Ads by Farudhun

ޚަބަރު

ޤައުމުގެ ހަރުމުދާތައް ވިއްކާލަން ނަޝީދު ގޮވާލައިފި

ޤައުމުގެ ހަރުމުދާތައް ވިއްކާލަން ނަޝީދު ގޮވާލައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު -ފޮޓޯ: އެމްވީ ޕްލަސް

farudhun logo

ފަރުދުން

21 ސެޕްޓެމްބަރު 2026، 05:31

21 ސެޕްޓެމްބަރު 2026، 05:31

ދިވެހި ދައުލަތް ބޮޑު ދަރަނީގެ ދަންތުރައެއްގައި ޖެހި، މާލީ ގޮތުން ނާޒުކު ހާލަތެއްގައި ވަނިކޮށް، ދައުލަތުގެ އަގުހުރި ހަރުމުދާތައް ވިއްކާލުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

މާލީ ދަތިކަމުން އަރައިގަތުމަށްޓަކައި ދައުލަތުގެ މުދާތައް ޕްރައިވެޓައިޒް ކުރުން ނުވަތަ ވިއްކާލުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި ސިފަކުރައްވައި ނަޝީދު ދެއްކެވި މި ވާހަކަފުޅުތަކާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އެމަނިކުފާނަށް އަމާޒުވެފައެވެ.

މީގެއިތުރުން، ސަރުކާރުން މިހާރު ކުރިއަށްގެންދާ ރަސްމާލެ މަޝްރޫއުގައި ވޯޓާފްރަންޓެއް ތަރައްގީ ކުރުމަކީ ރަނގަޅު ހިޔާލެއް ކަމަށް ވިދާޅުވަމުން ނަޝީދު ވަނީ، އެ މަޝްރޫއަކީ ރާއްޖެ މިހާރު ވެއްޓިފައިވާ މާލީ ދަތިކަމުން އަރައިގަތުމާ އެއްވެސް ގުޅުމެއް ހުރި ކަމެއް ނޫން ކަމަށް ބުނެ އެކަމަށްވެސް ފާޑުވިދާޅުވެފައެވެ. އަދި ހުރިހާ ކަމެއް އެންމެ ފުރިހަމައަށް ދިޔަ ނަމަވެސް އެ މަޝްރޫއުން ދައުލަތަށް އެއްޗެއް ލިބެން މަދުވެގެން ދެ އަހަރު ނަގާނެ ކަމަށް ވިދާޅުވެ، މި ދަނޑިވަޅުގައި އެންމެ މުހިންމީ ވަގުތުން ފައިސާ ލިބޭނެ ގޮތަކަށް ދައުލަތުގެ ހަރުމުދާ ވިއްކުން ކަމަށް ނަޝީދު ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

ނަޝީދު މިފަދައިން ވާހަކަދެއްކެވި ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދުރުވިސްނުންފުޅާއެކު މި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ގައުމުގެ އެއްވެސް މުދަލެއް ނުވިއްކައި، ފައިސާ ޗާޕުނުކޮށް އަދި އިތުރު ލޯނެއް ވެސް ނުނަގައި އިގްތިސާދު ކޮޅަށް ޖެހުމަށެވެ.

މީގެ ކުރީގެ އެމްޑީޕީ ސަރުކާރުން ގައުމުގެ ހޮސްޕިޓަލްތަކާއި ސްކޫލުތައް ރަހުނުކޮށް ނަގާފައިވާ ބޮޑެތި ލޯނުތައް އަދުގެ ސަރުކާރުން ބަރާބަރަށް ދައްކަމުންދާ މިފަދަ ދަނޑިވަޅެއްގައި، ނަޝީދު މި ބާވަތުގެ ވާހަކަ ދައްކަވަނީ ގައުމަށް އޮތް ލޯތްބަށްވުރެ އަމިއްލަ ޖީބަށް އޮތް ލޯބި ބޮޑުވުމުން ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ.



ތާރީޚަށް ބަލާއިރު ވެސް، ރައީސް ނަޝީދުގެ ވެރިކަމުގައި ވަނީ ރާއްޖޭގެ މައި ދޮރާށި ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އިންޑިއާގެ ޖީއެމްއާރަށް ވިއްކާލައި، ދިރާގާއި ފެން ކުންފުނި (އެމްޑަބްލިއުއެސްސީ) ގެ ހިއްސާތައް ވެސް ބޭރު ފަރާތްތަކަށް ވިއްކާލާފައެވެ. ނަމަވެސް، އަދުގެ ސަރުކާރުން ވަނީ އެ ހިއްސާތަކުގެ ބޮޑުބައި އަލުން ދިވެހި ރައްޔިތުންގެ މިލްކިއްޔާތަށް އަނބުރާ ހޯދައިދީ، ގައުމުގެ މިނިވަންކަމާއި އިގްތިސާދީ ސިޔާދަތު ހިމާޔަތްކުރުމުގެ މަސައްކަތް ފަށާފައެވެ.

އާންމުންނާއި ސިޔާސީ މުރާސިލުން ފާހަގަކުރާ ގޮތުގައި، ނަޝީދުގެ މި އަމަލުތަކާއި ބަސްމަގުން ހާމަވަނީ އެމަނިކުފާނު ސިޔާސީ މަސައްކަތް ކުރައްވަނީ ގައުމާއި ރައްޔިތުންގެ ލާބައާއި މަންފާއަށް ނޫންކަމެވެ. ދުރު ރާސްތާގެ ދެމެހެއްޓެނިވި ތަރައްގީއަށް ހުރަސްއަޅައި، ގައުމުގެ އަގުހުރި މުދާތައް ނީލަން ކިޔަން ގޮވާލުމަކީ ގައުމު އިތުރު އަނދަވަޅަކަށް ވައްޓާލަން ރާވާ ރޭވުމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450