Ads by Farudhun

ޚަބަރު

"މޯލްޑިވްސް ސައިން ލެންގުއޭޖް ވޮކޭބިއުލަރީ ޑިވެލޮޕްމަންޓް ވޯކްޝަޕް" ފަށައިފި

"މޯލްޑިވްސް ސައިން ލެންގުއޭޖް ވޮކޭބިއުލަރީ ޑިވެލޮޕްމަންޓް ވޯކްޝަޕް" ފަށައިފި

"މޯލްޑިވްސް ސައިން ލެންގުއޭޖް ވޮކިބިއުލަރީ ޑިވެލޮޕްމަންޓް ވޯކްޝަޕް". ފޮޓޯ: ވުޒާރާ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

27 ސެޕްޓެމްބަރު 2026، 04:31

27 ސެޕްޓެމްބަރު 2026، 04:31

ޞިއްޙަތާއި ޢާއިލާ އާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާ އާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދާ "މޯލްޑިވްސް ސައިން ލެންގުއޭޖް ވޮކޭބިއުލަރީ ޑިވެލޮޕްމަންޓް ވޯކްޝަޕް" މިއަދު ފަށައިފިއެވެ.

މި ބައްދަލުވުން ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ޞިއްޙަތާއި ޢާއިލާ އާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ބައިވެރިވެވަޑައިގެންނެވިއެވެ. 

މި މަސައްކަތު ބައްދަލުވުމަކީ "ސްޓްރޯންގް" (STRONGG) މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، ސައިން ލެންގުއޭޖް ތަރުޖަމާނުންނާއި، ޚިދުމަތްދޭ ފަރާތްތަކުގެ އިތުރުން ސިޔާސަތު ކަނޑައަޅާ ފަރާތްތައް ގުޅިގެން، 8 ދާއިރާއަކުން އައު އިޝާރާތްތައް އުފެއްދުމަށް ބާއްވާ ބައްދަލުވުމެއް ކަމަށް ޞިއްޙަތާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މީގެ މައިގަނޑު މަޤުޞަދަކީ، އަޑުއެހުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މަޢުލޫމާތާއި ޚިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށްދިނުންކަމަށް އެ ވުޒާރާއިން ފާހަގަކުރައްވައެވެ.

އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ މުޖުތަމައުގެ އެހެން މީހުންނެކޭ ވެސް އެއްގޮތަށް ކަންކަމުގައި ޝާމިލުވެ އުޅޭ، އަދި ޚިދުމަތް ހޯދުމުގައި ވެސް އެ ފަރާތްތަކަށް ފަސޭހަކަން ލިބިފައިވާ ބައެއްކަން ކަށަވަރުކުރުމަކީ އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ތަސައްވުރުގެ ތެރޭގައި ހިމެނޭ މުހިންމު އެއް ބައި ކަމަށާއި، އެމަނިކުފާނުގެ ތަސައްވުރާއި އެއްގޮތްވާ ގޮތުގެ މަތިން، އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މުއާމަލާތުކުރުމަށް ބޭނުންކުރާ ސައިން ލޭންގުއޭޖް ވީހާވެސް ގިނަ ބަޔަކަށް ދަސްކޮށްދިނުމާއި، ސައިން ލޭންގުއޭޖުން މުއާމަލާތުކުރުމަކީ އަހުލުވެރި ކަމަކަށް ހެދުމުގެ އަމާޒުގައި މި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންކަން ވުޒާރާއިން ފާހަގަކުރައްވައެވެ.

މިއަދު ކުރިއަށްދިޔަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޤީލާ ޢަލީ ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހައިން ޚިދުމަތްތައް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ.

އެގޮތުން، އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ މުއާމަލާތުކުރުމަށާއި، އެހެން ފަރުދުންނެކޭ ވެސް އެއްގޮތަށް ސަރުކާރުގެ އިދާރާތަކުން ޚިދުމަތް ހޯދުމުގެ މަގުފަހިކޮށްދިނުމުގެ ގޮތުން ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ވުޒާރާއިން ވަނީ އޮންލައިން ސައިން ލޭންގުއޭޖް ޕްރޮގްރާމެއް ފަރުމާކޮށް ސަރުކާރުގެ މުވައްޒަފުންނަށް މި ތަމްރީން ފުރިހަމަކުރުމުގެ ފުރުސަތު ހުޅުވާލާފައިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. 

މީގެ އިތުރުން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އާއި މޯލްޑިވްސް ޕޮލިޓެކްނިކް މެދުވެރިކޮށް ސައިން ލެންގުއޭޖް ތަމްރީނުތައް ފޯރުކޮށްދެމުންދާކަމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރު ތަރައްޤީކޮށް، ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުމާއި، މުޖުތަމަޢުގައި އެ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމަށް ޓަކައި "އެމްޕަވަރމަންޓް ހަބް" އެއް ޤާއިމުކުރުމުގެ މަސައްކަތް ވެސް ސަރުކާރުން ކުރިއަށްގެންދާކަން ވަޒީރުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައިވެއެވެ.

ވަޒީރު ޤީލާ އިތުރަށް ވިދާޅުވީ، ސައިން ލެންގުއޭޖް ހަރުދަނާކޮށް ދައުލަތުގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ސައިން ލެންގުއޭޖް ފުޅާދާއިރާއެއްގައި ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ޓަކައި އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަފަރާތްތަކާއި ކަމާގުޅުންހުރި އެންމެހައި ފަރާތްތަކާއެކު މަސައްކަތްކުރުމުގައި ސަރުކާރުން އަބަދުވެސް ދެމިއޮންނާނެ ކަމަށެވެ.

އަދި މި މަސައްކަތްތަކުގައި އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަ ހައިކޮމިޝަނާއި ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ވެދެއްވާ އެހީތެރިކަމާއި ބާއްވާ ގާތް ގުޅުމަށްޓަކައި އެ ފަރާތްތަކަށް ވަޒީރު ވަނީ ޝުކުރުއަދާކުރައްވާފައެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450