ޚަބަރު
މިއަހަރު ގްރީން ޓެކުހުގެ ގޮތުގައި 1.5 ބިލިޔަން ރުފިޔާ ލިބިއްޖެ
ފަތުރުވެރިން... ފޮޓޯ: ސީއެމްވީ
އަހަރުގެ މިހާތަނަށް ގްރީން ޓެކުހުގެ ގޮތުގައި 1.5 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް ވީކްލީ ފިޒްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު އިތުރުވުމެކެވެ.
މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާއި ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ވީކްލީ ފިޒްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ގްރީން ޓެކުހުގެ ގޮތުގައި ދައުލަތައް 1.5 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. އެހެންކަމުން، މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %0.7 އިތުރު އަދަދެކެވެ.
ސަރުކާރުން ގްރީން ޓެކްސް ނަގަން ފަށާފައިވަނީ 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެންނެވެ. ގްރީން ޓެކުހުން ލިބޭ އާމްދަނީ ސަރުކާރުން ބޭނުންކުރަނީ ރަށްރަށުގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމަށާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ އިތުރުން ތިމާވެށި ސާފުތާހިރުކޮށް ބޭއްވުމުގެ އެކި މަޝްރޫއުތަކަށެވެ.
މި ޓެކުހަކީ، ރާއްޖޭގައި ހިންގާ ޓޫރިސްޓު ރިސޯޓުތަކާއި ހޮޓާތަކާއި ގެސްޓްހައުސްތަކުގެ އިތުރުން ޓޫރިސްޓް އުޅަނދުތަކަށް އަންނަ ފަތުރުވެރިންގެ އަތުން ނެގޭ ޓެކުހެކެވެ. މިވަގުތައް ބަލާއިރު ރާއްޖޭގައި 180 ރިސޯޓާއި، 16 ހޮޓެލް، 927 ގެސްޓްހައުސް އަދި 165 ސަފާރީ އުޅަނދު އަންނަނީ އޮޕަރޭޓްކުރަމުންނެވެ.
ގްރީން ޓެކުހުގެ މިންވަރަކީ ރިސޯޓުތަކާއި، ހޮޓާތަކާއި ސަފާރީތަކުގައި މަޑުކުރާ ކޮންމެ ފަތުރުވެރިއަކަށް 12 ޑޮލަރެވެ. އަދި ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިންގެ އަތުން ނަގަނީ 6 ޑޮލަރެވެ. ނަމަވެސް، ދެ އަހަރުން ދަށުގެ ތުއްތުކުދިން މި ޓެކުހުން އިސްތިސްނާވާނެއެވެ.
ގްރީން ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީއިން ސަރުކާރުން ދަނީ، ރަށްރަށުގައި ތިމާވެއްޓާއި ގުޅުންހުރި އެކިއެކި މަޝްރޫޢުތަކަށް ޚަރަދު ކުރަމުންނެވެ. އެގޮތުން، ފެނާއި ނަރުދަމާ، ގޮނޑުދޮށް ހިމާޔަތްކުރުން، ކްލީން އެންވަޔަރަމަންޓް ޕްރޮޖެކްޓް، ފެނުގެ ނިޒާމް ޤާއިމްކުރުން ފަދަ މަޝްރޫޢުތައް ހިމެނެއެވެ.