ޚަބަރު
އެމެރިކާއިން ދަތިކުރުންތައް ހުއްޓާލައިފިނަމަ، ހޮރުމުޒް ކަނޑުއޮޅި ހުޅުވާލަން ތައްޔާރުކަމަށް އީރާނުން ބުނެފި
ހޮރުމޫޒު ކަނޑު އޮޅި - ފޮޓޯ: އަލްޖަޒީރާ
އެމެރިކާއިން ކުރިމަތިކުރަމުންދާ އަސްކަރީ ފިއްތުންތައް ކުޑަކޮށް، އީރާނުގެ ބަނދަރުތަކަށް އަޅާފައިވާ ހުރަސްތައް ނައްތާލައިފިނަމަ، ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭގައި ހޮރުމުޒް ކަނޑުއޮޅި އަލުން ހުޅުވާލަން ތައްޔާރަށް އޮތް ކަމަށް އީރާނުގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެއެވެ.
މިކަން ހާމަކޮށްފައިވަނީ ބައިނަލްއަޤްވާމީ ޚަބަރު ފަތުރާ ޗެނަލްއެއް ކަމަށްވާ ރޮއިޓާސް އަދި ޖަޕާނުގެ ކިޔޯޑޯ ނިއުސް އޭޖެންސީންނެވެ. އެންމެ ފުރަތަމަ މި ޚަބަރު ރިޕޯޓްކުރި ކިޔޯޑޯ ނިއުސް އިން ސިފަކޮށްފައިވާ ގޮތުގައި މިއީ ވޮޝިންޓަނާއެކު އަލުން މަޝްވަރާތައް ފެށުމަށް ތެހެރާނުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމުގެ ގޮތުން ނިންމި ނިންމުމެކެވެ.
އީރާނުގެ އިސް އޮފިޝަލަކާ ހަވާލާދީ ކިޔޯޑޯ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ހަމަނުޖެހުންތަކާއި އަދާވާތްތެރިކަމަށް ދާއިމީ ހައްލެއް ހޯދުމަށް އަމާޒުކޮށް އަލުން ވާހަކަތައް ފެށުމަށް ހުށަހެޅި މި ހުށަހެޅުން، މެދުވެރިން މެދުވެރިކޮށް މިހާރު ވަނީ ވޮޝިންޓަނަށް ރައްދުކޮށްފައެވެ.
މީގެއިތުރުން ރޮއިޓާސް އަށް މައުލޫމާތު ދިން މަސްދަރަކުން ބުނެފައިވަނީ، ނިއުޔޯކުގައި މިހާރު ކުރިއަށްދާ އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވާ އީރާނުގެ ވަފުދަށް، އެމެރިކާއާއެކު ޑިޕްލޮމެޓިކް ގުޅުންތައް އަލުން ބަދަހިކުރުމުގެ ފުރިހަމަ ބާރު ދީފައިވާ ކަމަށެވެ.
ނަމަވެސް، މި ދެ ނޫސް އޭޖެންސީއަށްވެސް މައުލޫމާތު ދީފައިވަނީ އީރާނުގެ އެއް އޮފިޝަލެއް ކަމެއް އަދި މިހާތަނަށް ސާފުވެފައެއް ނުވެއެވެ. މި ހުށަހެޅުމާ ގުޅިގެން އެމެރިކާގެ ސަރުކާރުން އަދި މިހާތަނަށް ރަސްމީކޮށް އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.