ޚަބަރު
ބިދޭސީންގެ މައްސަލަ އަންނަ މެއި މަހަށް 100 އިންސައްތަ ހައްލު ކުރާނަން: އިހުސާން
މިނިސްޓަރު އިހުސާން "އަހާ ފޯރަމްގައި ވާހަކަ ދައްކަވަނީ - ފޮޓޯ: އެމްއެމްޓީވީ
އަންނަ އަހަރުގެ މެއި މަހަށް ދާއިރު ރާއްޖޭގެ ބިދޭސީންގެ މައްސަލަ 100 އިންސައްތަ ހައްލު ކުރާނެ ކަމުގެ ޔަގީންކަން ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ދެއްވައިފިއެވެ.
މި ޔަގީންކަން މިނިސްޓަރު ދެއްވީ "އަހާ ފޯރަމް" ގައި ބައިވެރިވެވަޑައިގެން، އާންމުންގެ ފަރާތުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ވަޒީރު އަލީ އިހުސާން ވިދާޅުވީ، ކުރީ ސަރުކާރުން 295,000 ބިދޭސީންގެ ރެކޯޑް ދޫކޮށްލާފައި ވަނީ އެމީހުންގެ ތެރެއިން 22,000 މީހުންގެ ފިންގަޕްރިންޓާއި ފޮޓޯ އައިޑީ ކުރުމަށް ފަހު ކަމަށެވެ. ބާކީ ތިބި 270,000 މީހުންނަކީ އެއިރުގެ ދައުލަތަށް ފިޒިކަލީ ފެނުނަސް، އެމީހުންނަކީ ކޮން ބައެއްކަން ދެނެގަންނާނެ އެއްވެސް ގޮތެއްނެތްކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މާނައަކީ ބާކީ ތިބި 270،000 މީހުންނަކީ އެއިރުގެ ދައުލަތަށް ދެން ފެނުނީމަ ނޭނގޭނެ މީހުން. ފިޒިކަލީ އެ މީހާ އައިޑީ ނެތި ފެނިއްޖެއްޔާމުން އެ މީހާ އައިޑީ ކުރާނެ ގޮތެއް ދައުލަތް ތެރޭގައި ނެތް މީހުން.
އިހުސާން ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައިސް ފެށި "ކުރަނގި އޮޕަރޭޝަން" ގެ ތެރެއިން ފުރަތަމަ ބެލި ކަމަކީ ރާއްޖޭގައި ބިދޭސީން ތިބި އަދަދާއި، އެ ބިދޭސީންގެ ބަޔޯމެޓްރިކް ނެގުން ކަމަށެވެ. ހަމައެއާއެކު މިހާތަނަށް 263,000 ބިދޭސީންގެ 100 އިންސައްތަ ޔަގީންކޮށް، އެއީ ކޮން ބައެއްކަން އެނގިފައިވާ ކަމަށް ވެސް މިނިސްތަރު ވިދާޅުވިއެވެ. އޭގެ ތެރެއިން ރާއްޖޭގައި ތިބި ބިދޭސީންގެ 95 އިންސައްތަ މީހުންގެ ބަޔޯމެޓްރިކްސް މިހާރު ނެގިފައިވާކަން ވެސް ވަޒީރު ހާމަކުރެއްވިއެވެ.
އިހުސާން ވިދާޅުވި ގޮތުގައި، އަނެއް 4 އިންސައްތަ މީހުން މިވަގުތު ރާއްޖެއަކު ނެތެވެ. ބާކީ ބަޔޯމެޓްރިކް ނަގަން މި ޖެހެނީ 1 އިންސައްތަ މީހުންގެ ކަމަށާއި، މިއީ މުޅި ދުނިޔެއަށް ބަލާއިރު، ސިންގަޕޫރާއި، ޔޫއޭއީ ފަދަ ތަރައްގީވެފައިވާ ގައުމުތަކާ އެއް މިންގަނޑެއް ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ފާއިތުވެދިޔަ ދެ އަހަރާއި ބައިގައި އިމިގްރޭޝަނާއި، ފޮރިން ލޭބާ ޑިޕާޓްމެންޓާއި ކައުންސިލްތަކުން ކުރި ބުރަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މިކަން ހާސިލްވެގެން ގޮސްފައިވާކަން ފާހަގަކުރައްވަމުން އިހުސާން ވިދާޅުވީ، މި މަސައްކަތުގެ ދެވަނަ ފިޔަވަހި މިހާރު ފަށާފައިވާ ކަމަށެވެ.
