Ads by Farudhun

ޚަބަރު

އޯގާތެރި މުޖުތަމައެއް ބިނާކުރުމުގައި މުދައްރިސުންގެ ދައުރު ބޮޑު: މެޑަމް ސާޖިދާ

އޯގާތެރި މުޖުތަމައެއް ބިނާކުރުމުގައި މުދައްރިސުންގެ ދައުރު ބޮޑު: މެޑަމް ސާޖިދާ

މެޑަމް ސާޖިދާ މުޙައްމަދު. ފޮޓޯ: ރައީސް އޮފީސް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

05 އޮކްޓޯބަރު 2026، 02:51

05 އޮކްޓޯބަރު 2026، 02:51

އޯގާތެރި މުޖުތަމައެއް ބިނާކުރުމުގައި މުދައްރިސުންގެ ދައުރު ބޮޑު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި  މެޑަމް ސާޖިދާ ވަނީ، މުދައްރިސުންގެ ބުރަ މަސައްކަތާއި، އެބޭފުޅުންގެ އިޚްލާޞްތެރިކަމާއި އޯގާތެރިކަމާއެކު ކުރައްވަމުންގެންދަވާ މަސައްކަތް ފާހަގަކުރައްވާފައެވެ.

މެޑަމް ސާޖިދާ ވިދާޅުވީ، މުދައްރިސުންނަކީ ދަރިންނަށް މަގުދައްކައި، ތަރުބިއްޔަތުކޮށް، ގައުމު ފަޚުރުވެރިވާ ފަދަ ވަރުގަދަ އަދި އޯގާތެރި މުޖުތަމަޢުތަކެއް ބިނާކުރުމުގައި އިސް ދައުރެއް އަދާކުރަމުން އަންނަ ބޭފުޅުން ކަމަށެވެ. އަދި ޓެކްނޮލޮޖީއާއި އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) އާއެކު ކްލާސްރޫމްތަކަށް ބަދަލުތައް އަންނަމުންދާއިރު، މުދައްރިސުން ދަނީ އައު ގޮންޖެހުންތަކާ ކުރިމަތިލައި، ނޭނގުންތަކުން ފުރިގެންވާ މުސްތަޤުބަލެއް ގިރާކުރަމުން ކަމަށްވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، މި ބަދަލުތަކަށް އިތުބާރާއެކު ހޭނުމަށްޓަކައި މުދައްރިސުން ބާރުވެރިކުރުވައި، އެބޭފުޅުންނަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމުގައި ދެމިތިބުމަކީ ނުހަނު މުހިންމު ކަމެއްކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި މުދައްރިސުން ދައްކަވާ ކެތްތެރިކަމަށާއި ބަހައްޓަވާ އަޅާލުމުގެ އިތުރުން، ކޮންމެ ދުވަހަކު ކުދިންގެ ޚިދުމަތުގައި ދެމިތިއްބަވާތީ ޝުކުރު އަދާކުރައްވަމުން، އެ މަސައްކަތުގެ ހެޔޮ އަސަރު މުޅި އުމުރަށް ދެމިގެންދާނެކަން ފާހަގަކުރެއްވިއެވެ.

މެޑަމް ސާޖިދާ ވަނީ ރާއްޖެއާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރައްވާ ހުރިހާ މުދައްރިސުންނަށް ބައިނަލްއަޤްވާމީ މުދައްރިސުންގެ ދުވަހުގެ ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.



ބައިނަލްއަޤްވާމީ ޓީޗަރުންގެ ދުވަހަކީ ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު 5 ވަނަ ދުވަހު، ތަޢުލީމީ ޖީލެއް ބިނާކުރުމުގައި މުދައްރިސުން އަދާކުރާ މުހިންމު ދައުރުގެ އަގުވަޒަންކުރުމުގެ ގޮތުން ފާހަގަކުރާ ދުވަހެކެވެ. މި ދުވަސް ރަސްމީކޮށް ފާހަގަކުރަން ފެށީ 1994 ވަނަ އަހަރުއެވެ. ދިވެހިރާއްޖޭގައި ވެސް ކޮންމެ އަހަރަކު މި ދުވަސް ސްކޫލުތަކުގައި ކުލަގަދަކޮށް ފާހަގަކޮށް، ޤައުމު ބިނާކުރުމުގައި މުދައްރިސުން ވެވަޑައިގަންނަވާ ޤުރުބާނީގެ އަގުވަޒަންކުރެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450