ޚަބަރު
ޤުރުއާނުގެ އާޔަތްތައް ނުކިޔަވައިދޭން ނަޝީދުގެ ސަރުކާރުން އިސްރާއީލާއެކު އެއްބަސްވި: ޖަނާބު
އިބުރާހިމް މިހައްމަދު - ފޮޓޯ: މަޖިލިސް
ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ އެމްޑީޕީ ސަރުކާރުން ފަލަސްތީނުގެ މުސްލިމުން ކަތިލަމުންދާ އިސްރާއީލުގެ ޓެރަރިސްޓް ދައުލަތާއެކު ވެފައިވާ ސިއްރު އެއްބަސްވުމެއްގެ ދަށުން، ދިވެހި ދަރިވަރުންނަށް ޔަހޫދީންގެ ނުބައިކަމާއި މަކަރުވެރިކަމާ ބެހޭގޮތުން ކީރިތި ޤުރުއާނުގައިވާ މަތިވެރި އާޔަތްތައް ނުކިޔަވައިދޭން ނިންމި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުޙައްމަދު (ޖަނާބު) ވިދާޅުވެއްޖެއެވެ.
މެންބަރު ޖަނާބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 24 ސެޕްޓެމްބަރ 2009 ގައި އެމްޑީޕީގެ ވެރިކަމުގައި އިސްރާއީލާއެކު ސޮއިކުރި ހަތަރު އެއްބަސްވުމުގެ ތެރެއިން އެއް އެއްބަސްވުމުގައި، އިސްލާމީ ތައުލީމީ މަންހަޖުން ޔަހޫދީންގެ ނުބައިކަން ބަޔާންވާ އާޔަތްތައް އުނިކޮށް ދަރިވަރުންނަށް އެ އާޔަތްތައް ނުކިޔަވައިދިނުމަށް ޝަރުތުކޮށްފައިވާ ކަމަށެވެ. މިއީ ދިވެހިރާއްޖޭގެ ސައްތައިންސައްތަ މުސްލިމް އައިޑެންޓިޓީއާއި ދިވެހި ދަރިންގެ އަގީދާ ފުނޑުފުނޑުކޮށްލުމަށް އެމްޑީޕީން ހިންގި ދީނީ އަދި ގައުމީ ބޮޑު ޚިޔާނާތެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
24 ސެޕްޓެމްބަރ 2009 ގައި އެމްޑީޕީސަރުކާރުން އިޒްރޭލުގެ މުސްލިމު ކުޑަކުދިން ކަތިލާ ސަރުކާރާ އެކީ ސޮއިކުރި 4 އެގްރީމެންޓުން އެއް އެގްރީމެންޓް. މީގައި އޮތީ ދިވެހި އެއްވެސް ދަރިވަރަކަށް ޔަހޫދީންގެ ނުބައި ކަމާ ބެހޭގޮތުން ޤްރުއާނުގައިވާ އާޔަތްތައް ނުކިޔަވައި ދޭން. @MateyZakir https://t.co/cltAjVxFkQ
— Ibrahim Muhammad (@ibrahimjanab) October 6, 2026
މީގެއިތުރުން އޭނާ ވިދާޅުވީ، ފަލަސްތީނުގެ ކުށެއްނެތް ކުޑަކުދިންނާއި ރައްޔިތުންގެ ލެއިން ތަތްތެޅިފައިވާ އިސްރާއީލާއެކު ގުޅުން ބަދަހިކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ދައްކަން ނަޝީދު ވަރަށް ބޮޑަށް މަސައްކަތްކުރެއްވި ކަމަށެވެ.
"ހުދު ފަލަސްތީނުވެސް އޮތީ އިސްރާއީލު ބަލައިގަނެގެން."
ކުރީގެ ރައީސް ނަޝީދު ލައިވް ޓީވީގައި ޕޯޑިއަމް ކައިރީގައި ހުރެ ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ޕްރެސަރ ވިތް ސްޕޮކްސް ގައި ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވެސް ވަނީ އެމްޑީޕީ ސަރުކާރުން އިސްލާމީ އުއްމަތުގެ ޒަމާންވީ އުސޫލުތައް ފުނޑުފުނޑުކޮށްލި ގޮތް ތަފްސީލުކޮށްދެއްވާފައެވެ. މުންދު ވިދާޅުވީ، 1974 ވަނަ އަހަރުން ފެށިގެން ރާއްޖެއިން އިސްރާއީލާއެކު އޮތް ސިޔާސީ ގުޅުން މެދުކަނޑާލާފައި އޮތް އޮތުން ނިމުމަކަށް ގެނެސް، އެ ގުޅުން އަލުން އިއާދަކޮށް ޔަހޫދީންނަށް ދިވެހި ފަސްގަނޑު ހުޅުވާލީ ނަޝީދުގެ ވެރިކަމުގައި ކަމަށެވެ.
