ޚަބަރު
އިންޒެކް ގެ ޕްލެޓިނަމް ސްޕޮންސަރަކަށް މިފަހަރުވެސް ބީއެމްއެލް
ބޭންކް އޮފް މޯލްޑިވްސް... ފޮޓޯ: ބީއެމްއެލް
އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސް (އިންޒެކް) 2026 ގެ ޕްލެޓިނަމް ސްޕޮންސަރެއްގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަނެއްކާވެސް ހަމަޖެހިއްޖެއެވެ.
މިދިޔަ އަހަރުގެ އިންޒެކް ގެ ޕްލެޓިނަމް ސްޕޮންސަރަކީ ވެސް ބީއެމްއެލްއެވެ. މޯލްޑިވްސް ޒަކާތު ހައުސްގެ މަސައްކަތްތަކަށް އަބަދުވެސް އެހީތެރިވެދޭ ބައިވެރިއެއްގެ ހައިސިއްޔަތުން، ޒަކާތާ ގުޅުން ހުރި މުހިންމު މަސައްކަތްތަކަކަށް ބީއެމްއެލުން އެއްބާރުލުން ދީފައިވާކަމަށް ޒަކާތު ހައުސްއިން ވިދާޅުވެއެވެ. އޭގެތެރޭގައި ފިޠުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމުތައް ފަހިކޮށްދިނުމާއި، ފަސޭހަކަމާއެކު ލިބެން ހުންނަ ބޭންކިންގ ޚިދުމަތްތައް މެދުވެރިކޮށް އާންމުންނަށް ޒަކާތުގެ ވާޖިބު އަދާކުރުމަށް މަގުފަހިކޮށްދިނުން ހިމެނޭ ކަމަށް ވެސް ޒަކާތު ހައުސްއިން ވަނީ ވިދާޅުވެފައެވެ.
މި ދެމެހެއްޓެނިވި ގުޅުމަކީ، އިޖުތިމާޢީ ރައްކާތެރިކަމާއި، ފައިނޭންޝަލް އިންކްލޫޝަން، އަދި ރާއްޖޭގައި ޒަކާތް ބަލައިގަތުމާއި ބެހުމުގެ ނިޒާމު ހަރުދަނާކުރުމަށް މަގުފަހިކުރާ ކަންކަމަށް އެއްބާރުލުން ދިނުމުގައި ބީއެމްއެލުން ދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ ކަމެކެވެ.
ޒަކާތާ ގުޅުންހުރި ޒަމާނީ މައްސަލަތަކާއި ފުރުޞަތުތަކާ މެދު މަޝްވަރާކުރުމަށް ޓަކައި ޢިލްމުވެރިންނާއި، މާހިރުންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކުގެ އިތުރުން މި ދާއިރާގެ ޢަމަލީ މަސައްކަތްތެރިން އެއް ތަނަކަށް ޖަމާކޮށްދޭ އިންޓަރނޭޝަނަލް ޒަކާތު ކޮންފަރެންސަށް ބީއެމްއެލުން ދެމުންގެންދާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް، ޒަކާތު ހައުސްއިން ވަނީ ބީއެމްއެލްއަށް ޝުކުރު އަދާކޮށްފައެވެ.
އިންޒެކް 2026 އަކީ މޯލްޑިވްސް ޒަކާތު ހައުސްއިން ބާއްވާ މިފަދަ ތިންވަނަ ކޮންފަރެންސެވެ. މިއީ އިސްލާމިކް ސޯޝަލް ފައިނޭންސް ހަރުދަނާކުރުމަށާއި، އިޖުތިމާޢީ އަދި އިޤްތިޞާދީ ގޮންޖެހުންތަކަށް ޙައްލު ހޯދުމުގައި އެ ދާއިރާގެ ދައުރާ ގުޅޭގޮތުން ޢިލްމު ޙިއްޞާކުރުމަށާއި މަޝްވަރާކުރުމަށް ފަހިވެގެންދާ މުހިންމު މަންސައެކެވެ.