ޚަބަރު
ކުއްލި މުއްސަނދިކަމެއް ލިބޭ މީހުން އެ މުއްސަނދިކަން ހޯދި ގޮތް ސާފުކޮށްދޭން ޖެހޭ: މެންބަރު އިބްރާހީމްދީދީ
ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ދީދީ---
ކުއްލި މުއްސަނދިކަމެއް ލިބޭ ކޮންމެ މީހަކު ވެސް އެ މުއްސަނދިކަމެއް ހޯދި ގޮތް ސާފުކޮށްދޭން ޖެހޭނެ ކަމަށް ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ދީދީ ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު މަޖިލީހަށް ހުށަހެޅުއްވި، ނުހައްގުން މުދާ ހޯދުމާއި އެފަދަ މުދާ ދައުލަތަށް ނެގުމާ ގުޅޭ ބިލަށް ބަހުސްކުރައްވަމުން، މެންބަރު ވަނީ މިއީ މުހިންމު ބިލެއްކަން ފާހަގަކުރައްވާފައެވެ.
މެންބަރު އިބްރާހީމް ދީދީ ވިދާޅުވީ، މި ބިލު ހުށަހެޅުމުގެ މައިގަނޑު އެއް މަގްސަދަކީ ދިވެހި ރައްޔިތުންނަށް ހަލާލު ގޮތުގައި ފައިސާ ހޯދުމުގެ މަގު ފަހިކޮށްދިނުން ކަމަށެވެ. އެގޮތުން އެއްވެސް މަސައްކަތެއް ނުވަތަ ވަޒީފާއެއް އަދާނުކޮށް، ގިނަ އަދަދެއްގެ ޒުވާނުން ކުއްލިއަކަށް މުއްސަނދިވަމުންދާ މަންޒަރު ފެންނަމުންދާ ކަމަށާއި، އެކަންކަން ބެލޭނެ އެކަށީގެންވާ ނިޒާމެއް ނެތްކަން އޭނާ ފާހަގަކުރެއްވިއެވެ. މިފަދަ މުދަލަކީ ނަުހައްގު ގޮތުގައި ދައުލަތުން، ނުވަތަ ކުންފުންޏަކުން ނުވަތަ އަމިއްލަ ފަރާތެއްގެ އަތުން ހޯދާފައިވާ މުދަލަށް ވެދާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މީގެއިތުރުން، މިއީ ހަމައެކަނި ޒުވާނުންނަށް ނުވަތަ ވަކި އުމުރުފުރާއަކަށް ހާއްސަ ކަމެއް ނޫން ކަމަށާއި، ކޮންމެ އުމުރުފުރާއެއްގެ މީހަކު ކަމުގައި ވިޔަސް ހޯދާ މުދަލަކާ ގުޅޭގޮތުން ޖަވާބުދާރީވާން ޖެހޭނެ ކަމަށް މެންބަރު ވިދާޅުވިއެވެ. އަދި ކޮންމެ އަހަރަކު މާލީ ބަޔާން ހުށަހަޅަން ޖެހެނީ ހަމައެކަނި މަޖިލިސް މެންބަރުން އެކަނި ނޫން ކަމަށް ވެސް ވިދާޅުވިއެވެ.
"ކުއްލި މުއްސަނދިކަމެއް އަންނަ ކޮންމެ މީހަކު އެބަޖެހޭ، އެ މުއްސަނދިކަމެއް ލިބުނުގޮތެއް ހާމަކޮށްދޭން،"
މެންބަރު ވިދާޅުވިއެވެ.
މެންބަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ސްކޫލް ނިންމުމަށްފަހު ވަޒީފާއަކަށް ނުގޮސް ތިބޭ ކުދިންގެ އަތްމަތިން ވެސް މިފަދަ ކަންކަން ފެންނަމުންދެއެވެ. އަދި ބައެއް ރަށްރަށުގައި އަގުބޮޑެތި ކާރު ފަދަ ތަކެތި ގެންގުޅޭ ކަމަށާއި، އެ މުދާ ހޯދި ގޮތް ދައުލަތަށް ނޭނގޭކަން މެންބަރު ފާހަގަކުރެއްވިއެވެ. އެހެންކަމުން މިއީ މަސްތުވާތަކެތި ވިއްކައިގެން ނުވަތަ ގޭންގުތައް ހަދައިގެން ކުރާ ވިޔަފާރިތަކުން ހޯދާ ފައިސާތޯ ވެސް ބަލަންޖެހޭ ކަމަށް މެންބަރު ވިދާޅުވިއެވެ.
މިފަދަ އިސްލާހީ ފިޔަވަޅުތަކުގެ ސަބަބުން މުޅި މުޖުތަމައަށް ބޮޑު ފައިދާއެއް ކުރާނެކަން ފާހަގަކުރައްވައި، ސަރުކާރުން ކުރިއަށްގެންދާ މި މަސައްކަތަށް އިދިކޮޅު ފަރާތްތަކުން ވެސް އެއްބާރުލުން ދެއްވުމަށް މެންބަރު އިބްރާހީމް ދީދީ އެދިވަޑައިގެންނެވިއެވެ. އަދި ފާޑުކިޔުމުގެ ބަދަލުގައި، ބިލު އިތުރަށް ހަރުދަނާކުރުމަށް ހުށަހަޅަން ބޭނުންވާ އިސްލާހުތައް ހުށަހަޅައިގެން ބިނާކުރަނިވި ގޮތެއްގައި ގައުމަށް ފައިދާހުރި މަސައްކަތްތަކެއް ކުރުމަށް އެންމެހައި ފަރާތްތަކަށް އޭނާ ގޮވާލެއްވިއެވެ.