ޚަބަރު
މިއަހަރު ސްކޭމް މައްސަލަތަކަށް ގެއްލުނު ރުފިޔާގެ އަދަދު 15 މިލިއަނަށްވުރެ މައްޗަށް
ހުސެއިން އާދަމް ބިލްޑިންގ - ފޮޓޯ: ޕީއެސްއެމް
މިއަހަރު ސްކޭމް މައްސަލަތަކަށް ގެއްލުނު ރުފިޔާގެ އަދަދު 15 މިލިއަނަށްވުރެ މައްޗަށް ގޮސްފައިވާކަން ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކުރައްވައިފިއެވެ.
ފުލުހުން މިކަން ހާމަކުރެއްވީ، 2024 ވަނަ އަހަރު 3 ވުޒާރާއެއްގައި ހިނގި އަލިފާނުގެ ހާދިސާއާއި، މި އަހަރު ސްކޭމާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތާއި ގުޅޭ މައުލޫމާތު ހިއްސާކުރެއްވުމުގެ ގޮތުން ހެޑް އޮފް މޭޖާރ ކްރައިމް އިންވެސްޓިގޭޝަން، ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރަޝީދު އިސްކޮށް ހުންނަވާ ބޭއްވި ޕްރެސް ކޮންފަރެންސުގައެވެ.
މިކަން ހާމަކުރައްވަމުން ފުލުހުން ވިދާޅުވީ، ޖުމްލަ 1584 ސްކޭމް މައްސަލައެއް މި އަހަރު ހުށައަޅާފައިވާ ކަމަށެވެ.
އަދި މި ކުށްތަކުގެ ޝިކާރައަކަށްވެފައި ވަނީ ޖުމްލަ 1580 މީހުން ކަމަށާއި، ގެއްލުނު ރުފިޔާގެ ޖުމްލަ އަދަދަކީ 15،067،763.83 ކަމަށް ފުލުހުން ވިދާޅުވިއެވެ. މީގެ ތެރެއިން، 6.6 މިލިއަން ރުފިޔާ އަނބުރާ ހޯދާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. މިއީ ގެއްލުނު ފައިސާގެ ނިސްބަތަށް ބަލާއިރު، 44.3 އިންސައްތަކަން އެ އިދާރާއިން ފާހަގަކުރެއްވިއެވެ.
ދުނިޔޭގެ އެހެން ގައުމުތަކުގެ ވެސް އެންޓި ސްކޭމް މައްސަލަތަކާ ދެކޮޅަށް ކުރާ މަސައްކަތާ އަޅާ ބަލާއިރު، މިއީ، ބައިނަލްއަގްވާމީ ގޮތުން ފާހަގަކޮށްލެވޭ މަސައްކަތެއް ކަމަށް ފުލުހުން ވިދާޅުވެއެވެ.
އަދި ހަމައެހެންމެ، އަހަރުގެ މިހާތަނަށް، 852 ރައްޔިތަކަށް ފައިސާ އަނބުރާ ރައްދުކޮށްދެވިފައިވާ ކަމަށާއި، 320 ރައްޔިތެއްގެ އަތުން ގެއްލުނު ފައިސާގެ ބައެއް ވާނީ ރައްދުކޮށްދެވިފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.
އެންމެ ގިނައިން ރާއްޖޭގައި ހިނގަނީ، އިންޓަނެޓް މެދުވެރިކޮށް، ނުވަތަ އޮންލައިންކޮށް ހިނގާ ސްކޭމްތައް ކަމަށް ފުލުހުން ވިދާޅުވެއެވެ. އެގޮތުން، އީ-ކޮމާސް ސްކޭމުގެ ގޮތުގައި 821 މައްސަލަ ވަނީ ހުށައެޅިފައެވެ.
ދެވަނައަށް އެންމެ ގިނައީ ކަރަންސީ އެކްސްޗޭންޖް ސްކޭމްތައް ކަމަށާއި، މިފަދަ 244 މައްސަލައެއް ވަނީ މިހާތަނަށް ހުށައެޅިފައި ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި 213 މައްސަލައަކީ ޝަހުސު އޮޅުވާލައިގެން ހިންގޭ ސްކޭމްތައް ކަމަށް ފުލުހުން ވިދާޅުވެއެވެ. މިއީ 3 ވަނައަށް އެންމެ ގިނަ ބާވަތެވެ.
މީގެ އިތުރުން ފުލުހުން ވަނީ، މުޅިން އަލަށް މުޖުތަމައުން ފެންނަން ފެށި، "ބުކިން ކެންސަލޭޝަން ރީ ފަންޑް ސްކޭމް" ފާހަގަކުރައްވާފައެވެ. މި މައްސަލަ ފުރަތަމަ ފާހަގަކުރެވުމާއެކު، މީހުން ހޭލުންތެރިކުރުމުގެ މަސައްކަތްތަކެއް ކުރެވިފައިވާކަން ފުލުހުން ވަނީ ފާހަގަކުރައްވާފައެވެ. ނަމަވެސް، މިކަމާއި ގުޅޭ 80 މައްސަލައެއް އަހަރުގެ މިހާތަނަށް ވަނީ ހުށައަޅާފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.
މިއީ ރިސޯޓުތަކާއި، ހޮޓާތައް ހިންގާ ފަރާތްތަކާއި، ތަންތަން ކުއްޔަށްދޭ ފަރާތްތަކަށް އަމާޒުކޮށް ހިންގާ ކަމެއް ކަމަށާއި، މި ސްކޭމުގައި، ބުކިންގއެއް ހެދުމަށް ފައިސާ ޖަމާކުރި ކަމަށް ބުނެ ބޭންކް ސްލިޕު ފޮނުވައި، ބުކިންގ އިތުރަށް ބޭނުން ނުވާ ކަމަށާއި، ފައިސާ ރައްދުކުރުމަށް އެދޭކަން ފުލުހުން ފާހަގަކުރެއްވިއެވެ.