Ads by Farudhun

ޚަބަރު

ގިނަ ފަސޭހަތަކާއި، އައު ސިފަތަކާ އެކު ދިވެހިބަހުގެ ރަދީފުގެ އައު އިސްދާރު ނެރެފި

ގިނަ ފަސޭހަތަކާއި، އައު ސިފަތަކާ އެކު ދިވެހިބަހުގެ ރަދީފުގެ އައު އިސްދާރު ނެރެފި

ފޮޓޯ: ދިވެހި ބަހާ ސަގާފަތާ ބެހޭ ވުޒާރާ

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

26 ސެޕްޓެމްބަރު 2026، 01:33

26 ސެޕްޓެމްބަރު 2026، 01:33

ޒަމާނީ ފަންނިއްޔާތުގެ އެހީގައި ދިވެހިބަސް ކުރިއެރުވުމަށާއި، ބަސް ބޭނުންކުރާ ފަރާތްތަކަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމުގެ މަޤްޞަދުގައި، ދިވެހިބަހުގެ އެކެޑަމީން ދިވެހިބަހުގެ ރަދީފުގެ އައު އިސްދާރު (އެޕްލިކޭޝަން) ރަސްމީކޮށް ނެރެފިއެވެ.

މި އެޕްލިކޭޝަން އާންމުކޮށްފައިވަނީ ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުންނެވެ. މި އައު އިސްދާރު ފަރުމާކޮށްފައިވަނީ ކުރީގެ އިސްދާރުތަކާ ޚިލާފަށް، ބަސް ހޯދުމާއި ބަހުގެ އެކި މަޢުލޫމާތުތައް ދެނެގަތުމަށް ގިނަގުނަ އައު ސިފަތަކާއި ލުއިފަސޭހަތަކެއް ހިމަނައިގެންނެވެ.

އެ މިނސްޓްރީއިން މައުލޫމާތު ދެއްވި ގޮތުގައި އައު އިސްދާރުން ލިބިގެންދާ އެންމެ ފާހަގަކޮށްލެވޭ އެއް ފަސޭހައަކީ ކޮންމެ އަކުރެއްގެ ރަދީފު ވަކިވަކިން ބަލައިލެވޭނެ އިންތިޒާމު ހަމަޖެހިފައިވުމާއި، ހުރިހައި ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ފަސޭހަކަމާއެކު ފެންނަން ހުރުމެވެ. މީގެއިތުރުން، ބޭނުންކުރާ ފަރާތްތަކަށް އެންމެ މަޤުބޫލު ލަފުޒުތައް ފާހަގަކޮށްފައި (ފޭވަރިޓްސްގެ ގޮތުގައި) ބެހެއްޓޭނެ އިންތިޒާމާއި، ކުރިން ހޯދައިފައިވާ ލަފުޒުތަކުގެ ތާރީޚު ވަކިން ފެންނާނެ ނިޒާމެއް ވެސް މި އެޕްލިކޭޝަންގައި ވަނީ ޤާއިމުކޮށްފައެވެ. އަދި މީގެ ކުރިން ލަފުޒެއްގެ މާނަ އެހެން ފަރާތްތަކާ ހިއްސާކުރެވެނީ ހަމައެކަނި ލިންކެއްގެ ގޮތުގައި ކަމަށް ވިޔަސް، މި އައު އިސްދާރު މެދުވެރިކޮށް ލަފުޒާއި އޭގެ މާނަ އެކީގައި ފަސޭހަކަމާއެކު ހިއްސާކޮށްލެވޭނެއެވެ.

