ޚަބަރު
2500 އަށްވުރެ ގިނަ ބަނގުރާ ފުޅި ނައްތާލައިފި
ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބަނގުރާ. ފޮޓޯ: ފުލުހުން
ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބަނގުރަލުގެ މައްސަލަތަކެއްގައި ހިމެނޭ 2,500 އަށްވުރެ ގިނަ ބަނގުރާ ފުޅި ނައްތާލައިފިއެވެ.
މި ތަކެއްޗަކީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓަށް ހުށަހެޅި، ތަހުގީގު ކުރެވެމުންދިޔަ ތިން އިންސިޑެންޓެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ތަކެއްޗެވެ.
މި ތަކެތި ނައްތާލުމުގެ ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މި ހިނގާ އޮކްޓޫބަރު މަހުގެ 5 ވަނަ ދުވަހު ދޫނިދޫގައެވެ. ދޫނިދޫގައި ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ 500 އެމްއެލްގެ 2,547 ފުޅި ބަނގުރަލާއި، 5 ލީޓަރުގެ 23 ފުޅި ބަނގުރަލެވެ. މީގެ އިތުރުން އެހެނިހެން ތަކެތީގެ ގޮތުގައި ފާހަގަކުރެވުނު ނުވަ އައިޓަމެއް ވެސް ވަނީ ނައްތާލައިފައެވެ. އޭގެ ތެރޭގައި ޕްލާސްޓިކް ޓައްޕު ވެސް ހިމެނެއެވެ.
މި ތަކެތި ނައްތާލާފައިވަނީ "ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދު" ގެ ދަށުންނެވެ. އަދި މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ މިކަމަށްޓަކައި ހާއްސަކޮށް އެކުލަވާލާފައިވާ ކޮމިޓީގެ ސީދާ ބެލުމުގެ ދަށުން ކަމަށް ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދެއެވެ.
ޤާނޫނާ ޚިލާފަށް ބަނގުރާ އެތެރެކުރުމާއި ވިޔަފާރިކުރާ ފަރާތްތަކާ ދެކޮޅަށް ސަރުކާރުން ދަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ.