ޚަބަރު
މަގު ބަންދުވުމާއި ގުޅިގެން ބައެއް ބަސް ރޫޓުތަކަށް ބަދަލު ގެނެސްފި
R10 ބަސް. ފޮޓޯ: ޕީއެސްއެމް
ހަވީރީ ހިނގުން މަގު ބަންދުކުރުމާއި ގުޅިގެން R10 (އޯކިޑު ރޫޓް) އަދި R15 (އޮރެންޖް ހިޔާ ރޫޓް)އަށް ބަދަލުގެނެސްފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އިން ވިދާޅުވެއްޖެއެވެ.
އެ ކުންފުނިން ކުރެއްވި އިއުލާނެއްގައި ވިދާޅުވީ، ހަވީރީ ހިނގުން މަގު ބަންދުކުރުމާއި ގުޅިގެން މި 2 ރޫޓުގެ ބަސްތައް ވެސްޓްޕާކް ބަސް ސްޓޮޕަށް މަޑުނުކުރާނެ ކަމަށެވެ.
މި ބަދަލާ ގުޅިގެން، ދެން މި ދެ ރޫޓުގެ ދަތުރުތައް ފެށޭނީ މާފަންނު މަދަރުސާ ކައިރީގައިވާ ބަސް ސްޓޮޕުން ކަމަށް އެމްޓީސީސީން ވިދާޅުވެއެވެ. އަދި މަޖީދީ މަގުން އާންމު އުސޫލުން ދަތުރުކުރުމަށްފަހު، ހެންވޭރުން އެނބުރި މާފަންނަށް އަންނަ ބަސްތައް ދަތުރުކުރާނީ ކަނބާ އައިސާ ރަނި ހިނގުމުން ގޮސް، ސޯޝަލް ސެންޓަރު ބަސް ސްޓޮޕަށް މަޑުކުރުމަށްފަހު، ސަބުދެލި މަގުން މަޖީދީ މަގަށް ނިކުމެ އާންމު ރޫޓަށް އެމްޓީސީސީން ވިދާޅުވެއެވެ.
އެ ކުންފުނިން ވަނީ މި ބަދަލާއިގުޅިގެން ދިމާވެދާނެ ދަތިތަކަށް މަޢާފަށް އެދިފައެވެ. އަދި މިކަމާއި ގުޅޭ ތުރު މަޢުލޫމާތު ހޯދެއްވުމަށް ކުންފުނީގެ ހޮޓްލައިން 1650 އަށް ގުޅުމަށް އެމްޓީސީސީން އެދެއެވެ.
ކަސްޓަމަރުންގެ ސަމާލުކަމަށް! pic.twitter.com/ybXTTGK4mZ
— MTCC Plc (@MTCCPlc) September 22, 2026
ހަވީރީ ހިނގުން މަގު ބަންދުކޮށްފައި ވަނީ، މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން، އެ މަގުގެ ތިންވަނަ ފިޔަވަހީގައި ހިމެނޭ ވެސްޓްޕާކް ސަރަޙައްދުގައި ފެން ހިންދާ ވަޅު ހެދުމުގެ މަސައްކަތް އެމްޓީސީސީން ފެށުމާއި ގުޅިގެނެވެ.
އެމްޓީސީސީން ފާހަގަކުރި ގޮތުގައި، ވިއްސާރަ މޫސުމުގައި މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށް ޓަކައި ޤާއިމުކުރެވޭ މި ސްޓޯމްވޯޓާ ނިޒާމުގެ ސަބަބުން، މާލޭގެ މަގުތަކުގެ ފެންވަރު އިތުރަށް ރަނގަޅުވެ، ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.