ޚަބަރު
އިތުރު 12 ސީ-އެމްބިއުލާންސް ބަނުމުގެ މަސައްކަތް ކުރިއަށް އެބަދޭ: ދިފާޢީ ވަޒީރު
ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދު---
އިތުރު 12 ސީ-އެމްބިއުލާންސް ރާއްޖޭގައި ބަނުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދު ވިދާޅުވެއްޖެއެވެ.
"އަހާ" ފޯރަމްގެ 8 ވަނަ އެޕިސޯޑުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވަނީ، ސީ-އެމްބިއުލާންސްގެ ކަންތައްތައް ސަރުކާރުން ހަވާލުކޮށްފައި ވަނީ، ކޯސްޓްގާޑާއިކަން ފާހަގަކުރައްވާފައެވެ.
"މިހާރު ހުރި ވަސީލަތްތައް މަދުކަމުން، އިތުރު 12 ސީ-އެމްބިއުލާންސެއް މިހާރު ބަނުމުގެ މަސައްކަތް ރާއްޖޭގަ ކުރިއަށް އެބަ ގެންދޭ. މި ހުރިހާ ވަސީލަތެއް މި ގާއިމުކުރަނީ، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން، ހާއްސަކޮށް ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ޓަކައި."
ވަޒީރު ވިދާޅުވިއެވެ.
ކުއްލި ސިއްހީ ފަރުވާ ބޭނުންވާ ފަރާތްތައް އެއްތަނުން އަނެއްތަނަށް ގެންދިއުމަށް ޓަކައި ސަރުކާރުގެ ފަރާތުން ވަނީ އެއާ އެމްބިއުލާންސްގެ ޚިދުމަތް ތައާރަފުކޮށްފައެވެ.
ސިއްހަތާއި އާއިލާއާއި އިޖްތިމާއީ އެހީއާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، ކުއްލި ހާލަތްތަކުގައި ބަލިމީހުން އުފުލުމަށް ފެށި މި ޚިދުމަތުގެ ދަށުން މިހާތަނަށް 2،336 ދަތުރު ވަނީ ކޮށްފައެވެ. އަދި މި ދަތުރުތަކުގައި 3،025 މީހުންނަށް ރައްކާތެރިކަމާއެކު ދަތުރުފަތުރުގެ އެހީތެރިކަން ފޯރުކޮށްދެވިފައިވެއެވެ.