ޚަބަރު
އެމްޓީސީސީގެ "ހުނަވަރު އެޕްރެންޓިސްޝިޕް ޕްރޮގްރާމް" ފަށައިފި
އެމްޓީސީސީގެ "ހުނަވަރު އެޕްރެންޓިސްޝިޕް ޕްރޮގްރާމް" ފެށުން. ފޮޓޯ: އެމްޓީސީސީ
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ގެ "ހުނަވަރު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2026" ފަށައިފިއެވެ.
އެމްއެންޔޫ ބިޒްނަސް ސްކޫލްގެ އޮޑިޓޯރިއަމްގައި ބޭއްވި ހާއްސަ ހަފުލާއެއްގައި މި ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ އެމްޓީސީސީގެ މެނޭޖިންގ ޑައިރެކްޓަރ ޑީސީޕީ (ރިޓަޔަރޑް) އަޙުމަދު ސަޢުދީއެވެ. ހަފުލާގައި އެމްޓީސީސީގެ ސީނިއަރ މެނޭޖްމަންޓްގެ ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ހަފުލާގައި ވާހަކަދައްކަވަމުން އެމްޑީ ވަނީ، ހުރިހާ ބައިވެރިން ވެސް މި މުހިންމު ފުރުސަތުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފައި އެ ކުންފުންޏާއި، މުޖުތަމަޢާއި، ޤައުމަށް ބޭނުންތެރި ބަޔަކަށްވުމަށް ވަރުބަލިކަމެއް ނެތި މަސައްކަތްކުރުމަށް އިލްތިމާސްކުރައްވައިފައެވެ.
މި ފަހަރުގެ ހުނަވަރު ޕްރޮގްރާމަށް އެކި ދާއިރާތަކުން ތަމްރީންކުރުމަށް 56 ބައިވެރިން ހޮވިފައިވާ ކަމަށް އެމްޓީސީސީން ވިދާޅުވެއެވެ. ޕްރޮގްރާމްގެ ބައިވެރިންނަށް މަހަކު -/8,000 (އަށްހާސް) ރުފިޔާގެ އެލަވަންސެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ހުނަވަރު ޕްރޮގްރާމަކީ ދިވެހި ޒުވާނުން ބާރުވެރިކުރުވައި، މަސައްކަތުގެ މައިދާނަށް ބޭނުންވާ ފަންނީ ހުނަރު ތަރައްޤީކުރުމުގެ މަގުސަދުގައި އެ ކުންފުނިން ކުރިއަށްގެންދާ ހާއްސަ ތަމްރީން ޕްރޮގްރާމެކެވެ. މިއީ ތަޢުލީމީ އަދި އަމަލީ ތަޖުރިބާގެ އިތުރުން، ސުޕަވައިޒަރުންގެ ބެލުމުގެ ދަށުން މަސައްކަތުގެ މާހައުލުގައި ހުނަރު ދަސްކޮށްދިނުމަށް އެކުލަވައިލައިފައިވާ 3 މަސްދުވަހުގެ، ޕްރޮގްރާމެކެވެ.
މިއަހަރުގެ ޕްރޮގްރާމްގެ ދަށުން 14 ދާއިރާއަކުން ފުރުޞަތު ހުޅުވާލެވިފައިވާ ކަމަށާއި، މިއީ މި ޕްރޮގްރާމް ފެށުނުފަހުން އެންމެ ގިނަ ދާއިރާތަކުން މި ފުރުޞަތު ފަހިކޮށްދެވޭ ފަހަރުކަން އެމްޓީސީސީން ފާހަގަކުރައްވައެވެ.
މި ޕްރޮގްރާމްގެ ދަށުން ފުރުޞަތު ހުޅުވާލެވިފައިވާ ދާއިރާތައް:
- މެރިން މެކޭނިކް ޓްރެއިނީ
- މެކޭނިކް ޓްރެއިނީ
- ވެލްޑަރ ޓްރެއިނީ
- ޓިންކަރ ޓްރެއިނީ
- ފައިބަގްލާސް ޓެކްނީޝަން ޓްރެއިނީ
- އޮޓޯމޮބައިލް މެކޭނިކް ޓްރެއިނީ
- އޮޓޯމޮބައިލް އޭސީ މެކޭނިކް ޓްރެއިނީ
- އޮޓޯމޮބައިލް އިލެކްޓްރީޝަން ޓްރެއިނީ
- އިލެކްޓްރީޝަން ޓްރެއިނީ
- މެޝިނިސްޓް ޓްރެއިނީ
- އޭސީ ޓެކްނީޝަން ޓްރެއިނީ
- ބަސް ޑްރައިވަރު ޓްރެއިނީ
- ޓެކްސީ ޑްރައިވަރު ޓްރެއިނީ
- ޕްރޮޖެކްޓް އޮފިސަރު ޓްރެއިނީ
މި ޕްރޮގްރާމްގެ ތެރެއިން ބައިވެރިންނަށް މަސައްކަތުގެ އަމަލީ ތަޖުރިބާގެ އިތުރުން ފަންނީ އަދި ޕްރޮފެޝަނަލް ހުނަރުތައް ދަސްކޮށްދީ، މެންޓަރޝިޕް ފޯރުކޮށްދޭނެ ކަމަށާއި، ކަސްޓަމަރ ސަރވިސް، ފަޔަރ ސޭފްޓީ އަދި ހޭލުންތެރިކުރުވުމުގެ ތަމްރީނުތަކާއި،ކަމާ ގުޅޭ ފަންނީ އަދި އޮޕަރޭޝަނަލް ހާއްސަ ތަމްރީނުތައް ފުރިހަމަކުރުމުގެ ފުރުޞަތު ވެސް ލިބޭނެ ކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.
އަދި ޕްރޮގްރާމް ކާމިޔާބުކަމާއެކު ފުރިހަމަކުރާ ފަރާތްތަކަށް މަސައްކަތުގެ ފެންވަރަށް ބަލާފައި، އެމްޓީސީސީން ދާއިމީ ވަޒީފާ ލިބުމުގެ ފުރުސަތު އޮންނާނެ ކަން އެ ކުންފުނިން ފާހަގަކުރެއެވެ.
ކުންފުނީގެ އަމާޒަކީ މިފަދަ ފުރުސަތުތައް ދިވެހި ރައްޔިތުންނަށް ގިނަގިނައިން ފަހިކޮށްދީ، ވީހާވެސް ގިނަ ދިވެހި ޒުވާނުން ވަޒީފާގެ މައިދާނަށް ނެރުން ކަމަށާއި، ހަމައެހެންމެ މަސައްކަތުގެ މައިދާނަށް ބޭނުންވާ ފަންނާއި ހުނަރު ކުރިއަރުވައި ތަރައްގީކުރުމަކީ ޤައުމީ މަސައްކަތެއްގެ ގޮތުގައި ދެކެ، މިފަދަ ފުރުސަތުތައް ދިވެހި މުޖުތަމައަށް ފަހިކޮށްދިނުމުގައި ދެމިއޮތުން ކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.