ޚަބަރު
ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށްފި
ހުޅުމާލެ ބްރިޖު ހައިވޭ. ފޮޓޯ. ފުލުހުން.
ހުޅުމާލެ ފޭސް 1 ގައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، އާންމުންގެ ސަލާމަތަށް ނުރައްކާވާ ގޮތަށް ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅާފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ 2026 އޮކްޓޫބަރު 4 ވަނަ ދުވަހުގެ ރޭ ދަންވަރު 01:20 ހާއިރުއެވެ. އެގޮތުން، ހުޅުމާލެ ފޭސް 1 ގެ ދިއްގާމަގުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ދެ ސައިކަލެއް މަޑުކުރުމަށް ފުލުހުން އެންގުމުން، އެ އަމުރަށް ނުކިޔަމަންތެރިވެ އިތުރަށް ބާރު ސްޕީޑުގައި ފިލަން މަސައްކަތްކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.
ފިލަން ދުއްވި ދެ ސައިކަލު ނިރޮޅުމަގު 10 ނަންބަރު ގޯޅިއަށް އަޅައި، އެ މަގުން ހުޅަނގަށް ގޮސް ނިރޮޅުމަގަށް އަރައި އުތުރުން ދެކުނަށް ޒިގްޒެގްކޮށް، ނުރައްކާތެރިކޮށް އޯވަރޓޭކް ކުރަމުން ދަނިކޮށް، ފުލުހުންގެ ޕެޓްރޯލް ޓީމުން ވަނީ އޭގެ ތެރެއިން އެއް ސައިކަލު ނިރޮޅުމަގު 11 ނަންބަރު ގޯޅި ކައިރިން ހުއްޓުވާފައެވެ.
އެ ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ވަނީ ދޫކޮށްލާފައެވެ. އަދި ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ދުއްވާފައިވާތީ އެ ސައިކަލު ޓޯކޮށްފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް، މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވުން ތަކުރާރުކުރާ ފަރާތްތައް ހުއްޓުވައި، އެ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އެޅުމަށް ފުލުހުން ނިންމާފައިވާއިރު، ދާދިފަހުން ވަނީ ނުރައްކާތެރިކޮށް ދުއްވި މީހެއްގެ މައުލޫމާތު އާއްމުކޮށްފައެވެ.
މިފަދަ އަމަލުތައް ހުއްޓުވުމަށްކުރާ މަސައްކަތުގެ ދަށުން، ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކުގެ މައުލޫމާތު ޕްރޮފައިލްކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން ކަމަށާއި، މިފަދަ ފަރާތްތައް ފުލުހަށް ހާޒިރުކޮށް ނަސޭހަތްތެރިވުމަށްފަހު، އެ އަމަލުތައް ތަކުރާރުކުރާ ނަމަ، ޓްރެފިކް ގާނޫނާއި ގަވާއިދުތަކުގެ ދަށުން ކުރިން ކުރަމުން އައި ޖޫރިމަނާގެ އިތުރުން، އިތުރު އިންޒާރަކާ ނުލައި ޖިނާއީ ތަހުގީގު ހިންގާނެ ކަމަށް ފުލުުހުން ވަނީ ވިދާޅުވެފައެވެ.