ޚަބަރު
ރަސްމާލެ މަޝްރޫޢު: ކުރިން ބޭކާރު ކަމަކަށް ހަދައި، މިއަދު އެމްޑީޕީއަށް ފެންނަނީ "ރަންގަނޑެއްގެ" ގޮތުގައި: ފަލާހު
އެމްޕީ ފަލާހް - ފޮޓޯ މަޖިލީސް
ދިވެހިރާއްޖޭގެ ތާރީޚުގައި ވެސް ހިންގޭ އެންމެ ބޮޑު އަދި އެންމެ ބިޔަ ތަރައްޤީގެ މަޝްރޫޢު ކަމަށްވާ ރަސްމާލެ މަޝްރޫޢަކީ ކުރިން އެއްވެސް އަގެއް ނެތް، ބޭކާރު ކަމެއްގެ ގޮތުގައި އިދިކޮޅު ފަރާތްތަކުން ސިފަކުރި ނަމަވެސް، މިއަދު އެމްޑީޕީއަށް އެ ތަނުގެ ފަސްގަނޑު ފެންނަނީ ބޮޑު "ރަންގަނޑެއްގެ" ސިފައިގައި ކަމަށް ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.
ޗުއްޓީއަށްފަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މިއަދު އަލުން ފެށުމާއެކު، ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަޙްމަދު ނަސީމް ވަނީ ރަސްމާލެ މަޝްރޫޢާ ގުޅުވައިގެން ވާހަކަތަކެއް ދައްކަވައި ކުއްލި މައްސަލައެއް ހުށަހަޅުއްވާފައެވެ. އެ މައްސަލައިގައި މީކާއިލް ވަނީ ސެޕްޓެމްބަރު 21 ގައި ވެވުނު އެއްބަސްވުމުގެ ދަށުން ރަސްމާލެއިން 500 ހެކްޓަރަށް ވުރެ ބޮޑު ސަރަޙައްދެއް އެއްވެސް އެކުއިޒިޝަން ކޮސްޓެއް އަދި ބިމު ކުއްޔެއް ނުނަގައި 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލާފައިވާ ކަމަށް ބުނެ، ދައުލަތަށް ގެއްލުންވެ ކޮރަޕްޝަނަށް މަގުފަހިވާ ކަމަށް ތުހުމަތުކޮށްފައެވެ.
"މިއަދު މި ހުށަހެޅި ކުއްލި މައްސަލައިން އެބަ ފާހަގަވޭ މިއަދު އެމްޑީޕީއަށް ރަސްމާލޭގެ ފަސްކަނޑު ފެންނަނީ ބޮޑު ރަންގަނޑެއްގެ ސިފައިގައި."
ފަލާހު ވިދާޅުވިއެވެ.
މި މައްސަލައިގެ ބަހުސްގައި ވާހަކަދައްކަވަމުން ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވީ، މަޖިލީހުގެ ސުޕަ މެޖޯރިޓީ ސަރުކާރު ހިންގާ ޕާޓީއަށް އޮތުމުން މިފަދަ އަސާސެއް ނެތް މައްސަލަތައް ބޭރުކޮށްލުމުގެ ފުރިހަމަ ބާރު އޮތް ނަމަވެސް، މައްސަލަ ބަލައިގަތީ ރައްޔިތުންނަށް ޙަޤީޤަތް ސާފުކޮށްދިނުމަށާއި ބަހުސްކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ. ނަމަވެސް، އިދިކޮޅު އެމްޑީޕީގެ އިޚްލާޞްތެރިކަމެއް ނެތްކަން ހާމަވެގެން ދިޔައީ، މައްސަލަ ހުށަހެޅުއްވި މެންބަރު މީކާއިލްގެ އިތުރުން އިދިކޮޅު ގިނަ މެންބަރުން މަޢުލޫމާތު ސާފުކޮށް ޒިންމާދާރުކަމާއެކު ބަހުސްކުރުމުގެ ބަދަލުގައި މަޖިލީހުގެ ތަޅުން ދޫކުރައްވައި ފިއްލަވައިގެން ވަޑައިގަތުމުން ކަމަށް ފަލާހު ފާހަގަކުރެއްވިއެވެ.