ދިވެހިބަހުގެ މުއްސަނދިކަން އިތުރުކުރުމުގެ ގޮތުން، ކޮންމެ އަހަރަކު އަލަށް ރަދީފަށް އިތުރުކުރެވޭ ލަފުޒުތައް "ބަސްތޫރަ ލިސްޓު"ން ވަކިން ފެންނަން ހުންނާނެ ގޮތް ވަނީ ހަމަޖައްސައިފައެވެ. ހަމައެއާއެކު، އާންމުކޮށް ބޭނުންކުރާ ރަސްމީ ބަހުގެ އިތުރުން، ރާއްޖޭގެ އެކި އަތޮޅުތަކުގެ ބަހުރުވަތަކުގެ ރަދީފުތަކާއި، ކާބަފައިންގެ ޒަމާނުއްސުރެ ބޭނުންކުރަމުން އައި ބޯދާބަސްތައް ވެސް ވަކިވަކިން ބަލައިލެވޭނެ އިންތިޒާމު މި އެޕުން ވަނީ ފަހިކޮށްދީފައެވެ. އަދި ކުރިން ވެސް ތަޢާރަފުކޮށްފައިވާ "ދުވަހުގެ ލަފުޒު"ގެ ބައި މުއްސަނދިކޮށް، ކުރީގެ ކޮންމެ ދުވަހެއްގެ ލަފުޒު ވެސް އެއް ތަނަކުން ފަސޭހައިން ބަލައިލެވޭނެ ގޮތް ވަނީ ހަދައިފައެވެ.

އުނގެނުމާއި ދިރާސާކުރާ ފަރާތްތަކަށް ޚާއްޞަ ލުއިފަސޭހަތަކެއް ފޯރުކޮށްދިނުމުގެ ގޮތުން، ބަހުގެ ޤަވާއިދުގެ ބައިތައް ކަމުގައިވާ ނަން، ކަން އަދި ނަންއިތުރު ފަދަ ބައިތައް ވަކިން ބަލައިލެވޭނެ ގޮތް ވަނީ ހަމަޖައްސައިފައެވެ. އަދި އަދަބީ ގިންތީގެ ބަސްތަކާއި، މިސާލުބަހާއި ހަރުބަސްތައް ވެސް ވަކި ގިންތިތަކަކަށް ބަހައިލައިގެން ފެންނަން ހުންނާނެއެވެ. މީގެ އިތުރުން ދޫނިސޫފާސޫތްޔާއި، ގަސްގަހާގެއްސާއި، ތަފާތު ބަލިބަލީގެ ނަންތައް ފަދަ ޚާއްޞަ ގުރޫޕުތަކުގެ ލިސްޓުތައް ވެސް މި އިސްދާރުގައި ހިމަނައިފައިވެއެވެ. ދިވެހިބަހުގެ އެކެޑަމީން ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި މި ބައިތައް އިތުރަށް މުއްސަނދިކޮށް ތަރައްޤީކުރަމުން ގެންދާނެ ކަމަށެވެ.

ބަހަށް ލޯބިކުރާ ފަރާތްތަކަށް ހިތްވަރުދީ، ޝައުޤުވެރިކަން އިތުރުކުރުމުގެ ގޮތުން ބަހުގެ އެކި ކުޅިވަރުތަކާއި، މިހާރުގެ ތަފާސްހިސާބުތަކާއި ބަހުގެ ތަފާތު ޙަރަކާތްތަކުގެ މަޢުލޫމާތު ވެސް މި އެޕްލިކޭޝަނުން ލިބެން ހުންނާނެއެވެ. އަދި މިއީ ބޭނުންކުރާ ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ އަދި އައު ލަފުޒުތަކާއި މާނަތައް ހުށަހެޅޭ ގޮތަށް ފަރުމާކޮށްފައިވާ އެޕްލިކޭޝަނަކަށް ވާތީ، އެޕް އިތުރަށް ފުރިހަމަކުރުމަށްޓަކައި ޢާންމުންގެ އިޞްލާޙީ ޚިޔާލުތައް ހިއްސާކުރެއްވުމަށް އެކެޑަމީން ވަނީ އެދިވަޑައިގެންފައެވެ.

ދިވެހިބަހުގެ ރަދީފަށް ގެނެވުނު މި އައު ބަދަލުތަކާއި ޒަމާނީ ފަސޭހަތަކާ އެކު، މިއަދު ފެންނަން މި އޮތް ފެންވަރަށް މި އެޕްލިކޭޝަން ތަރައްޤީކޮށްފައިވަނީ ދިވެހިބަހުގެ އެކެޑަމީގެ ބަސް ކޮމިޓީގެ ލަފަޔާއި އިރުޝާދުގެ ދަށުން، ސޮފްޓްވެއަރ ޑިވެލޮޕަރ އަޙްމަދު ނަދީމެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450