Ads by Farudhun

ޚަބަރު

ފުލުހުންގެ "ރައްކާ ރޯޑްޝޯ" ގދ. އަތޮޅުގައި ފަށަނީ

ފުލުހުންގެ "ރައްކާ ރޯޑްޝޯ" ގދ. އަތޮޅުގައި ފަށަނީ

މީގެކުރިން ށ. އަތޮޅުގައި ރައްކާ ރޯޑްޝޯ ބޭއްވުން/ފޮޓޯ: ފުލުހުން

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

06 އޮކްޓޯބަރު 2026، 04:24

06 އޮކްޓޯބަރު 2026، 04:24

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުވައި، މަގުމަތީގެ އަދަބުތަކަށް އަހުލުވެރިކުރުވުމަށް ބާއްވާ "ރައްކާ ރޯޑްޝޯ" ގދ. އަތޮޅުގައި ފަށަން ތައްޔާރުވެފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، މި އަހަރުގެ ރޯޑްޝޯ ކުރިއަށް ދާނީ 2026 އޮކްޓޫބަރު 9 އިން 19 އަށް، "ރަނގަޅުކޮށްލާ" މި ޝިއާރުގެ ދަށުން ކަމަށެވެ. 

މި މުއްދަތުގެ ތެރޭގައި އެ އަތޮޅުގެ ރަށްރަށުގެ ރައްޔިތުންނަށް އަމާޒުކޮށްގެން، މަގުމަތީގެ ރައްކާތެރިކަމާއި ގުޅޭ ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކަމަށާއި، މި ޕްރޮގްރާމަކީ އާންމުންގެ ބައިވެރިވުމާއެކު މަގުމަތީގެ ރައްކާތެރިކަމާ މެދު މުޖުތަމައު ހޭލުންތެރިކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށް ފުލުހުން ވިދާޅުވެއެވެ.

 ރޯޑްޝޯ ކުރިއަށްގެންދާއިރު، ގިނަ ހަރަކާތްތަކެއް ޝޯގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އޭގެ ތެރޭގައި ރޯޑް ސޭފްޓީ ވޯކްއާއި، ޓީމް ބިލްޑިންގ ހަރަކާތްތަކާއި، "ބީޗް ބްލާސްޓް" އިވެންޓްތަކާއި، ކުއިޒް މުބާރާތްތަކުގެ އިތުރުން ބަށި އަދި ބާސްކެޓް މުބާރާތްތައް ހިމެނޭ ކަމަށް ފުލުހުން ވިދާޅުވެއެވެ.

މީގެ އިތުރުން، ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގާ "ޓްރެފިކް މޮނީޓަރސް ޕްރޮގްރާމް" އާއި "ފަހިރާސްތާ" ޕްރޮގްރާމް ވެސް ކުރިއަށްދާނެ ކަމަށާއި، އެ ހަރަކާތްތަކަކީ ދަރިވަރުންނާއި، ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ ހަރަކާތްތަކެއް ކަމަށް ފުލުހުން ވިދާޅުވެއެވެ.

މި ހަރަކާތްތަކުގެ އިތުރުން، މަގުމަތީގެ ގަވާއިދުތަކަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އާންމުން އަހުލުވެރިކުރުވުމަށް ހާއްސަ ސެޝަންތަކެއް ކުރިއަށް ގެންދާނެ ކަމަށާއި، މަގުމަތީގެ ރައްކާތެރިކަމާ ގުޅޭ ބިލްބޯޑު ވެސް އެކި ރަށްރަށުގައި އިފްތިތާހުކުރެވޭނެކަން ފުލުހުން ވަނީ ހާމަކުރައްވާފައެވެ.

މިއީ އެކްސިޑެންޓްތައް މަދުކޮށް، ރައްކާތެރި މުޖުތަމައެއް ބިނާކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް ބާރުއެޅުމުގެ ގޮތުން ހިންގާ ކެމްޕޭނެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި ޕްރޮގްރާމަކީ ފުލުހުންގެ ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަން ޑިޕާޓްމަންޓުން އިސްނަގައިގެން، ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި، ކައުންސިލްތަކާ އަދި އަމިއްލަ ކުންފުނިތަކާ ގުޅިގެން ހިންގާ ހަރަކާތެކެވެ. މި އަހަރުގެ ޕާޓްނަރުންގެ ތެރޭގައި އޫރީދޫ މޯލްޑިވްސް، އެލައިޑް އިންޝުއަރެންސް، އެމް.ޓީ.ސީ.ސީ، އަވަސް އަދި ހޮންޑާ (ޝީޝާ) ހިމެނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450