ޚަބަރު
އުނގޫފާރު ސްކޫލް މަޝްރޫޢު: ފުރަތަމަ ފަންގިފިލާގެ ތަނބުތަކުގެ މަސައްކަތް ކުރިއަށްދަނީ
ރ. އުނގޫފާރު ސްކޫލުގައި އިމާރާތްކުރަމުންދާ 8 ކްލާސްރޫމް އިމާރާތުގެ މަސައްކަތް. ފޮޓޯ: އެމްޓީސީސީ
ރ. އުނގޫފާރު ސްކޫލުގައި އިމާރާތްކުރަމުންދާ 8 ކްލާސްރޫމް އިމާރާތުގެ ފުރަތަމަ ފަންގިފިލާގެ ތަނބުތަކުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެމްޓީސީސީން އެކްސްގައި ހިއްސާކުރި މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތުގައި ވިދާޅުވެފައިވަނީ، އެ އިމާރާތުގެ ފުރަތަމަ ފަންގިފިލާގެ ސްލެބް އަދި ބީމް ކޮންކްރީޓް އެޅުމުގެ ހުރިހާ މަސައްކަތްތަކެއް މިހާރު ނިމިފައިވާ ކަމަށެވެ. އަދި މިހާރު ސައިޓުގައި ކުރިއަށްދަނީ ފުރަތަމަ ފަންގިފިލާގެ ތަނބުތަކުގައި ދަގަނޑު ބަނުމާއި ޝަޓަރިންގ ހެދުމުގެ މަސައްކަތްތަކެވެ.
Project Update: Completion of 8 Classrooms Building at R Ungoofaaru School First floor slab and beam concrete casting works have been completed. First floor column reinforcement and shuttering works are currently ongoing at the project site. Follow more updates at: https://t.co/gj1h168wwY #MTCCProjects #TeamMTCC #RayyithungeKunfuni #GaumuBinaakurumugaaMTCC
— MTCC Plc (@MTCCPlc) October 8, 2026
ޒަމާނީ ފެންވަރަށް ތަރައްޤީކުރާ މި 8 ކްލާސްރޫމް އިމާރާތުގެ މަސައްކަތް ނިމި ބޭނުންކުރަން ފެށުމުން، އުނގޫފާރު ސްކޫލުގައި ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށާއި، އެ ސްކޫލުގެ މުވައްޒަފުންނަށް ޖާގައިގެ ދަތިކަން ހައްލުވެ، ކިޔަވައިދިނުމަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަޢުލީމީ އުމްރާނީ ވަސީލަތްތައް ހަރުދަނާކޮށް، ދަރިވަރުންނަށް އެކަށޭނަ ތަޢުލީމީ މާހައުލެއް ފަހިކޮށްދިނުމުގެ ސިޔާސަތުގެ ދަށުން، މި މަޝްރޫޢުގެ އެއްބަސްވުމުގައި ތަޢުލީމީ ވުޒާރާއިން އެމްޓީސީސީއާއެކު ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ.
ސްކޫލްތަކުގެ ޖާގަ އިތުރުކުރުމާއި، މަލްޓިޕާޕަސް ހޯލްތައް އެޅުން ފަދަ ތަޢުލީމީ ދާއިރާގެ އުމްރާނީ ތަރައްޤީގެ މަސައްކަތްތަކަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޚާއްޞަ އިސްކަމެއް ދީގެން ރާއްޖޭގެ އެކި ރަށްރަށުގައި ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކެކެވެ.