ޚަބަރު
"ބޮގޯޓާ ކޯލް ޓު އެކްޝަން" ޤަރާރުގައި ރާއްޖެއިން ސޮއިކޮށްފި
ސިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ
ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ ހުއްޓުވުމަށާއި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ނިޒާމު ވަރުގަދަކޮށް، ކުޑަކުދިންނަށް އަނިޔާ ކޮށްގެން ހުށަހަޅާ މައްސަލަތަކަށް އިޖާބަދިނުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކާއި އަދި ގައުމީ ފެންވަރުގައި ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމުގެ މަޤުސަދުގައި އެކުލަވާލައިފައިވާ "ބޮގޯޓާ ކޯލް ޓު އެކްޝަން" ޤަރާރުގައި ދިވެހިރާއްޖެއިން މިއަދު ސޮއިކޮށްފިއެވެ.
ދިވެހިރާއްޖެގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ، ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީއެވެ.
"ބޮގޮޓާ ކޯލް ޓު އެކްޝަން" އަކީ 2024 ވަނަ އަހަރުގެ ނޮވެންބަރު މަހު ކޮލަމްބިއާގެ ބޮގޮޓާގައި ބޭއްވި، ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމާ ބެހޭ ފުރަތަމަ ބައިނަލްއަގުވާމީ މަހާސިންތާގައި ބައިވެރިވި ގައުމުތަކުން އިސްނަގައިގެން އިފުތިތާހުކުރި މުހިންމު ޤަރާރެކެވެ.
މި ޤަރާރުގެ މައިގަނޑު މަގްސަދަކީ ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށާއި އެފަދަ ކަންކަމާ ގުޅިގެން ފިޔަވަޅު އެޅުމަށް ބައިނަލްއަގްވާމީ ފެންވަރުގައި ކުރެވޭ މަސައްކަތްތައް ހަރުދަނާކޮށް، ކުޑަކުދިން ރައްކާތެރިކުރުމުގެ ނިޒާމު އިތުރަށް ވަރުގަދަކުރުމެވެ. ޤަރާރުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ހޯދުންތަކާއި ހެކިތަކުގެ މައްޗަށް ބިނާވެފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި، ޤާނޫނީ އަދި ސިޔާސަތުތަކުގެ އޮނިގަނޑުތައް ހަރުދަނާކުރުމަށާއި، ކުޑަކުދިން ހިމާޔަތްކުރުމުގެ ނިޒާމުތައް ވަރުގަދަކުރުމުގެ މައްޗަށެވެ.
މީގެ އިތުރުން، ޑިޖިޓަލް މާހައަލުތަކުގައި ކުޑަކުދިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމާއި، އިދާރީ ގުޅުންތަކާއި ބައިވެރިވުން އިތުރުކުރުމުގެ އިތުރުން، ކުޑަކުދިންގެ ރައްކާތެރިކަމާއި ލާބައާ ގުޅުންހުރި ނިންމުންތަކުގައި އެކުދިންގެ ބައިވެރިވުން މާނަހުރި ގޮތެއްގައި ހިމެނުމަށް ވެސް މި ޤަރާރުގައި ބާރުއަޅާފައިވެއެވެ.
ބޮގޯޓާ ކޯލް ޓު އެކްޝަންގައި ހިމެނޭ ކަންކަމަކީ، ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށާއި އެފަދަ ކަންކަމަށް އިޖާބަދިނުމަށް ދިވެހިރާއްޖެއިން 2024 ވަނަ އަހަރު އެކުލަވާލި 'ނޭޝަނަލް އެކްޝަން ޕްލޭން އޮން ޕްރިވެންޝަން އެންޑް ރެސްޕޯންޑިންގ ޓު ވަޔަލެންސް އަގެއިންސްޓް ޗިލްޑްރަން' އާ ގުޅިލާމެހިފައިވާ ކަންކަމެއް ކަމަށް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ރާއްޖެއިން އެކުލަވާލި މި ޕްލޭންގެ މައިގަނޑު އަމާޒަކީ އަނިޔާއިން ރައްކާތެރިވުމަށް އިސްކަންދީގެން، ގޭތެރެއާއި، ތައުލީމުދޭ މަރުކަޒުތަކާއި، މުޖުތަމަޢުގެ ތެރޭގައާއި އަދި އިންޓަނެޓްގެ ވަސީލަތްތައް ބޭނުންކުރުމުގައި ވެސް ކުޑަކުދިންނަށް އަމާން އަދި ރައްކާތެރިކަން ލިބޭނެ މާޙައުލެއް ކަށަވަރުކޮށްދިނުމެވެ.
ބޮގޯޓާ ކޯލް ޓު އެކްޝަންގައި ދިވެހިރާއްޖެއިން ބައިވެރިވުމަކީ، ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ގައުމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަލުއިވެ، ދުނިޔޭގެ ފެންވަރުގައި ކުރެވޭ މިފަދަ މަސައްކަތްތަކުގައި ރާއްޖޭގެ ދައުރު އިތުރަށް ފުޅާވެގެންދާނެ ކަމެއް ކަމަށް ވުޒާރާއިން ވިދާޅުވެއެވެ.
މި ޤަރާރުގައި ސޮއިކުރުމަށް 29 ސެޕްޓެމްބަރ 2026 ގައި ބޭއްވި ރަސްމިއްޔާތުގައި ވަޒީރު ޤީލާ ޢަލީ ފާހަގަކުރެއްވި ގޮތުގައި، ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމުގައި މާނަހުރި ކުރިއެރުމެއް ހޯދުމަށް ދެމެހެއްޓެނިވި މަސައްކަތްތަކެއް ބޭނުންވެއެވެ. އަދި ދައުލަތުގެ މުޢައްސަސާތަކާއި، އާއިލާތަކާއި، މަދަނީ ޖަމުއިއްޔާތަކާއި، ތަރައްޤީގެ ބައިވެރިން އަދި ކުޑަކުދިން ވެސް ހިމެނޭހެން، މުޅި މުޖުތަމަޢު ބައިވެރިވާ ފުރިހަމަ ނިޒާމެއްގެ ތެރެއިން މިކަމަށް އެހީތެރިކަން ބޭނުންވާކަން ފާހަގަކުރެއްވިއެވެ.
ކުޑަކުދިން ރައްކާތެރިކުރުމުގެ ނިޒާމު ހަރުދަނާކުރުމަށާއި އަދި އެކުދިންނަށް ފާގަތި މުސްތަޤްބަލެއް ހޯދައިދިނުމަށް މި ސަރުކާރުން ދެއްވާ އަހަންމިއްޔަތުކަން ފާހަގަކުރައްވައި މިނިސްޓަރ ޤީލާ ޢަލީ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އަށް ޝުކުރު އަދާކުރައްވައިފައެވެ.
މިއަދު ދިވެހިރާއްޖެއިން ސޮއިކުރި ބައިނަލްއަޤުވާމީ ޤަރާރުގެ ދަށުން ކުރެވޭ މަސައްކަތްތަކަކީ ކުޑަކުދިންގެ ދިރިއުޅުމަށް ދެމެހެއްޓެނިވި އަދި ދާއިމީ ހެޔޮ ބަދަލުތަކެއް ގެނުވައިދޭނެ އަމަލީ މަސައްކަތްތަކަކަށް ހެދުމަށްޓަކައި، ރާއްޖެ އާއި އަދި ބައިނަލްއަޤުވާމީ އެކި އިދާރާތަކާއިއެކު ގުޅިގެން މަސައްކަތްކުރުމުގައި ރާއްޖެ ދެމިއޮންނާނެކަމުގެ ޔަގީންކަން ސިއްހަތާއި ބެހޭ ވުޒާރާއިން ދެއްވައެވެ.