ފަލާހު އިތުރަށް ވިދާޅުވީ، ރާއްޖޭގެ ކުރީގެ ރައީސުންގެ ތެރެއިން އީގަލް ހިލްސްގެ މި ބިޔަ މަޝްރޫޢަށް އެންމެ ބޮޑަށް ތާއީދުކުރައްވާ އެއް ބޭފުޅަކީ އެމްޑީޕީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކަމަށެވެ. އެހެންކަމުން، މި މައްސަލަ މަޖިލީހަށް ވެއްދުމުގެ އަޑީގައި އޮތީ އެމްޑީޕީގެ އެތެރޭގެ ބައިބައިވުމާއި ޚިޔާލުތަފާތުވުންތަކުގެ ތެރެއިން ރައީސް ނަޝީދަށް އަމާޒުކޮށް ސިޔާސީ ގޮތުން ފާޑުކިޔުމުގެ ނިޔަތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރަސްމާލެ ތަރައްޤީކުރުމަށް ވެފައިވާ އެއްބަސްވުމަކީ ދިވެހި ދައުލަތަށާއި ރައްޔިތުންނަށް އިންތިހާއަށް ފައިދާބޮޑު ގޮތަކަށް އެކުލަވާލާފައިވާ އެއްބަސްވުމެކެވެ. އެގޮތުން، އެތަނުގައި ޢިމާރާތްކުރާ ވިޔަފާރި އުސޫލުން ދޫކުރާ ތަންތަން (ކޮމާޝަލް ޕްރޮޕަޓީސް) ވިއްކައިގެން ލިބޭ ޢާމްދަނީގެ 10 އިންސައްތަ އަދި އެޕާޓްމަންޓްތައް ވިއްކައިގެން ލިބޭ ޢާމްދަނީގެ 4 އިންސައްތަ ދައުލަތަށް ލިބިގެންދާނެއެވެ. ހައުސިންގ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބު ހާމަކުރައްވާފައިވާ ގޮތުގައި، މި އިމާރާތްތައް ވިއްކައިގެން ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި ދައުލަތަށް 3 ބިލިއަން ޑޮލަރު (ގާތްގަނޑަކަށް 46 ބިލިއަން ރުފިޔާ) ގެ ބޮޑު ޢާމްދަނީއެއް ވަދެގެންދާނެއެވެ.
ރާއްޖޭގެ ތާރީޚުގައި ވެސް ލިބުނު އެންމެ ބޮޑު މި އިންވެސްޓްމެންޓާ ގުޅޭގޮތުން ރޭ ބޭއްވި "އަހާ ފޯރަމް" ގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވީ، ރަސްމާލެއަށް އަންނަ އިންވެސްޓްމަންޓާއެކު ރާއްޖޭގެ އިޤްތިޞާދަށް އިންގިލާބީ ބަދަލުތަކެއް އައިސް، އެތައް ހާސް ވަޒީފާގެ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށެވެ. އެގޮތުން ދަނޑުވެރިކަމާއި، މަސްވެރިކަމާއި، ޓޫރިޒަމް ދާއިރާގެ އިތުރުން، ދޯނިފަހަރުގެ ކެޕްޓަނުން ފެށިގެން ފްލައިޓްތަކުގެ ޕައިލެޓުންނާ ހަމައަށް އެތައް ދާއިރާއަކުން ދިވެހިންނަށް ފުރުސަތުތައް ތަނަވަސްވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެއިތުރުން، އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ކޮރަޕްޝަންގެ ތުހުމަތުތައް ދޮގުކުރައްވައި "އަހާ ފޯރަމް" ގައި އެޓާނީ ޖެނެރަލް އަޙްމަދު އުޝާމް ވިދާޅުވީ، ރަސްމާލެ ޕްރޮޖެކްޓް ގެނައުމުގައާއި އަދި އީގަލް ހިލްސްއާ އެ މަސައްކަތް ހަވާލުކުރުމުގައި އެއްވެސް ކަހަލަ ކޮރަޕްޝަންގެ އަމަލެއް ހިންގާފައި ނުވާނެ ކަމަށާއި، ހުރިހާ ކަމެއްވެސް ކުރިއަށް ގެންގޮސްފައިވަނީ ދައުލަތަށް އެންމެ ފައިދާހުރި، ދެފުށް ފެންނަ އުސޫލެއްގެ ދަށުން ކަމަށެވެ.