Ads by Farudhun

ޚަބަރު

ގުޅީ ސްކޫލް މަޝްރޫއު: 3 ވަނަ ފަންގިފިލާގެ ސްލެބް މަސައްކަތް ނިމިއްޖެ

ގުޅީ ސްކޫލް މަޝްރޫއު: 3 ވަނަ ފަންގިފިލާގެ ސްލެބް މަސައްކަތް ނިމިއްޖެ

ގުޅީ ސްކޫލްގައި އަޅާ ކްލާސްރޫމްތަކުގެ މަސައްކަތް. ފޮޓޯ: އެމްޓީސީސީ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

07 އޮކްޓޯބަރު 2026، 08:51

07 އޮކްޓޯބަރު 2026، 08:51

ކ. ގުޅީ ސްކޫލުގައި އަލަށް އިމާރާތްކުރާ 6 ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލުގެ މަޝްރޫޢުގެ ތިންވަނަ ފަންގިފިލާގެ ސްލެބް ރީއިންފޯސްމަންޓް މަސައްކަތްތައް ކާމިޔާބުކަމާއެކު ނިންމާލާފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވެއްޖެއެވެ.

މިކަން ހާމަކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމްޓީސީސީން ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން ދެން އެންމެ އަވަހަށް ކުރިއަށްގެންދިއުމަށް ތާވަލުކުރެވިފައި ވަނީ ތިންވަނަ ފަންގިފިލާގެ ކޮލަމް ސެޓިންގ އައުޓް އަދި ރީއިންފޯސްމަންޓް މަސައްކަތްތަކެވެ.

ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 7 އެޕްރީލް 2025 ގައެވެ. 

މި މަޝްރޫޢު ނިމުމުން ގުޅީ ސްކޫލުގައި ޒަމާނީ ފެންވަރުގެ 6 ކްލާސްރޫމާއި، ތަފާތު އެކި ބޭނުންތަކަށް ބޭނުންކުރެވޭނެ ތަނަވަސް މަލްޓިޕާޕަސް ހޯލެއް ގާއިމުވެގެންދާނެއެވެ.



އިމާރާތުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާއިރު، މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ފުރަތަމަ ފަންގިފިލާގެ ތަނބުތަކުގެ ކޮންކްރީޓް މަސައްކަތް ވަނީ ނިންމާލާފައެވެ. އަދި އޭގެ ފަހުން ދެވަނަ ފަންގިފިލާގެ ބީމްތަކާއި ސްލެބް ފޯމްވޯކް އަދި ދަގަނޑު ބެއްދުމުގެ މަރުހަލާތައް ފުރިހަމަކޮށް، ޖުލައި މަހުގެ ތެރޭގައި ވަނީ ދެވަނަ ފަންގިފިލާގެ ސްލެބް ކޮންކްރީޓް އެޅުމުގެ މުހިންމު މަސައްކަތް ނިންމާފައެވެ.

1975 ވަނަ އަހަރު "މަކްތަބުލް ހުދާ" ގެ ނަމުގައި ކިޔަވައިދޭން ފަށައި، 2005 ވަނަ އަހަރު ސަރުކާރުގެ ސްކޫލަކަށް ބަދަލުކުރެވުނު ގުޅީ ސްކޫލަކީ މިހާރު ޕްރައިމަރީ އަދި ސެކަންޑަރީ ތަޢުލީމު ފޯރުކޮށްދެމުން އަންނަ މުއައްސަސާއެކެވެ. މި އާ އިމާރާތް ނިމި ބޭނުންކުރަން ފެށުމުން، ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބި، ސްކޫލުގެ އެސެމްބްލީތަކާއި، އިންޑޯ ކުޅިވަރުތަކުގެ އިތުރުން މުޖުތަމަޢުގެ އެކި ހަރަކާތްތައް ބޭއްވުމަށް އެކަށޭނަ ރަނގަޅު ޖާގައެއް ތަނަވަސްވެގެންދާނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450