ޚަބަރު
އިނގުރައިދޫ ކައުންސިލު އިމާރާތުގެ 65 އިންސައްތަ ނިމިއްޖެ
އިނގުރައިދޫ ކައުންސިލު އިމާރާތް. ފޮޓޯ: އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާ
55 ކައުންސިލް އޮފީސް ޢިމާރާތް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ތަރައްޤީކުރަމުންދާ ރ. އިނގުރައިދޫ ކައުންސިލް އޮފީސް ޢިމާރާތުގެ 65 އިންސައްތަ ނިމިފައިވާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އެ ވުޒާރާއިން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ އިމާރާތުގެ ދެ ފަންގިފިލާގެ ޕާޓިޝަންގެ މަސައްކަތާއި ވަށާފާރުގައި ސިމެންތި ޖެހުމުގެ މަސައްކަތްތައް ކަމަށެވެ.
ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން އިމާރާތްކުރަމުންދާ 55 ކައުންސިލް އިދާރާގެ ތެރެއިން ކުރިއަށްދާ މި މަޝްރޫއު ހަވާލުކޮށްފައި ވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް(އާރްސީސީ)އާއެވެ.
55 ކައުންސިލް އޮފީސް ޢިމާރާތް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ތަރައްޤީކުރަމުންދާ ރ. އިނގުރައިދޫ ކައުންސިލް އޮފީސް ޢިމާރާތް pic.twitter.com/1m5xbTuQx3
— Ministry of Infrastructure, Housing and Urban Dev. (@MIHUDmv) September 27, 2026
އަލަށް އިމާރާތްކުރެވޭ ކައުންސިލުތައް ހުންނާނީ ޒަމާނީ ފެންވަރަށް އަޕްގްރޭޑް ކުރެވިފައި ކަމަށާއި، އެ ތަންތަން ކައުންސިލްތަކާ ހަވާލުކުރާނީ ފުލީ-ފާނިޝްޑް ތަންތަނުގެ ގޮތުގައި، ބޭނުންވާ ހުރިހާ މޭޒާއި، ގޮނޑި އަދި ކައުންޓަރުތަކާއެކުގައި ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ރަށްރަށުގެ ކައުންސިލް އިދާރާތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ވައުދުފުޅެކެވެ. މި މަޝްރޫއުގެ ދަށުން 105 ރަށެއްގައި ކައުންސިލް އިދާރާގެ އައު އިމާރާތް އެޅުމަށް ވަނީ ހަމަޖެހިފައެވެ.
އެއީ އާރް.ސީ.ސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ 55 ކައުންސިލްގެ މަސައްކަތާއި، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އިމާރާތްކުރުމަށް ހަމަޖެހިފައިވާ 50 ކައުންސިލުގެ މަސައްކަތެވެ.