Ads by Farudhun

ޚަބަރު

ރިލްވާންގެ މައްސަލައިގައި އެކި ވާޝަންތަކުގެ ރިޕޯޓު ލިބިފައިވޭ: އޭޖީ

ރިލްވާންގެ މައްސަލައިގައި އެކި ވާޝަންތަކުގެ ރިޕޯޓު ލިބިފައިވޭ: އޭޖީ

ބަންޑާރަނައިބު އަޙްމަދު އުޝާމް---

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

05 އޮކްޓޯބަރު 2026، 12:44

05 އޮކްޓޯބަރު 2026، 12:44

ގެއްލުވާލާފައިވާ ނޫސްވެރިޔާ އަޙްމަދު ރިލްވާންގެ މައްސަލައާ ގުޅިގެން މަރު ކޮމިޝަނުން ތައްޔާރުކޮށްފައިވާ އެކި ވާޝަންތަކުގެ ރިޕޯޓުތައް ބަންޑާރަނައިބުގެ އޮފީހަށް ލިބިފައިވާ ކަމަށާއި، އެ ރިޕޯޓުތައް ދިރާސާކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބަންޑާރަނައިބު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި "އަހާ" ފޯރަމުގައި ރިލްވާނުގެ ދައްތަ ފާތިމަތު ޝެހެނާޒް ވަނީ، ނޫސް ކޮންފަރެންސެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، ކުރީގެ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙު އުފެއްދެވި މަރު ކޮމިޝަނުން ރިލްވާނާއި ބެހޭ ގޮތުން ހަދައި ނިންމާފައިވާ ރިޕޯޓު ބަންޑާރަނައިބާއި ހަވާލުކުރައްވާފައިވާ ކަމަށް ވިދާޅުވެފައިކަން ފާހަގަކުރައްވާފައެވެ. 

އަދި ބަންޑާރަނައިބުގެ އަތްޕުޅުގައި ރިޕޯޓު އޮތްކަން އެނގުމުން ބަންޑާރަނައިބާ ބައްދަލުކުރަން އެދި ސިޓީލީތާ 4 މަސްވެފައިވާ ކަމަށާއި، އެއްވެސް ޖަވާބެއް ނުލިބޭ ކަމަށް ބުނެ ޝެހެނާޒް ވނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އާއިލާގެ އެދުމަކީ މި ރިޕޯޓު ލިބޭނެ ގޮތެއް ހަމަޖެހުންކަން ޝެހެނާޒް ފާހަގަކުރިއެވެ.

ބަންޑާރަނައިބު ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު މަރު ކޮމިޝަނުގެ މުއްދަތު 2024 ވަނަ އަހަރުގެ މެދުތެރެއާ ހަމައަށް އިތުރުކޮށްދެއްވި ކަމަށެވެ. އެ މުއްދަތު ހަމަވެ ކޮމިޝަން އުވިގެން ދިޔައިރު، ނިންމާފައިވާ ބައެއް މައްސަލަތަކުގެ ރިޕޯޓުތައް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅާފައިވާ ކަމަށާއި، ރައީސް އެ ރިޕޯޓުތައް ދިރާސާކުރުމަށް އޭޖީ އޮފީހާ ހަވާލުކުރައްވާފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އޭގެ ތެރޭގައި 2014 ވަނަ އަހަރު ވަގަށް ނަގާ ގެއްލުވާލާފައިވާ ނޫސްވެރިޔާ އަޙްމަދު ރިލްވާންގެ މައްސަލައާ ގުޅޭ ގޮތުން މަރު ކޮމިޝަނުން ފުރިހަމަކޮށްފަ އޮތް ރިޕޯޓު ވެސް ހިމެނޭ ކަމަށް ބަންޑާރަނައިބު ވިދާޅުވިއެވެ.

"އޭގަ އެބައޮތް އެކި ތަފާތު ދެތިން ވާޝަންއެއްގެ ރިޕޯޓުތަކެއް. އެ ރިޕޯޓުތަކުގެ ތެރެއިން އަޅުގަނޑުމެނަށް އާއްމު ކުރެވޭނީ ކޮން ރިޕޯޓުތަކެއްކަން ބެލުމުގެ މަސައްކަތް ވެސް އަޅުގަނޑުމެން އެބަކުރަން"

ބަންޑާރަނައިބު ވިދާޅުވިއެވެ.

އަދި އެ ރިޕޯޓުތަކުގައި ފުލުހުންގެ އިންޓެލިޖެންސްގެ ސިއްރު މަޢުލޫމާތުތަކެއް ހުރުމުން، އާންމުކުރެވޭނީ ކިހާ މިންވަރަކަށްތޯ ބަލަމުން އަންނަ ކަމަށް ވެސް ބަންޑާރަނައިބު ވިދާޅުވިއެވެ. ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ދިރާސާކޮށް ނިންމައި ރައީސަށް ލަފާ އަރުވާނެ ކަމަށާއި، ރިޕޯޓު ޢާއިލާއާ ހިއްސާކުރުމާމެދު ގޮތެއް ނިންމަވާނީ ރައީސް ކަމަށް ވެސް ބަންޑާރަނައިބު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، ޝެހެނާޒް އެޕޮއިންޓްމެންޓަކަށް އެދިފައިވަނިކޮށް ބައްދަލުނުކުރެވި ލަސްވި ކަމަށްޓަކައި ބަންޑާރަނައިބު ވަނީ މަޢާފަށް އެދިވަޑައިގެންފައެވެ. އަދި މި ހަފްތާގެ ތެރޭގައި ރިލްވާންގެ ޢާއިލާއާ ބައްދަލުކުރައްވައި، މައްސަލައާ ގުޅޭގޮތުން ފޯރުކޮށްދެވެން އޮތް އެންމެ ފުޅާ ދާއިރާއެއްގައި މަޢުލޫމާތު ފޯރުކޮށްދިނުމަށް މަސައްކަތްކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450