ކޮލަމް

ދުުޅަހެޔޮ ސިއްހަތަކަށް ރޭގަނޑުގެ ކެއުން އަވަސްކުރުން މުހިންމުވަނީ ކީއްވެ؟

ދުުޅަހެޔޮ ސިއްހަތަކަށް ރޭގަނޑުގެ ކެއުން އަވަސްކުރުން މުހިންމުވަނީ ކީއްވެ؟

ބަޔަކު ކަނީ.. ފޮޓޯ: ދަގާރޑިއަން

ފާޠިމަތު ޝާނީ އަޙްމަދު

ފާޠިމަތު ޝާނީ އަޙްމަދު

08 އޮކްޓޯބަރު 2026، 12:20

08 އޮކްޓޯބަރު 2026، 12:20

ދިރިއުޅުމުގެ ވައްޓަފާޅިއަށް މިހާރު އައިސްފައިވާ އެންމެ ބޮޑު އެއް ބަދަލު ފެނިގެންދަނީ ކެއުމުގެ އާދަތަކުންނެވެ. ރޭގަނޑު ދަންވިދަންވިހެން ކެއުމުގެ ފޯރި މިހާރު ގަދަވެއެވެ. ސިއްހަތަށް ގެއްލުން ހުރި އެތައް ބާވަތެއްގެ ކެއުންތައް ކަމުންދާއިރު، އެކަމާއި މެދު މިހާރު އެހައި ބޮޑަށް ވިސްނައެއްނުލެވެއެވެ. ރޭގަނޑުގެ ކެއުން އަވަސްކުރުމަކީ ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ނަމަވެސް، މިހާރުގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އައިސްފައިވާ ބަދަލުތަކާއެކު، ރޭގަނޑު ދަންވަރު ކެފޭތަކުންނާއި ރެސްޓޯރަންޓްތަކުން ކެއުމާއި ޓޭކްއަވޭ ނެގުމަކީ އާންމު އާދައަކަށް ވަނީ ވެފައެވެ.

ދުޅަހެޔޮ ދިރިއުޅުމެއް ބޭނުން ނަމަ ކެއުމުގެ ވައްޓަފާޅި އާއި ކެއުމުގެ އާދަތައްވެސް ވަކި ތަރުތީބަކުން ވަކި އިންތިޒާމެއްގެ ދަށުން ކުރިއަށް ގެންދަން ޖެހެއެވެ. ހާއްސަކޮށް، ރޭގަނޑުގެ ކެއުން އަވަސްކުރުމަކީ މުހިއްމު ކަމެކެވެ. މާ ލަސްކޮށްފައި ކާ ނަމަ ހަޖަމުކުރުމަށް ވަގުތު ނުލިބި ނިދެއެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން ސިއްހީ އެތައް މައްސަލައެއް ކުރިމަތިވެއެވެ.

ސިއްހީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ރޭގަނޑުގެ ކެއުން އެންމެ ރަނގަޅީ ވީހާ ވެސް އަވަސްކުރުމެވެ. ނިދުމާ ދޭތެރޭ ފުދޭ ވަރެއްގެ ވަގުތެއް އޮންނަ ގޮތަށް ރޭގަނޑުގެ ކެއުމުގެ ގަޑި ހަމަޖެއްސުމެވެ. އެހެންކަމުން، ރޭގަނޑުގެ 7:30 ނުވަތަ 8:30 އާ ދޭތެރޭ ކެއުން ނިންމައިލެވޭ ގޮތަށް ކަންކަން ރޭވިފައިވާ ނަމަ އެކަމުގެ ސަބަބުން ގިނަ ފައިދާތަކެއް ލިއްބައިދޭނެއެވެ. ރޭގަނޑު ކެއުން އަވަސްކުރަން ޖެހޭ މުހިއްމު 5 ސަބަބެއް އޮވެއެވެ.

ހަޖަމުކުރުން ރަނގަޅުވުން

ނިދުމުގެ ދެތިން ގަޑިއިރު ކުރިން ރޭގަނޑުގެ ކެއުން ކާނަމަ ކާނާ ހަޖަމުކުރަން ފަސޭހަވާނެއެވެ. ކާލައިގެން ވަގުތުން އޮށޯންނަ ނަމަ ކާނާ ހަޖަމުކުރަން ހުރަސްއެޅި ބަނޑަށް އެކި ކަހަލަ އުނދަގޫތައް ކުރިމަތިވާނެއެވެ. އޭގެ ތެރޭގައި ބަނޑުގައި ރިއްސުމާއި ބަނޑު ފުފުން ފަދަ މައްސަލަތައް ހިމެނެއެވެ.

