ޚަބަރު
ހަކަތައާއި ފެނާއި ކުނި މެނޭޖުކުރުމުގެ ދާއިރާއިން ޔޫއޭއީއާއެކު މަޝްވަރާކޮށްފި
މިކަމަށް ޓަކައި ބޭއްވެވި ބައްދަލުވުން. ފޮޓޯ: ތިމާވެއްޓާއި ބެހޭ ވުޒާރާ
ހަކަތައާއި ފެނާއި ކުނި މެނޭޖުކުރުމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ދިވެހިރާއްޖެއާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)އިން މަޝްވަރާކޮށްފިއެވެ.
މި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށްހުރި ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާތައް ކުރައްވާފައި ވަނީ، މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް، ރާއްޖޭގައި ހުންނަ ޔޫއޭއީ އެމްބަސީގެ ޗާޖޭ ޑި އެފެއާޒް، ހަރ އެކްސެލެންސީ ހިބާ އަލް ޖުނައިބީއާ އެކު ބޭއްވެވި ބައްދަލުވުމުގައެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލައްވާފައި ވަނީ ޔޫއޭއީގެ މަޝްހޫރު މަސްދަރު (Masdar) ކުންފުންޏާއެކު ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކުގެ މައްޗަށް ކަމަށެވެ.
އެގޮތުން، ދެ ބޭފުޅުން ވަނީ، އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިންނާއި، ބެޓެރި އެނާޖީ ސްޓޯރޭޖް ސިސްޓަމްތައް ގާއިމުކުރުމާއި، ކަރަންޓު ވިއުގަ (ގްރިޑް) ޒަމާނީ ފެންވަރަށް ތަރައްގީކުރުމާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރައްވާފައެވެ.
H.E. Minister Ali Shareef met with H.E. Heba Al Jneibi, Chargé d’Affaires, of the Embassy of the UAE in the Maldives, to discuss opportunities for cooperation in energy, water and waste management.
— Min. of Climate Change, Environment and Energy, MV (@MoEnvmv) September 21, 2026
The meeting explored collaboration with Masdar on renewable energy, battery… pic.twitter.com/CvrgPMt9ez
މީގެއިތުރުން، ކުނިން ހަކަތަ އުފެއްދުމާއި، ފެނާއި ނަރުދަމާގެ ނިޒާމުތައް ހަރުދަނާކުރުމުގެ އިތުރުން، މި ދާއިރާތަކުން ދިވެހި ފަންނީ މުވައްޒަފުން ތަމްރީނުކޮށް ގާބިލުކަން އިތުރުކުރުމަށް (ކެޕޭސިޓީ ބިލްޑިންގ) ހުރި ފުރުސަތުތަކާ ގުޅޭގޮތުން ވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވާކަން ވުޒާރާއިން ފާހަގަކުރައްވައެވެ.
ރާއްޖޭގެ ތިމާވެއްޓާއި ހަކަތައިގެ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގައި ބައިނަލްއަގުވާމީ ފަރާތްތަކުގެ އެއްބާރުލުން ލިބެމުންދާއިރު، މި ބައްދަލުވުމަކީ ރާއްޖެއާއި ޔޫއޭއީއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިވެގެންދިޔަ މުހިންމު ބައްދަލުވުމެއްކަން މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވަނީ ފާހަގަކުރައްވާފައެވެ.