ޚަބަރު
ރަސްމާލޭގެ ބިންތަކަކީ ދައުލަތުގެ މިލްކެއް، ޕްރޮޕަޓީއެއް ގަތަސް އޮޓަމެޓިކުން ވިސާއެއް ނުލިބޭނެ: މުއްޠަލިބު
މިނިސްޓަރު މުއްތަލިބު ރަސްމާލެ ޕރޮޖެކްތްގައި ސޮއި ކުރުމުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް
ރަސްމާލެ މަޝްރޫޢުގެ ދަށުން ތަރައްޤީކުރާ ޕްރޮޕަޓީތައް ގަންނަ ފަރާތްތަކަށް މިލްކުވާނީ ހަމައެކަނި އެ ޕްރޮޕަޓީ ކަމަށާއި، އެ ޕްރޮޕަޓީ ހިމެނޭ ބިމަކީ އަބަދުވެސް ދިވެހި ދައުލަތުގެ ފުރިހަމަ މިލްކުވެރިކަން އޮންނާނެ ބިމެއް ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ.އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މުއްޠަލިބު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރަސްމާލޭން ޕްރޮޕަޓީ ގަންނަ ފަރާތެއް މަރުވެގެން ވާރުތަވާ ހާލަތުގައި ނުވަތަ އެހެން ފަރާތަކަށް ވިއްކާލާ ހާލަތުގައި ވެސް، އެކަން ކުރެވޭނީ ދިވެހި ސަރުކާރުން ބަލަންޖެހޭ އެންމެހައި ކަންކަން ބަލައި، ކަނޑައެޅިފައިވާ ފީ ނެގުމަށްފަހު ސަރުކާރުންހުއްދަ ދިނުމުން ކަމަށެވެ. އެހެންކަމުން އެފަދަ ތަންތަން އޮޓަމެޓިކުން ވާރުތަވާނޭ ކަމަށް ދެކެވޭ ވާހަކަތަކަކީ އެއްވެސް ޙަޤީޤަތެއް ނެތް ވާހަކަތަކެއްކަން ވަޒީރު ސާފުކޮށްދެއްވިއެވެ. މީގެއިތުރުން، ރާއްޖޭގައި މިހާރުވެސް ހިންގާ ބޭރުގެ ފަރާތްތަކުގެ ރިސޯޓުތަކާއި ވިޔަފާރިތަކަކީވެސް ޤާނޫނީ ހަމަތަކުގެ މަތިން ވިއްކައި، ބަދަލުކޮށް، އަދި ވާރުތަވާ މުދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ރަސްމާލެއިން ޕްރޮޕަޓީއެއް ގަތުމަކީ އެމީހަކަށް ނުވަތަ އެމީހެއްގެ ޢާއިލާއަށް އޮޓަމެޓިކުން ރާއްޖޭގެ ވިސާ ލިބޭނެ ކަމެއް ނޫންކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ވިސާ ދިނުމަކީ އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން ބަލަންޖެހޭ މިންގަނޑުތަކަށް ބެލުމަށްފަހު ހަމައެކަނި އެ އިދާރާއިން ނިންމާ ކަމެއް ކަމަށެވެ. އަދި ވިސާ ދޫކުރުމާއި، ކެންސަލްކުރުމުގެ ފުރިހަމަ ބާރު އަބަދުވެސް އޮންނާނީ މޯލްޑިވްސް އިމިގްރޭޝަނަށް ކަމަށްވެސް ވިދާޅުވިއެވެ.