އެގޮތުން 2010 ވަނަ އަހަރު އިސްރާއީލުގެ "އައި ފްރޮމް ޒަޔަން" ޖަމްއިއްޔާގެ ނަމުގައި ޔަހޫދީ ޑޮކްޓަރުންގެ ޓީމެއް ރާއްޖެ ގެނެސް، ރައީސް އޮފީހުގައި އެމީހުންނަށް ރަތްދޫލައިގެ މަރުހަބާ ކިޔައި ސައިދީ، ސަނާ ކިޔުމަކީ ދިވެހި ތާރީޚުގައި ލިޔެވިގެންދިޔަ ކަޅު ސަފުހާއެއް ކަމަށް މުންދު ވިދާޅުވިއެވެ. އަދި 2011 ވަނަ އަހަރު ޔުނެސްކޯގައި ފަލަސްތީނަށް މެންބަރުކަން ދިނުމަށް ނެގި މުހިންމު ވޯޓުގައި ބައިވެރިނުވެ، އެމްޑީޕީގެ ވަފުދު ފިލައިގެން ރާއްޖެ އައިސް، ފަލަސްތީނުގެ އަޚުންނާއި އުޚުތުންގެ ޙައްޤުތަކަށް ވަރަށް ބޮޑު ހިޔާނާތެއް ވެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި (2008–2012) ދިވެހިރާއްޖެއާއި އިސްރާއީލާ ދެމެދު އޮތް ގުޅުން އަލުން އިއާދަކޮށް ބަދަހިކުރުމަށް ސަރުކާރުން ބޮޑެތި މަސައްކަތްތަކެއް ކުރިއެވެ. ރާއްޖެއިން އިސްރާއީލާއެކު އޮތް ސިޔާސީ ގުޅުން 1974 ވަނަ އަހަރު މެދުކަނޑާލާފައި އޮތުމަށްފަހު، ރައީސް ނަޝީދުގެ ވެރިކަމުގައި މި ގުޅުން އަލުން ގާއިމުކުރަން ފެށިއެވެ.
އޭރު ގުޅުން ބަދަހިކުރުމުގެ ނަމުގައި 2009 ވަނަ އަހަރު ރާއްޖެއާއި އިސްރާއީލާ ދެމެދު އެކި ދާއިރާތަކުން ނުރައްކާތެރި އެއްބަސްވުންތަކެއްގައި ސޮއިކުރިއެވެ. އޭގެ ތެރޭގައި ފަތުރުވެރިކަން ކުރިއެރުވުމާއި، ޞިއްޙީ ދާއިރާއިން އެހީތެރިކަން ހޯދުމުގެ އިތުރުން ތަޢުލީމާއި ސަގާފީ ދާއިރާއިން ގުޅުން ބަދަހިކުރުން ހިމެނެއެވެ.
މީގެއިތުރުން، މޭ 2011 ގައި އޭރުގެ އެމްޑީޕީ ސަރުކާރުގެ ޚާރިޖީ ވަޒީރު އަޙްމަދު ނަސީމް އިސްރާއީލަށް ކުރެއްވި 4 ދުވަހުގެ ރަސްމީ ދަތުރުފުޅަކީ ދިވެހި ތާރީޚުގައި ރާއްޖޭގެ މަތީ ފަންތީގެ ވެރިއަކު އިސްރާއީލަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. މި ދަތުރުފުޅުގައި އިސްރާއީލުގެ އޭރުގެ ރައީސް ޝިމޮން ޕެރޭޒް އަދި ހައްދުފަހަނައެޅި ޚާރިޖީ ވަޒީރު ނަތަން ޔާހޫއާއި އަދި އިސްރާއީލުގެ ސިޔާސީ އިސް މީހެއް ކަމަށްވާ އެވިގްޑޯރ ލީބަރމަންއާ ބައްދަލުކުރައްވައި ގާތް ގުޅުންތަކެއް ބޭއްވިއެވެ.
އެމްޑީޕީ ސަރުކާރުން ޔަހޫދީންގެ ފައިބުޑަށް ވެއްޓި ހިންގި ކަންކަމާއި ގުޅިގެން، އޭރުގެ އިދިކޮޅު ސިޔާސީ ޕާޓީތަކާއި ދީނީ އިލްމުވެރިން އަދި އާންމު ރައްޔިތުން ވަނީ އެއީ "ލާދީނީ" އަދި "ޔަހޫދީންނަށް ވާގިވެރިވާ" ސަރުކާރެއްގެ ގޮތުގައި ކަނޑައަޅައި، މުޅި ރާއްޖޭގައި ވަރުގަދަ ބޮޑެތި މުޒާހަރާތަކެއް ކޮށްފައެވެ. މި ހާދިސާތަކަކީ 2012 ގައި ނަޝީދުގެ ވެރިކަން ވެއްޓުމަށް މެދުވެރިވި މައިގަނޑު އެއް ސަބަބު ކަމަށްވެސް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.