ޚަބަރު
ސަރުކާރުގެ އިދާރާތަކަށް އަމާޒުކޮށް އީމެއިލް މެދުވެރިކޮށްދޭ ސައިބަރ ޙަމަލާތައް އިތުރުވެއްޖެ
ކޮމްޕިއުޓަރެއް. ފޮޓޯ: ފުލުހުން
ސަރުކާރުގެ އިދާރާތަކަށް އަމާޒުކޮށް އީމެއިލް މެދުވެރިކޮށް ތަކުރާރުކޮށް ދެމުން އަންނަ ސައިބަރ ހަމަލާތައް އިތުރުވެފައިވާ ކަމަށާއި، އެކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.
މިކަން ފާހަގަކުރެވިފައިވަނީ ފުލުހުންގެ ސައިބަރ ސެކިއުރިޓީ އޮޕަރޭޝަންސް ސެންޓަރު (ސީސޮކް) އިން މޮނިޓަރ ކުރަމުންދާ ކަންތައްތަކުގެ ތެރެއިން ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި، މިގޮތަށް ފޮނުވާ އީމެއިލްތައް ފަރުމާކޮށްފައި ހުންނަނީ އިތުބާރުކުރެވޭ ރަސްމީ އިދާރާތަކުން ނުވަތަ ދަންނަ ފަރާތްތަކުން ފޮނުވާ ޞައްޙަ އީމެއިލްތަކެއްގެ ގޮތުގައި ހީވާ ފަދަ އޮޅުވާލުންތަކާ އެކުގައެވެ. އަދި މި އީމެއިލްތަކުގައި ހިމަނާފައި ހުންނަ ނުރައްކާތެރި ލިންކުތަކާއި ފައިލްތައް ފޮނުވަނީ ރަސްމީ ދަޢުވަތުތަކާއި، ލިޔެކިޔުންތައް ނުވަތަ ފައިލް-ޝެއަރިންގ ލިންކުތަކެއްގެ ގޮތުގައެވެ.
މިފަދަ ނުރައްކާތެރި ލިންކުތަކަށް ވަދެވި ނުވަތަ ފައިލެއް ހުޅުވިއްޖެނަމަ، ޔޫޒަރނޭމް އަދި ޕާސްވޯޑް ފަދަ މުހިންމު މަޢުލޫމާތުތައް ހެކަރުންނަށް ލިބުމުގެ ފުރުޞަތު ބޮޑުކަމަށް ފުލުހުން ވިދާޅުވިއެވެ. މީގެ އިތުރުން، އޭގެ ސަބަބުން އިދާރާތަކުގެ ކޮމްޕިއުޓަރު ސިސްޓަމްތަކަށާއި ނެޓްވޯކަށް ހުއްދަނެތި ވަދެ، މުޅި ސިސްޓަމް ކޮމްޕްރޮމައިޒްވުމުގެ މަގު ފަހިވެގެންދާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފައެވެ.
ހަމަލާތަކުގައި ބޭނުންކޮށްފައިވާ އުކުޅުތަކާއި ވަސީލަތްތަކަށް ބަލާއިރު، މިއީ ވަކި އަމާޒެއް ކަނޑައަޅައިގެން ރޭވިގެން ހިންގާ ކެމްޕެއިނެއް ކަމަށް ސީސޮކުން ލަފާކުރެއެވެ. އެހެންކަމުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން މަޢުލޫމާތު ޙިއްޞާކުރުމާއި، ނުރައްކާތެރި ވެބްސައިޓްތަކާއި ނެޓްވޯކްތައް ބްލޮކް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، މި މައްސަލައިގެ ތަޙުޤީޤާއި ޓެކްނިކަލް އެނަލިސިސް މިހާރު ވެސް ކުރިއަށްދާ ކަމަށް ފުލުހުން ހާމަކުރެއެވެ.
މި ކަމުން ރައްކާތެރިވުމަށް ފުލުހުންގެ އިރުޝާދު:
- އީމެއިލާއެކު އަންނަ، ލިންކުތަކާއި އެޓޭޗްމަންޓްތައް، އެއީ ރައްކާތެރި އެއްޗެއްކަން ޔަގީން ނުކުރެވެނީސް ނުހުޅުވުން
- ފެންނަ ފެނުމަށް ދަންނަ މީހެއް ނުވަތަ އިތުބާރުކުރެވޭ އިދާރާއަކުން ފޮނުވާފައިވާ އީމެއިލްއެއް ކަމުގައިވިޔަސް، އާދަޔާހިލާފު ކަމަކަށް އެދިފައިވާނަމަ، އެހެން ގޮތަކުން (މިސާލަކަށް ފޯނުން) ގުޅައިގެން އެއީ ސައްހަ އީމެއިލްއެއްތޯ ކަށަވަރުކުރުން
- އީމެއިލްގައިވާ ލިންކަކަށް ފިތާލައިގެން ހުޅުވޭ ޕޭޖެއްގައި ޔޫޒަރނޭމް އަދި ޕާސްވޯޑް ފަދަ މައުލޫމާތު ނުޖެހުން
- އީމެއިލް އަދި ރަސްމީ އެކައުންޓްތަކުގައި މަލްޓި-ފެކްޓަރ އޮތެންޓިކޭޝަން ބޭނުންކުރުން
- ކޮމްޕިއުޓަރުގެ އޮޕަރޭޓިންގ ސިސްޓަމް އަދި ބޭނުންކުރާ އެޕްލިކޭޝަންތައް އަބަދުވެސް އަޕްޑޭޓްކޮށް ބެހެއްޓުން
- ޝައްކުކުރެވޭ އީމެއިލްއެއް ލިބިއްޖެނަމަ، ލަސްނުކޮށް ތިޔަ އޮފީހެއްގެ އައި.ޓީ ނުވަތަ ސެކިއުރިޓީ ޓީމަށް ރިޕޯޓުކުރުން
- ޝައްކުކުރެވޭ ފައިލެއް ނުވަތަ ލިންކެއް ހުޅުވިއްޖެނަމަ، އަމިއްލައަށް އެކަން ހައްލުކުރަން މަސައްކަތްކުރުމުގެ ބަދަލުގައި، ވަގުތުން ކޮމްޕިއުޓަރު ނެޓްވޯކުން ވަކިކޮށް (ޑިސްކަނެކްޓްކޮށް) އައި.ޓީ ޓީމުގެ އެހީތެރިކަން ހޯދުން
ސައިބަރ ޙަމަލާތަކުން ދިފާޢުވުމުގެ އެންމެ ފުރަތަމަ ފިޔަވަޅަކީ އާންމުންގެ ސަމާލުކަމާއި ހޭލުންތެރިކަން ކަމަށްވާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުވުމަށް ފުލުހުން ވަނީ އިދާރާތަކަށާއި ޢާންމު ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ. އަދި މިކަމާ ގުޅޭ ޓެކްނިކަލް އިތުރު ތަފުސީލު ސައިބަރ ޕޯޓަލް މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށްވެސް ފުލުހުންގެ ޚިދުމަތުން ބުނެފައިވެއެވެ.