ރަސްމާލޭން ޕްރޮޕަޓީ ގަންނަ ފަރާތުގެ މިލްކަކީ އެ ޕްރޮޕަޓީއެކެވެ. އެ ޕްރޮޕަޓީ ހިމެނޭ ބިމަކީ ދިވެހި ދައުލަތުގެ މިލްކެކެވެ. އެ ޕްރޮޕަޓީއެއް ވިއްކާލާނަމަ، ނުވަތަ އެފަރާތެއް މަރުވުމުން ވާރުތަވާނަމަ، ވާރުތަވާނީ ދިވެހި ސަރުކާރުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ހުއްދަކުރާނަމައެވެ.… https://t.co/JOs6Y21dJO
— Abdulla Muththalib (@muththo) September 27, 2026
މިނިސްޓަރު މުއްޠަލިބު އިތުރަށް ވިދާޅުވީ، ދިވެހި ދައުލަތަކީ ފަޚުރުވެރި މިނިވަން ދައުލަތެއް ކަމަށާއި، ދައުލަތް ތަނަވަސްވެ އިޤްތިޞާދީ ގޮތުން ތަރައްޤީވަމުން ދިއުމަކީ ޤައުމުގެ އިސްތިޤުލާލު ވަރުގަދަވެ، ބޭރުގެ ނުފޫޒުތަކުން ސަލާމަތްވެ އޮތުމަށް ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ. އަދި ދިވެހިރާއްޖެ މުއްސަނދި ޤައުމަކަށް ވުމަކީ ރާއްޖެއަށް ނުފޫޒު ފޯރުވަން ބޭނުންވާ ފަރާތްތަކުން އެދޭނެ ކަމެއް ނޫން ކަމަށާއި، މިއަދު ރާއްޖެއަށް ބޭނުންވަނީ ކުރު މުއްދަތުގެ މަންފާއަށްވުރެ ބޮޑަށް އަންނަން އޮތް ޖީލުތަކަށް ދެމިގެންދާނެ ފަދަ ބިޔަ ތަރައްޤީގެ މަޝްރޫޢުތައް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރަސްމާލެ މަޝްރޫޢާ ގުޅޭގޮތުން މާލީކަންކަމާއި ބެހޭ ވަޒީރު ޙަސަން ޒަރީރު ވެސް މީގެކުރިން ވަނީ ދައުލަތުގެ މީޑިއާގައި ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން، ރަސްމާލޭގައި ތަރައްޤީކުރާ 20 ބިލިއަން އެމެރިކާ ޑޮލަރުގެ ބިޔަ ވޯޓާފްރަންޓް އަދި މެރީނާ މަޝްރޫޢަކީ ބިން ކުއްޔަށް ދީގެން ކުރިއަށްގެންދާ މަޝްރޫޢެއް ކަމަށާއި، ރަސްމާލެއިން އެންމެ އިންޗިއެއްވެސް ވިއްކައިނުލެވޭނެ ކަމަށް ވަޒީރު ޒަރީރު ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ ބިމުން އެންމެ އަކަފޫޓެއްވެސް ބޭރުގެ ފަރާތަކަށް ވިއްކައިނުލައްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ވަނީ ދެއްވާފައެވެ.
މީގެއިތުރުން، އެ މަޝްރޫޢުގެ ދަށުން ތަރައްޤީކުރާ ވޯޓާފްރަންޓާއި މެރީނާ އަދި ރިއަލް އެސްޓޭޓް އިމާރާތްތަކުގެ ލީސް ރައިޓްސް ދޫކޮށްގެން ލިބޭ ހުރިހާ ފައިސާއެއް ޖަމާކުރާނީ ދިވެހި ސަރުކާރާއެކު ރާއްޖޭގެ ބޭންކިންގ ނިޒާމުގެ ތެރޭގައި ޤާއިމުކުރެވޭ ޚާއްޞަ އެސްކްރޯ އެކައުންޓަކަށް ކަމަށްވެސް މާލީ ވަޒީރު ވަނީ ވިދާޅުވެފައެވެ. މި މަޝްރޫޢު ކުރިއަށްދާނީ ރާއްޖޭގެ ޤާނޫނުތަކާއި ޤަވާޢިދުތަކުގެ ތެރެއިން 99 އަހަރުގެ މުއްދަތަށް ބިން ކުއްޔަށް ދޫކުރުމުގެ އުޞޫލުގެ ދަށުންނެވެ.