ވަޒީރު އިހުސާން ވިދާޅުވި ގޮތުގައި، ބަޔޯމެޓްރިކް ދީފައި، ކާކުކަން އެނގުނަސް، ވިސާ ފީ ނުދައްކާ ރާއްޖެ ތެރޭގައި އުޅޭ މީހުންނާއި، އެހެން މަސައްކަތަކަށް އައިސް އެހެން ކަންކަމުގައި އުޅޭ މީހުން ހިފާ ހައްޔަރުކޮށް ރާއްޖެއިން ބޭރު ކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް އެބަދެއެވެ. ރާއްޖޭގައި ބިދޭސީ އާބާދީ ބޮޑެތި ތަންތަނުގައި މިފަދަ އޮޕަރޭޝަންތައް ހިންގާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
"ކާކުކަން އެނގުނަސް، އޭނާ ބަޔޯމެޓްރިކް ދީފައި ހުއްޓަސް، ވިސާ ފީ ނުދައްކާ އޭނާ މި އުޅެނީ ރާއްޖެ ތެރޭގައި. ވިސާފީ ދައްކާފައި ވިޔަސް އޭނާއައީ މިވެނި މަސައްކަތެއް ކުރަންށޭ، އައިސް އެހެން ކަންކަމުގައި އުޅޭ މީހުން ހިފާ ހައްޔަރުކޮށް ރާއްޖެއިން ބޭރު ކުރުން، އެ ފިޔަވި މި ދަނީ ކުރިއަށް،".
އިހުސާން ވިދާޅުވިއެވެ
މި އޮޕަރޭޝަންތައް އަންނަ އަހަރުގެ މެއި މަހާއި ހިސާބަށް ދާއިރު އެއްކޮށް ނިންމާލުމަކީ މި ސަރުކާރުގެ ޓާގެޓެއް ކަމުގައި އިހުސާން ވިދާޅުވިއެވެ. މި އޮޕަރޭޝަން ނިމޭއިރު ރާއްޖޭގައި ބިދޭސީންގެ އާބާދީ ބޭރު ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުންވެސް ބަލައިގަންނަ މިންގަނޑަކަށް ހައްލު ކުރެވިފައިވާނެ ކަމަށާއި، 100 އިންސައްތަ ހާސިލްކުރުމަކީ ރާއްޖެއިން ބޭނުންވާ މިންގަނޑު ކަމުގައި ވެސް ވަޒީރު އަލީ އިހުސާން ވިދާޅުވިއެވެ.
މި އޮޕަރޭޝަން ނިންމާލެވޭއިރުގައި ރާއްޖޭގައި ބިދޭސީންގެ ޕޮޕިއުލޭޝަން ތިބޭނީ ބޭރު ދުނިޔޭގެ އެހެން ކުރިއަރާފައިފާ، މިފަދަ ގޮތަކަށް މިކަން ކުރާ ގައުމުތަކުގައިވެސް ބަލައިގަންނަ މިންގަނޑަކަށް މައްސަލަ ހައްލު ކުރެވިފައި ކަމަށް. އަޅުގަނޑުމެން މި ބަލަނީ %100 އެޗީވް ކުރަން، ރާއްޖޭގައި އެޗީވް ކުރަން ބޭނުންވާ މިންގަނޑަކީ އެއީ.
މިނިސްޓަރު ވިދާޅުވިއެވެ.