ޚަބަރު
ރާއްޖޭގައި 27 އިންޑޯ ކޮމްޕްލެކްސް ތަރައްޤީ ކުރުމުގެ މަސައްކަތް ފަށަނީ
މިނިސޓަރު ރާފިއު "އަހާ ފޯރަމްގައި ވާހަކަ ދައްކަވަނީ - ފޮޓޯ: ޕީއެސްއެމް
ދިވެހިރާއްޖޭގެ ކުޅިވަރު ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނައުމުގެ ގޮތުން، މުޅި ގައުމުގައި ޖުމްލަ 27 އިންޑޯ ކޮމްޕްލެކްސް ތަރައްޤީ ކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށް، ޒުވާނުން ބާރުވެރިކުރުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު މިއަދު ވިދާޅުވެއްޖެއެވެ.
މި މަސައްކަތުގެ ދަށުން، ހުޅުމާލެ ފޭސް ދޭއްގައި އަޅާ އިންޑޯ ކޯޓުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް ވެސް ވަޒީރު ހާމަކުރެއްވިއެވެ.
ރާފިއު ވިދާޅުވީ، ކުޅިވަރު ލާމަރުކަޒުކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި މުބާރާތްތައް ބޭއްވުމަކީ ސަރުކާރުގެ މައިގަނޑު އަމާޒެއް ކަމަށެވެ. މިހާރު ރާއްޖޭގައި ހުރި ހަމައެކަނި އިންޑޯ ކޯޓަކީ މާލެ ޒުވާނުންގެ މަރުކަޒުގައި ހުންނަ ކޯޓުކަން ފާހަގަކުރައްވަމުން، އެކަން ބަދަލުކޮށް މާލެ ސަރަހައްދުގައި އިތުރު އިންޑޯ ކޯޓުތައް އެޅުމަށް ސަރުކާރުން އިސްކަންދެއްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
އެގޮތުން، ހުޅުމާލެ ފޭސް ދޭއްގައި، އަދި ވިލިމާލޭގައި ވެސް އިންޑޯ ކޯޓު އަޅަން ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވިއެވެ. މާލެ ސަރަހައްދުގައި 33 އަހަރުވީއިރުވެސް އެޅިފައި ވަނީ އެންމެ އިންޑޯ ސެންޓަރެއް ކަމަށާއި، ނަމަވެސް ދާދި އަވަހަށް ހުޅުމާލެ ފޭސް 2 ގައި އިންޑޯ ކޮމްޕްލެކްސްއެއްގެ މަސައްކަތް ފެށި، އޭގެ އިތުރުން ހުޅުމާލެ ފޭސް 1 އަދި ވިލިމާލޭގައި ވެސް އިންޑޯ ފެސިލިޓީތަކެއް އަޅަން ނިންމާފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ، ސަރުކާރުން އިންޑޯ ކޮމްޕްލެކްސްތަކެއް އެޅުމުގެ މަސައްކަތް ކުރަމުން އަންނަނީ އެތުލީޓުންނަށް ތަފާތު ސްޓޭޑިއަމްތަކުގައި ވާދަކޮށް ސްޓޭޑިއަމް ތަޖުރިބާ ކުރުމުގެ މަގުސަދުގައި ކަމަށެވެ.
"ގާތް ގަނޑަކަށް 27 އިންޑޯ ކޮމްޕްލެކްސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަދި މާލެ ސަރަހައްދު ހިމެނޭ ގޮތައް ކުރިއަށް އެބަ ގެންދަން. މީގެ ބޭނުމަކީވެސް އިންޑޯގައި ކުޅޭ ކުޅިވަރުތައް ގަޑިތަކަށް ބަހާލައިގެން މުބާރާތްތަކާ އެއްޗެހި އެގޮތައް، ފަސޭހަކާމާއެކީ ގެންދިޔުން،"
ވަޒީރު ވިދާޅުވިއެވެ.
ކުޅިވަރުތައް ލާމަރުކަޒުކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުޅިވަރު ފުޅާ ކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. މި އަމާޒުގެ ތެރެއިން އެޅިގެންދާ 27 އިންޑޯ ކޮމްޕްލެކްސްއާއެކު ބޮޑެތި މުބާރާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭއްވިގެންދާނެ މަގު ފަހިވާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މިކަމާ ގުޅިގެން، ސަރުކާރުން ކުޅިވަރު ގާނޫނަށް ގެނައި އިސްލާހާއެކު ކުޅިވަރު އެސޯސިއޭޝަންތަކުން ވެސް އަންނަނީ އަސާސީ ގަވައިދަތަކަށް ބަދަލުގެނެސް އެކި ސަރަހައްދުތަކުގައި އެސޯސިއޭޝަންތަކުގެ އޮފީސްތައް ހުޅުވުމުގެ މަސައްކަތް ކުރަމުންނެވެ.