Ads by Farudhun

ޚަބަރު

ކަނޑާއި ފަޅުން ގޯތި ދިން ވާހަކަ ދެއްކުމުން ކައުންސިލަރު ސަމާހުގެ މައިކް ކަނޑާލައި ފުރައްސާރަކޮށްފި

ކަނޑާއި ފަޅުން ގޯތި ދިން ވާހަކަ ދެއްކުމުން ކައުންސިލަރު ސަމާހުގެ މައިކް ކަނޑާލައި ފުރައްސާރަކޮށްފި

ކައުންސިލަރު ސަމާހު ވާހަކަ ދަައްކަނީ

farudhun logo

ފަރުދުން

24 ސެޕްޓެމްބަރު 2026، 04:17

24 ސެޕްޓެމްބަރު 2026، 04:17

މާލެ ސިޓީ ކައުންސިލްގެ ޖަލްސާއެއްގައި ޕީއެންސީގެ ކައުންސިލަރު އިބްރާހިމް ސަމާހް ވާހަކަދައްކަވަމުން ގެންދަވަނިކޮށް، އެމްޑީޕީގެ ކައުންސިލަރު އަހުމަދު ޣާލިބް އޭނާގެ މައިކް ކަނޑާލައި ފުރައްސާރަ ކުރި މައްސަލައެއް ފެންމަތިވެ، އެކަމާ ގުޅިގެން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވާން ފަށައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ ސިޓީ ކައުންސިލުން އިއްޔެ ބޭއްވި ރަސްމީ ޖަލްސާގައެވެ. ކައުންސިލްގެ ރަސްމީ މީސްމީޑިއާ ޕްލެޓްފޯމްތަކުގައި އާންމުކޮށްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ހުޅުމާލެ ދެކުނު ދާއިރާގެ ޕީއެންސީ ކައުންސިލަރު ސަމާހު ވާހަކަދައްކަވަން އިންނަވަނިކޮށް، ހަމަ އެ ދާއިރާގެ އެމްޑީޕީ ކައުންސިލަރު ޣާލިބް ވަނީ ސަމާހު ބޭނުންކުރައްވަމުން ގެންދެވި މައިކުގެ އަޑު ކަނޑާލައްވާފައެވެ. މައިކުގެ އަޑު ކަނޑާލި ނަމަވެސް އެކަން އެވަގުތު ސަމާހަށް އެނގިވަޑައިނުގަތުމުން، އޭނާ ގެންދެވީ މައިކް އޮންކޮށްފައި އިން ކަމަށް ހީކުރައްވައި ވާހަކަ ކުރިއަށް ގެންދަވަމުންނެވެ.

ސަމާހުގެ މައިކް ކަނޑާލިއިރު، އޭނާ ދައްކަވަމުން ގެންދެވީ ކުރީގެ އެމްޑީޕީ ސަރުކާރުން ބިން ނުހިއްކައި "ކަނޑާއި ފަޅުން" ގޯތި ދޫކުރި މައްސަލައިގެ ވާހަކައެވެ. އެގޮތުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުރު ނިމުނުއިރު ނުހިއްކައި އޮތް ހުޅުމާލެ ތިންވަނަ ފިޔަވައްސާއި، ގުޅިފަޅު އަދި ގިރާވަރުފަޅުން ގޯތި ދޫކޮށްފައިވާ ކަމަށް ސަމާހު ވިދާޅުވިއެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވެރިކަމާ ހަވާލުވެ، ހުޅުމާލެ ފޭސް 3 އާއި ގުޅިފަޅު ހިއްކައި، އެތަންތަނުން ގޯތި ލިބުނު ފަރާތްތަކަށް ބިން ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، މި އަހަރުގެ ނިޔަލަށް ގިރާވަރުފަޅު ވެސް ހިއްކައި ނިންމުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

"މި ގައުމުގެ ކުޑަކުދިންނަށް ވެސް އެނގޭނެ ހަގީގަތެއް އެއީ، ކަނޑާއި ފަޅުންކަން ގޯތި ދީފައި ހުރީ އެމްޑީޕީ ސަރުކާރުންކަން. ކަނޑުތަކާއި ފަޅުތަކުން ދީފައި ހުރި ގޯތިތައް މި ސަރުކާރުން..." ސަމާހު ވިދާޅުވަމުން ގެންދަވަނިކޮށް، ކައުންސިލަރު ޣާލިބު ވަނީ މައިކްގެ ސްވިޗަށް ފިއްތާލައި އަޑު ކަނޑާލާފައެވެ.



ނަމަވެސް، މި ހާދިސާ ހިނގައިދިޔައިރު ޖަލްސާގެ ރިޔާސަތުގައި އިންނެވި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް، އެކަމާ ގުޅިގެން އެއްވެސް ފިޔަވަޅެއް އަޅުއްވާފައެއް ނުވެއެވެ. އޭގެ ބަދަލުގައި، ސިޓީ ކައުންސިލްގައި ތިއްބަވާ އެމްޑީޕީގެ މެމްބަރުން ގެންދެވީ ހީ ސަމާސާކޮށް، ކައުންސިލަރު ސަމާހަށް މަލާމާތް ކުރައްވަމުންނެވެ.

މާލެ ސިޓީ ކައުންސިލްގެ ޖަލްސާތަކުގައި ސަމާހު ވާހަކަދައްކަވާ ވަގުތުތަކުގައި އެމްޑީޕީގެ ކައުންސިލަރުން ޖެއްސުންކޮށް، މިފަދަ އަމަލުތައް ތަކުރާރުކޮށް ހިންގަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. އެގޮތުން، ހުޅުމާލޭގައި ހޮސްޕިޓަލެއް އެޅުމަށް ސަރުކާރަށް ބިން ދޭން ނުޖެހޭނެ ކަމަށް ބުނެ އެމްޑީޕީގެ މެމްބަރުން ކުރިން ދެއްކެވި ވާހަކަތަކާ ގުޅިގެން ވެސް ޖަލްސާ ހޫނުވެ، އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އެ މެމްބަރުންނަށް އަމާޒުވިއެވެ.

ސަމާހު ވާހަކަދައްކަވަނިކޮށް މައިކް ކަނޑާލި މައްސަލައިގައި އާންމުންގެ ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެއީ ޑިމޮކްރެޓިކް ހަމަތަކާއި ޕްރޮފެޝަނަލް މިންގަނޑުތަކާ މުޅިން ހިލާފު، ދަށު ދަރަޖައިގެ އަމަލެއްގެ ގޮތުގައި ސިފަކޮށް، ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން މި މައްސަލަ ބަލައި ކައުންސިލަރު ޣާލިބަށް ފިޔަވަޅު އެޅުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450