ޚަބަރު
ކެނދިކުޅުދޫގައި މެރިކަލްޗަރ ސިނާޢަތް ތަރައްގީކުރުމަށް މަޝްވަރާކޮށްފި
މި ބައްދަލުވުމުގެ ތެރެއިން.. ފޮޓޯ: މަސްވެރިކަމާއި ބެހޭ ވުޒާރާ
ނ. ކެނދިކުޅުދޫގައި މެރިކަލްޗަރ ސިނާޢަތް ތަރައްޤީކުރުމަށް ހުރި ފުރުޞަތުތަކާ ގުޅޭގޮތުން ވަޒީރު އަޙްމަދު ޝިޔާމް، އެ ރަށު ކައުންސިލާއި ކެނދިކުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު ޢަފޫ ޙާމިދާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި، ކެނދިކުޅުދޫގައި ގާއިމުކުރާ ގޭދޮށު މަސް ފެކްޓަރީގެ މަސައްކަތްތައް ގޮސްފައިވާ އެންމެ ފަހުގެ މަޢުލޫމާތުތައް ވަޒީރު ކައުންސިލާ ހިއްސާކުރައްވާފައިވެއެވެ. އަދި އެ ރަށުގައި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން އިތުރަށް ހުރި ފުރުޞަތުތަކާ ގުޅޭގޮތުން ދެފަރާތުގެ ދެމެދުގައި ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކުރައްވާފައެވެ.
މީގެ އިތުރުން، ކެނދިކުޅުދޫގައި މެރިކަލްޗަރ ސިނާޢަތް ކުރިއެރުވުމަށްޓަކައި ހުރި ފުރުޞަތުތަކާއި، އެ ދާއިރާ ތަރައްޤީކުރުމަށް އެޅިދާނެ މުހިންމު ފިޔަވަޅުތަކާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި ޚިޔާލު ބަދަލުކުރައްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މެރިކަލްޗާ ދާއިރާ ތަރައްގީކޮށް ކުރިއެރުވުމަށް ހާއްސަ އިސްކަމެއް ދީ، މުހިންމު ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އެގޮތުން މީގެ ކުރިންވެސް ފަސް ސަރަހައްދެއްގައި މެރިކަލްޗާއަށް ހާއްސަ ޒޯންތަކެއް ގާއިމުކޮށް، އިންވެސްޓަރުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ދީފައިވެއެވެ.
މެރިކަލްޗާގެ ސިނާއަތް އިތުރަށް ތަރައްގީކޮށް ފުޅާކުރުމުގެ ގޮތުން، އިތުރު 10 ސަރަހައްދެއް ކަނޑައަޅާފައިވާއިރު، މެރިކަލްޗާއަށް ކަނޑައެޅިގެން ދިޔަ ސަރަހައްދުތަކުގެ ޖުމްލަ އަދަދު ވަނީ 15 އަށް އަރާފައެވެ.
މެރިކަލްޗާ ވިޔަފާރިއަށް ވަންނަން ބޭނުންވާ ފަރާތްތަކަށާއި، މިހާރުވެސް މަސައްކަތްކުރާ ފަރާތްތަކަށް ފަސޭހައިން މޫދުކޮށި ގަތުމުގެ މަގުފަހިކޮށްދިނުމަށް "މެރިކަލްޗަރ ސްކީމް"ގެ ނަމުގައި ހާއްސަ މާލީ އެހީގެ ސްކީމެއްވެސް ވަނީ ތައާރަފުކޮށްފައެވެ. ސަރުކާރުން މި ދާއިރާ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން 2025 ވަނަ އަހަރު ވަނީ ފުރަތަމަ ފަހަރަށް ސިނާއީ ފެންވަރުގައި މޫދުވިނަ ރާއްޖެއިން ބޭރަށް އެކްސްޕޯޓުވެސް ކޮށްފައެވެ. ރާއްޖޭގައި މެރިކަލްޗަރ ދާއިރާ ތަރައްގީ ކުރުމަކީ ރައީސް މުޢިއްޒުގެ ސަރުކާރުން ވަރަށް ހާއްސަ އިސްކަމެއް ދެއްވާ ދާއިރާއެއްކަން މަސްވެރިކަމާއި ބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ. އަދި މި ދާއިރާ ތަރައްގީ ކުރުމަށް އަދުގެ ސަރުކާރުން ގިނަ މަސައްކަތްތަކެއް ފަށާފައިވާކަން ވެސް އެ ވުޒާރައިން ފާހަގަކުރެއްވިއެވެ.