ޚަބަރު
5 މިލިއަން ގަސް މަޝްރޫއުގެ ދަށުން 2.3 މިލިއަނަށްވުރެ ގިނަ ގަސް އިންދައިފި
5 މިލިއަން ގަސް މަޝްރޫއު. ފޮޓޯ: ވުޒާރާ
5 މިލިއަން ގަސް މަޝްރޫއުގެ ދަށުން 2.3 މިލިއަނަށްވުރެ ގިނަ ގަސް އިންދާފައިވާކަން މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު، އަލީ ޝަރީފު މިކަން ހާމަކުރެއްވީ، މިއަދު ރައީސް އޮފީހުގައި ބޭއްވެވި ޕްރެސް ކޮންފަރެންސުގައެވެ.
ފަސް މިލިޔަން ގަސް އިންދުމުގެ ގައުމީ މަޝްރޫއަކީ ރާއްޖޭގައި ނެތެމުންދާ ގަސްތައް އަލުން އާލާކުރުމާއި، ޤުދުރަތުގެ ފެހިކަން އިތުރުކޮށް މާޙައުލީ ނިޒާމު ދެމެހެއްޓުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން ކުރިއަށް ގެންދެވޭ ހާއްސަ މަސައްކަތެކެވެ. މި މަސައްކަތް އިފްތިތާހުކޮށްފައި ވަނީ، 2024 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.
ވަޒީރު ވަނީ، އަމާޒުގެ ދެބައިކުޅަ އެއްބައި ހާސިލުވެފައިވާކަން ފާހަގަކުރައްވާ، ކަނޑައެޅިފައިވާ މުއްދަތު ހަމަވުމުގެ ކުރިން އަމާޒަށް ވާސިލުވެވޭނެ ކަމުގެ ފުރިހަމަ އުއްމީދު އެބައޮތް ކަމަށް ވިދާޅުވެފައެވެ.
5 މިލިޔަން ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން ޤާއިމުކުރާ އެންމެ ޒަމާނީ ނާސަރީގެ އެންމެ ފަހުގެ މަޢުލޫމާތު ޙިއްޞާކުރައްވަމުން ވަޒީރު ފާހަގަކުރެއްވީ، އެ މަސައްކަތްތައް މެދުކެނޑުމެއްނެތި މިހާރުވެސް ހިނގަމުންދާ ކަމަށެވެ.
ރާއްޖެ ފެހިކުރުމުގެ މަސައްކަތް ދެމެހެއްޓެނިވި އުސޫލަކުން ކުރިއަށް ގެންދިއުމުގެ މަޤްޞަދުގައި، މުޅި ރާއްޖެއަށް ޢަމާޒުކޮށް 20 ނާސަރީ ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެވި، ފުރަތަމަ ފިޔަވަހީގައި ހިމެނޭ 10 ރަށެއްގެ ޢަމަލީ މަސައްކަތްތައް މިހާރު ވަނީ ފެށިފައެވެ.
ޚާއްޞަކޮށް ރ. އިންނަމާދޫގައި ޤާއިމުކުރާ ނާސަރީގެ ފައުންޑޭޝަން މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަން ހާމަކުރައްވަމުން ވަޒީރު ފާހަގަކުރެއްވީ، މި ހުރިހާ ނާސަރީތަކެއްގެ މަސައްކަތް ނިމިގެން ދިއުމުން، ރަށްރަށުގައި ގަސްގަހާގެހި އިންދައި ފެހިކަން އިތުރުކުރުމުގެ ކަންކަން މާބޮޑަށް ލުއިފަސޭހަވެ، ދެމެހެއްޓެނިވި ގޮތެއްގައި އެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށެވެ.