެއްނެތި ތަމްރީނާއި "މެންޓަރޝިޕް" ޕްރޮގްރާމްތައް ބޭނުންވާކަން ފާހަގަކުރައްވައި، ޓެކްނޮލޮޖީ އާއި އީ-ލާނިންގެ އެހީގައި ޓާޝަރީ ހޮސްޕިޓަލްތަކުގެ ހާއްސަ ޑޮކްޓަރުންނާއި ރީޖަނަލް ލެވެލްގެ ޓީމުތައް ގުޅުވައިލުމުގެ މުހިންމުކަން ބަޔާންކުރެއްވިއެވެ. އަދި ކުރިއަށް އޮތް 5، 10 އަދި 15 އަހަރަށް ބޭނުންވާ ނިއޯނޭޓަލް ނަރުހުންނާއި ޑޮކްޓަރުން އަދި ޕީޑިއަޓްރީޝަނުން ތަމްރީނުކުރުމުގެ ދުރު ރާސްތާ ޕްލޭނެއް އޮންނަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

ހަމައެއާއެކު، ހޮސްޕިޓަލުން ދޫކޮށްލުމަށްފަހު ދުވަސްނުފުރާ ވިހާ ކުދިންނާއި ބޮޑެތި ބަލިތައް ތަހައްމަލުކުރާ ތުއްތުކުދިންނަށް ދޭންޖެހޭ "ފޮލޯއަޕް" ނުވަތަ ފަހުގެ ފަރުވާއާއި މޮނިޓަރިން ހަރުދަނާކުރުމަށް މިނިސްޓަރު ގޮވާލެއްވިއެވެ.

މި ކޮންފަރެންސްގެ ނިންމުންތަކަށް އަލިއަޅުއްވާލައްވަމުން، 2027 ވަނަ އަހަރުގެ "ނިއޯކެއާ ކޮންފަރެންސް" މާލެއިން ބޭރުގައި، ރީޖަނަލް ހޮސްޕިޓަލެއްގައި ބޭއްވުމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ނިންމި ނިންމުމަށް މިނިސްޓަރު މަރުހަބާ ދެންނެވިއެވެ. އަދި މިއީ އަތޮޅުތަކުގެ ސިއްހީ ހިދުމަތްތެރިންނަށް އުނގެނުމުގެ ފުރުސަތު ފުޅާވެ، މުޅި ގައުމީ ފެންވަރެއްގައި މި ދާއިރާ ތަރައްގީކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ވިދާޅުވިއެވެ.

މި ކޮންފަރެންސް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމުގައި އެހީތެރިވެދިން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް، ހުޅުމާލެ ހޮސްޕިޓަލް، އެޗްޕީއޭ، ޑަބްލިއުއެޗްއޯ އަދި އެސްޓީއޯ ހެލްތުކެއާގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތުއްތުކުދިންގެ ފުރާނަ ސަލާމަތްކުރުމުގައި ހިދުމަތްކުރައްވާ ހުރިހާ ސިއްހީ ހިދުމަތްތެރިންނަށް މިނިސްޓަރު ވަނީ ހާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450