ޚަބަރު
ފުނަދޫ ހޮސްޕިޓަލް އިމާރާތުގެ ކޮންކްރީޓް މަސައްކަތްތައް ކުރިއަށްދަނީ
ފުނަދޫ ހޮސްޕިޓަލް އިމާރާތުގެ މަސައްކަތް. ފޮޓޯ: އެމްޓީސީސީ
ށ. ފުނަދޫގައި އަލަށް އިމާރާތްކުރާ ހޮސްޕިޓަލުގެ ކޮންކްރީޓް މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
މިކަން ހާމަކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެ ކުންފުނިން ވިދާޅުވީ، މަޝްރޫއުގެ ދަށުން މައިގަނޑު ގޮތެއްގައި ކުރިއަށްދަނީ އިމާރާތުގެ ބިންގަލުގެ ސްޓްރިޕް ފޫޓިންގްގެ ކޮންކްރީޓް އެޅުމުގެ މަސައްކަތްތަކާއި، ފޫޓިންގްގެ ދަގަނޑު ބަނުމުގެ މަސައްކަތްތަކެވެ. މީގެ އިތުރުން ސްޓްރިޕް ބީމްތަކުގެ ޝަޓަރިންގް މަސައްކަތްތައް ވެސް މިހާރު ދަނީ ބާރަށް ކުރިއަށް ގެންދަމުންނެވެ.
Project Update: Construction of SH. Funadhoo Hospital Strip footing concrete works, footing reinforcement works and strip beam shuttering works are currently ongoing at the project site. Follow more updates at: https://t.co/gj1h168wwY #MTCCProjects #TeamMTCC #RayyithungeKunfuni #GaumuBinaakurumugaaMTCC
— MTCC Plc (@MTCCPlc) October 7, 2026
މި މަސައްކަތް އެއްކޮށް ނިމި ހިދުމަތް ދޭން ފެށުމާއެކު، ފުނަދޫގެ އިތުރުން މުޅި އަތޮޅުގެ ރައްޔިތުންނަށް ލިބޭ ސިއްހީ ފަރުވާގެ ފެންވަރު މަތިވެ، ލިބެން ހުންނަ ހިދުމަތްތައް ކުރިއަށްވުރެ ބޮޑަށް ފުޅާވެގެންދާނެ ކަމަށާއި، މިއީ އެ ރަށުގައި އެކަށީގެންވާ ސިއްހީ ނިޒާމެއް ގާއިމުކުރުމަށް އެތައް އަހަރެއް ވަންދެން ރައްޔިތުން ކުރަމުން އައި އިންތިޒާރަށް ލިބިގެންދާނެ ބޮޑު ހައްލެއްކަން ސަރުކާރުން ހާމަކުރައްވައެވެ.
ރާއްޖޭގައި އެތަކެއް އަހަރުތަކެއް ވަންދެން ސިއްހީ ނިޒާމުގައި ހުރި ގޮންޖެހުންތައް ހައްލުކޮށް، ފެންވަރު ރަނގަޅު ހިދުމަތެއް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަށް ސަރުކާރުން އަންނަނީ ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންނެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރަށްރަށުގެ ސިއްހީ މަރުކަޒުތަކުގެ ފެންވަރު ރަނގަޅުކުރުމާއި، ޖާގައިގެ ދަތިކަން ހުރި ރަށްރަށުގައި ޒަމާނީ އައު އިމާރާތްތައް ބިނާކުރުމުގެ މުހިންމު ސިޔާސަތެއް ކަނޑައަޅައި، އެ މަސައްކަތްތައް އަންނަނީ ތަންފީޒުކުރަމުންނެވެ.