Ads by Farudhun

ޚަބަރު

ކުދި ޤައުމުތަކަށް ދިމާވާ ގޮންޖެހުންތަކާއި ގުޅިގެން ރާއްޖެއިން އަޑުއުފުލައިފި

ކުދި ޤައުމުތަކަށް ދިމާވާ ގޮންޖެހުންތަކާއި ގުޅިގެން ރާއްޖެއިން އަޑުއުފުލައިފި

އިންޓަރގަވަމެންޓަލް ނެގޯޝިއޭޓިންގ ކޮމިޓީ (އައިއެންސީ) ގެ ދެވަނަ އިންފޯމަލް ބައްދަލުވުން. ފޮޓޯ: ވުޒާރާ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

06 އޮކްޓޯބަރު 2026، 09:14

06 އޮކްޓޯބަރު 2026، 09:14

ޕްލާސްޓިކް ތަޣައްޔަރުވުމުގެ ސަބަބުން ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ގެއްލުންތައް ފާހަގަކޮށް، އެކަމާ ދެކޮޅަށް އެކުލަވާލާ ބައިނަލްއަޤްވާމީ މުޢާހަދާގައި އެ ޤައުމުތަކުގެ ޚާއްޞަ ޙާލަތްތައް ހިމެނުމަށް ދިވެހިރާއްޖެއިން ގޮވާލައި، ކުދި ޤައުމުތަކުގެ ހައްގުގައި އަޑުއަޑުއުފުލައިފިއެވެ. 

ރާއްޖެއިން މިކަމަށް ގޮވާލާފައިވަނީ ތައިލެންޑުގެ ބެންކޮކްގައި ކުރިއަށްދިޔަ، ޕްލާސްޓިކް ތަޣައްޔަރުވުމާ ބެހޭ އިންޓަރގަވަމެންޓަލް ނެގޯޝިއޭޓިންގ ކޮމިޓީ (އައިއެންސީ) ގެ ދެވަނަ އިންފޯމަލް ބައްދަލުވުމުގައެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ބައްދަލުވުމުގައި ރާއްޖެއިން ވަނީ ކުދި ރަށްވެހި ޤައުމުތަކަށް (ސިޑްސް) ޕްލާސްޓިކް ތަޣައްޔަރުވުމުގެ ސަބަބުން ދިމާވާ އުނދަގޫތަކާއި، ބޯޑަރުތައް ފަހަނައަޅައިދާ ނޭދެވޭ އަސަރުތައް ފާހަގަކޮށްފައި ކަމަށެވެ. އަދި މިފަދަ ޤައުމުތަކުގެ ނާޒުކު ޙާލަތަށް ރިޢާޔަތްކޮށް، އެކުލަވާލެވޭ މުޢާހަދާގެ ލިޔުމުގައި އެކަންކަން ހަރުދަނާ އުޞޫލަކުން ހިމަނައި، ޢަމަލީގޮތުން އެކަންކަން ތަންފީޒުކުރުމުގެ މުހިންމުކަން ވެސް ރާއްޖެއިން ވަނީ ފާހަގަކޮށްފައެވެ.

މި ބައްދަލުވުމުގައި ދިވެހިރާއްޖެ ތަމްސީލުކުރެއްވީ އެންވަޔަރަންމަންޓް މިނިސްޓްރީގެ ލީގަލް ކައުންސެލް އަލްއުސްތާޛާ ފަޒީލާ އަޙުމަދު ޝަހީމް އަދި އެންވަޔަރަންމަންޓް އެނަލިސްޓް އަލްފާޟިލާ ފާތިމަތު ޝަމްރާއެވެ. މިއީ ރާއްޖޭގެ ތިމާވެށި ޙިމާޔަތްކުރުމަށާއި، ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ދައުރު އިތުރަށް ފުޅާކުރުމަށް ކުރެވެމުންދާ މުހިންމު މަސައްކަތެއް ކަމަށް ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ބެންކޮކްގައި ބޭއްވުނު މި ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ، ޕްލާސްޓިކް ތަޣައްޔަރުވުމާ ބެހޭ މުޢާހަދާގެ އެކި ދާއިރާތަކާ ގުޅޭގޮތުން ޚިޔާލު ބަދަލުކޮށް، މުޢާހަދާގެ ފަހު މަރުޙަލާއާ ހަމައަށް ވާޞިލުވުމަށް ޤައުމުތަކުގެ މެދުގައި އިއްތިފާޤުވުމެވެ. މި މަޝްވަރާތަކަކީ 2027 ވަނަ އަހަރުގެ މާރިޗު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އައިއެންސީގެ ފަސްވަނަ ބައްދަލުވުމުގެ ހަތަރުވަނަ ބައިގައި މުޢާހަދާގެ އެންމެ ފަހުގެ މަސައްކަތް ނިންމުމަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށްދިޔަ މަޝްވަރާތަކެކެވެ.

މި ބައްދަލުވުންތަކުގެ ސަބަބުން، ދުނިޔެއަށް ކުރިމަތިވެފައިވާ ޕްލާސްޓިކް ތަޣައްޔަރުވުމުގެ ބޮޑު މައްސަލައަށް ދާއިމީ އަދި ހަރުދަނާ ޙައްލެއް ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށް އުންމީދު ކުރެވޭ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450