ޚަބަރު
އެޗްޑީސީން ގާއިމުކުރަމުންދާ އައުޓްޑޯ ޖިމްތަކުގެ ތެރެއިން 7 ރަށެއްގެ ޖިމް ނިންމާލައިފި
އެޗްޑީސީން ގާއިމުކުރަމުންދާ އައުޓްޑޯ ޖިމް. ފޮޓޯ: އެޗްޑީސީ
ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އަތޮޅުތަކުގައި ގާއިމުކުރަމުންދާ އައުޓްޑޯ ޖިމްތަކުގެ ތެރެއިން 7 ރަށެއްގެ ޖިމްގެ މަސައްކަތް ނިންމާލައިފިއެވެ.
އެޗްޑީސީން ވިދާޅުވީ، ނެޝަނަލް ފިޓްނަސް ޕްލޭނާއި އެއްގޮތަށް، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމް ގާއިމްކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ، ރިޔާސީ ވައުދުފުޅު ފުއްދެވުމަށް އެހީތެރިވެދިނުމުގެ ގޮތުން އެ ކުންފުނިން ގާއިމުކުރުމަށް ހަމަޖެހިފައިވާ، އައުޓްޑޯ ޖިމްތަކުގެ ތެރެއިން، ހަތް ރަށެއްގެ ޖިމް ގާއިމުކޮށް ނިންމާލާފައިވާ ކަމަށެވެ.
އަދި ނުނިމިހުރި ޖިމްތަކުގެ މަސައްކަތް ޝެޑިއުލާ އެއްގޮތަށް ނިންމާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޗްޑީސީން ވިދާޅުވެއެވެ.
ޖިމް ގާއިމުކޮށް ނިމުނު ހަތް ރަށް:
- އއ. ފެރިދޫ
- އއ. އުކުޅަސް
- އދ. ދިގުރަށް
- އދ. ފެންފުށި
- އދ. މާމިގިލި
- އދ. މަންދޫ
- ބ. ގޮއިދޫ
ރައްޔިތުންގެ މެދުގައި ކަސްރަތު ކުރުމުގެ ޝައުގުވެރިކަން އިތުރުކޮށް، ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމުގެ މަގުސަދުގައި ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން، ގާއިމުކުރާ މި ޖިމްތަކުގައި ހުންނާނީ ފެންވަރު ރަނގަޅު ޒަމާނީ އިކުއިޕްމަންޓްތައް ކަމަށް އެޗްޑީސީން ވިދާޅުވެއެވެ.
އެ ކުންފުނީގެ އަމާޒަކީ، ކުންފުނީގެ ސީއެސްއާރުގެ ދަށުން، ދިވެހި މުޖްތަމައުއަށް ފައިދާހުރި މިފަދަ އިތުރު މަޝްރޫއުތައް ވެސް މުސްތަގުބަލުގައި ކުރިއަށްގެންދިއުން ކަމަށާއި، މިހާރު ވެސް ވަނީ ވަރަށް ގިނަ ސީއެސްއާރު ޕްރޮގްރާމްތަކާއި ޕްރޮޖެކްޓްތައް ހިންގާފައި ކަމަށް އެޗްޑީސީން ވިދާޅުވެއެވެ.