ޚަބަރު
ރަސްމާލެ މަޝްރޫޢާއެކު ޔާމީނަށް ލޮލަށް ނިދިނައިސްގެން ތިއުޅެނީ ރައީސް މުޢިއްޒުގެ ކާމިޔާބީ ހަޖަމުނުވެގެން: ފަލާޙު
އެމްޕީ ފަލާހު - ފޮޓޯ: ސީ.އެމްވީ
ރާއްޖޭގެ ތާރީޚުގައި ވެސް ނުހިންގާ ފަދަ ބިޔަ މަޝްރޫޢެއްގެ ގޮތުގައި ރަސްމާލެ ތަރައްޤީކުރަން ސަރުކާރުން ނިންމުމުން، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މޭކަރައި ލޮލަށް ނިދިނައިސްގެން އުޅުއްވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޤައުމަށް ހޯދައިދެމުންދާ ކުރިއެރުމާއި ކާމިޔާބީ ހަޖަމުނުވެގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙު ވިދާޅުވެއްޖެއެވެ.
މެންބަރު ފަލާޙު މިހެން ވިދާޅުވީ، ރަސްމާލެ މަޝްރޫޢަކީ ބޮޑު ބޭކާރު ޚަރަދެއް ކަމަށާއި އެ މަޝްރޫޢުގެ ހަޤީޤީ މަންފާ ލިބެނީ ފަލަސްޠީނުގެ ރައްޔިތުން ޝަހީދުކުރަމުންދާ ޔަހޫދީންނަށް ކަމަށް ބުނެ ޕީއެންއެފްގެ ޖަލްސާއެއްގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވަމުންނެވެ. އެ ޖަލްސާގައި ޔާމީން ވަނީ ދުބާއީގެ ކުންފުންޏަކަށް ރަސްމާލެއިން 99 އަހަރަށް ބިން ދިނުމަކީ ރައްޔިތުންގެ ބިމުން ވައްކަން ކުރުން ކަމަށް ސިފަކުރައްވައި، އެ ބިންތައް އަނބުރާ އަތުލާނެ ކަމަށް ވިދާޅުވެފައެވެ.
ރައީސް ޔާމީނަށް ވަރުގަދަ ރައްދެއް ދެއްވަމުން ފަލާޙު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޔާމީން އެގޮތަށް އުޅުއްވަނީ މި ޤައުމާއި ރައްޔިތުންނަށް އެއްވެސް ކުލުނެއް ހިތްޕުޅުގައި ނެތުމުން ކަމަށެވެ. އަދި ދަޢުލަތުގެ ޚަޒާނާ ކައިލައިގެން ހުރި މީހަކަށް ދެން ވެރިކަމުގެ ވަސްވެސް ދުވާ ހިސާބަކަށް ނާދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އިންޝާﷲ އަދި ތި ރާވާ ނުބައި އެއްވެސް ރޭވުމެއް ކާމިޔާބެއް ނުވާނެ. އަމިއްލައަށް ވެރިކަން ކުރި ގޮތް ހަނދާންކޮށްލާފައި ކަރުދާސްކޮޅެއްގައި ރައީސްގެ ނަން ޖަހާލައިގެން ބޯދަށަށް ލައިގެން ނިދާލާ ދެން،"
ފަލާޙު ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކުން މި މަޝްރޫޢާ ދެކޮޅަށް ދޮގު މަޢުލޫމާތު ފަތުރަމުންދާއިރު، ސަރުކާރުން ވަނީ ރަސްމާލެއިން އެންމެ ބިންކޮޅެއް ވެސް ބޭރުގެ އެއްވެސް ފަރާތަކަށް ވިއްކާނުލާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދީފައެވެ.
ޕީއެސްއެމްގެ "ރާއްޖެމިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު ވިދާޅުވީ، ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ ވޯޓާފްރަންޓަކާއި މެރީނާއެއް ތަރައްޤީކުރަން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދިނީ ރާއްޖޭގައި ރިސޯޓުތައް ތަރައްޤީކުރަން ވެސް 99 އަހަރަށް ބިން ކުއްޔަށްދޭ "ލީސް ރައިޓްސް" އުސޫލުން ކަމަށެވެ. އަދި ބިމުގެ މިލްކުވެރިކަން އަބަދުވެސް އޮންނާނީ ދިވެހި ދަޢުލަތަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެއިތުރުން، އީގަލް ހިލްސް ކުންފުންޏަކީ ދުނިޔޭގެ 18 ޤައުމެއްގައި އެތައް ބިލިއަން ޑޮލަރެއްގެ މަޝްރޫޢުތައް ހިންގާ، އިސްލާމީ އުންމަތަށް އެހީތެރިވުމުގައި ފާހަގަކޮށްލެވޭ މުސްލިމް ޗެއާމަނަކު ހުންނެވި މަޤްބޫލު ކުންފުންޏެކެވެ. ރަސްމާލޭގެ 500 ހެކްޓަރުގައި އެ މަޝްރޫޢު ހިންގާއިރު، ބާކީ އޮތް 600 ހެކްޓަރަކީ ދިވެހި ރައްޔިތުންގެ ބޯހިޔާވަހިކަމަށް ޚާއްޞަކޮށްފައިވާ ސަރަޙައްދެކެވެ. މިއީ ހުޅުމާލޭގެ 1، 2 އަދި 3 ވަނަ ފިޔަވަހި އެއްކޮށްލުމުން ވާ ވަރަށް ވުރެ ވެސް ބޮޑު ސަރަޙައްދެކެވެ.
މިނިސްޓަރު ޒަރީރު ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ ޖީޑީޕީގެ ނިސްބަތުން ތިންގުނަ ބޮޑު މި މަޝްރޫޢަކީ ރާއްޖޭގެ އިޤްތިޞާދު ބަދަލުކޮށްލާނެ ތާރީޚީ މަޝްރޫޢެކެވެ. މި މަޝްރޫޢާއެކު ޒަމާނީ ހޮސްޕިޓަލްތަކާއި، ސްކޫލްތަކާއި، ހޮޓާތައް ޤާއިމުވެ، އަހަރަކު އެއް މިލިއަނަށް ވުރެ ގިނަ ފަތުރުވެރިންނަށް އެ ސަރަޙައްދުން ޚިދުމަތް ދެވިގެންދާނެއެވެ.