ހިތުގެ މައްސަލަތަކުން ދުރުކޮށް ދިނުން

ރޭގަނޑުގެ ކެއުން ފަސްކުރާ ނަމަ ކާނާއިން ހަށިގަނޑަށް ޖަމާވާ ކެލަރީ އަންދަން ހުރަސް އަޅާނެއެވެ. ނަތީޖާއަކަށްވާނީ ކެލަރީޒްގެ ސަބަބުން އިތުރު މައްސަލަތައް ކުރިމަތިވެ، ސްޓްރޯކާއި ހާޓްއެޓޭކް ފަދަ ބޮޑެތި ސިއްހީ މައްސަލަތަކުގެ ތެރެއަށް މީހާ ވެއްޓުމެވެ. އެހެންކަމުން، ރޭގަނޑުގެ ކެއުން ނިދުމާ ގާތްކޮށްފައި ކެއުމުގެ އާދަ ހުއްޓާލައި، އަބަދު ވެސް ރޭގަނޑުގެ ކެއުން އެއް ގަޑިއަކަށް ތާވަލުކޮށް އެކަމަށް ހޭނުމަކީ ވެސް ހިތުގެ ގިނަ މައްސަލަތަކުން ރައްކާތެރިކަން ހޯދޭނެ ކަމެކެވެ.

ބަރުދަން ލުއިވާން އެހީވުން

ކައި ނިނުމާއެކު ރޭގަނޑު ނިދާ ނަމަ ދިމާވާނެ އެންމެ އާންމު މައްސަލައަކަށް ވާނީ ފަލަވުމެވެ. އެހެންވެ ބަރުދަން ލުއިކޮށް، ހަށިގަނޑުގެ ބައްޓަން ރީތިކޮށް ދަމަހައްޓަން ބޭނުންވާ ނަމަ ލަސްކޮށްފައި ކެއުން ހުއްޓާލައި، ނިދުމާ ވެސް ވީހާ ދުރުވާ ގޮތަށް ރޭގަނޑުގެ ކެއުން އިންތިޒާމުކުރުން މުހިއްމެވެ. އަބަދުވެސް ކާ ގަޑީގައި އެކަން ކުރާނަމަ ކާނާ ހަޖަމްވާން ފަސޭހަވުމާއި، މެޓަބޮލިޒަމް ރަނގަޅުވުމާއި، ކެލަރީ ފަސޭހައިން އަންދާލައި އެ ހަކަތައަށް ބަދަލުކޮށްދޭނެއެވެ.

 ހަކުރުބަލިން ދުރުކޮށްދިނުން

ނިދާ ގަޑިއާއި ވީހާވެސް ދުރުވާ ގޮތަށް ރޭގަނޑުގެ ކެއުން ނެގޭ ނަމަ ހަކުރުބައްޔަށް ހުށަހެޅުމުގެ ފުރުސަތު ވެސް ކުޑަކޮށް ދޭނެއެވެ. ނިދުމުގެ ގަޑިއިރުތަކެއް ކުރިން ކާ ނަމަ ކެއި އެއްޗެހި ގުލުކޯޒަށް ބަދަލުކޮށްލަން ވަގުތު ލިބިގެންދާނެއެވެ. އޭގެ ސަބަބުން ހަކުރުބަލީގެ ފުރުސަތު ކުޑަކޮށް ދޭނެއެވެ.

ނިދަން ފަސޭހަވުން

ރޭގަނޑު ކައި ނިންމާ  ގޮތަށް ނިދަން އަރައިފި ނަމަ ނިދަން ވަރަށް އުނދަގޫ ވާނެއެވެ. މީހާ މާ ބޮޑަށް ބަރުހެލިވެ، ކެއި އެއްޗެހި ރަނގަޅަށް ހަޖަމުނުވެ ހުރުމުން އުޅެން ޖެހޭނީ ބަނޑުގެ އުނދަގޫތަކުގައެވެ. އެހެންކަމުން، އެންމެ ރައްކާތެރި ގޮތަކީ  ނިދުމާ ވީހާވެސް ދުރުވާ ގޮތަށް، ރޭގަނޑުގެ ކެއުން އަވަސްކުރުމެވެ. އޭރުން ހެނދުނު ހޭލާ އިރު ހަކަތައާއެކު ހަށިގަނޑުގައި ތާޒާކަން ހުންނާނެއެވެ.

ރޭގަނޑުގެ ކެއުން އަވަސްކުރުމަކީ ހަމައެކަނި ކެއުމުގެ ގަޑިއަށް އަންނަ ބަދަލެއް ނޫނެވެ. އެއީ މުޅި ދިރިއުޅުމުގެ އާދަކާދައަށް އަންނާނެ ވަރަށް އެދެވޭ ބަދަލެކެވެ. އަމިއްލަ ސިއްހަތަށް އިސްކަންދިނުމަކީ ކޮންމެ ފަރުދެއްގެވެސް ފަރުދީ ޒިންމާއެކެވެ. ރޭގަނޑުގެ ދަންވަރު ކެއުމުގެ އާދައިން ދުރުވެ، އަވަހަށް ކެއުމަށް އިސްކަންދިނުމަކީ ދުޅަހެޔޮ މުސްތަޤްބަލަކަށްޓަކައި އަޅުގަނޑުމެންނަށް އެޅޭނެ އެންމެ މުހިންމު އެއް ފިޔަވަޅެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450