ޚަބަރު
ވިލުންވެށި ގްރާންޓަށް 150 އަށްވުރެ ގިނަ ޕްރޮޕޯޒްލް
ޔޫއެންގެ އެހީގެ ދަށުން ރާއްޖޭގައި ހަދާފައިވާ ގްރީން ހައުސް ފޮޓޯ: ޔޫއެން
ވިލުންވެށި ގްރާންޓަށް މިހާތަނަށް 150 އަށްވުރެ ގިނަ ޕްރޮޕޯޒްލް ލިބިފައިވާކަން މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވެވި ޕްރެސް ކޮންފަރެންސުގައި ވާހަކަފުޅުދައްކަވަމުން މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު، އަލީ ޝަރީފު ވަނީ، ވަކިވަކި ފަރުދުންނަށް އަމާޒުކޮށްގެން ހުޅުވާލައިފައިވާ ވިލުންވެށި ގްރާންޓް ސްކީމާއި ގުޅޭ މައުލޫމާތު ހިއްސާކުރައްވާފައެވެ.
މި ޕްރޮގްރާމަކީ، ވިލުންތެރި އައު އީޖާދުތަކާއި ޑިޖިޓަލް ވަޞީލަތްތަކަށް ހިތްވަރުދީ، ތިމާވެށި ރައްކާތެރިކުރަމުން ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ހޯދޭނެ ފުރުޞަތުތައް ފަހިކޮށްދިނުމަށް އެކުލަވާލާފައިވާ މަޝްރޫޢެކެވެ. މަޝްރޫއުގެ ދަށުން މުޖުތަމައަށް ފައިދާހުރި، ދެމެހެއްޓެނިވި ގޮތެއްގައި ހިންގާ މަޝްރޫއުތަކަށް 100،000 ރުފިޔާއާ ހަމައަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ގްރާންޓަށް ހޮވޭ ފަރާތްތައް ނޮވެމްބަރު މަހުގެ ތެރޭގައި އިއުލާނު ކުރާނެއެވެ.
"އަޅުގަނޑުމެންނަށް ލިބުނު، 150 ޕްރޮޕޯސަލް މިހާރު ދަނީ އިވެލުއޭޓް ކުރެވެމުން. އެއަށްވުރެ ގިނައިން ޕްރޮޕޯސަލް ލިބުނުކަމަށް އަޅުގަނޑު ހަނދާންވަނީ،"
ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވަނީ، މިކަމަށް އާންމުންގެ ފަރާތުން ލިބުނު ހޫނު ތަރުހީބު ފާހަގަކުރައްވާ، މީގެ އިތުރު ސްކީމެއް އަންނަ އަހަރު ތެރޭގައި ހުޅުވާލުމަށް ގަސްތުކުރައްވާފައިވާކަން ފާހަގަކުރައްވާފައެވެ.
"ވިލުންވެށި ގްރާންޓް ޕްރޮގްރާމް" އަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ މާލީ އެހީތެރިކަމާއެކު، މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާއާއި، އެސްއެމްއީ ޑިޖިޓަލް ގުޅިގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. އަދި މި ގްރާންޓުގެ ދަށުން، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ދަނޑުވެރިކަމާއި ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ އިތުރުން، ޑިޖިޓަލް އަދި ތިމާވެއްޓާ ރައްޓެހި އައު އީޖާދުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.