ޚަބަރު
ވަޤުފު ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަންކޮށްފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުން.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފެއްދެވި "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަނުކުރައްވައިފިއެވެ.
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ޑިރެކްޓަރުންގެ ބޯޑަށް 7 މެންބަރަކު އައްޔަނުކުރައްވާފައި ވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިންނެވެ.
އައްޔަނުކުރައްވާފައިވާ މެންބަރުން:
- އައްޝައިހް އިއްޒައްދީން އަދުނާން: ޗެއަރޕާސަން
- ޔާމީން އިދްރީސް: މެނޭޖިންގެ ޑިރެކްޓަރ
- ޑރ. މުޙައްމަދު ޝުޖާޢު
- ހުސައިން ޝާމް އާދަމް
- މަރްޔަމް ނިހާޔަތު
- ޢަބްދުﷲ ޢަލީ
- މުޙައްމަދު ޙިލްމީ
ދިވެހިރާއްޖޭގައި ވަޤުފް ބިނާތަކާއި މިސްކިތްތައް ތަރައްޤީކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ހަރުދަނާ އުޞޫލަކުން ހިންގެވުމަށްޓަކައި، "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް" ގެ ނަމުގައި ސަރުކާރުގެ އައު ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އުފެއްދެވީ މިދިޔަ މަހުގެ 12 ވަނަ ދުވަހުއެވެ.
އެ ކުންފުންޏަކީ، ދިވެހި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދީނީ ކަންކަމަށް ހޭދަކުރުމަށް ޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤުފުތައް ބިނާކުރުމާއި، އެފަދަ ވަޤުފު ބިނާތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތް ބިނާ ކުރުމާއި، މިސްކިތްތަކަށް ބޭނުންވާ އެންމެހާ ވަސީލަތްތައް ގާއިމުކޮށް ތަރައްޤީކުރުމުގެ މަސައްކަތާއި، އިސްލާމީ ޝަރީޢަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށް ޓަކައި އުފައްދަވާފައިވާ ކުންފުންޏެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ އިސްލާމީ އިޤްތިޞާދީ ނިޒާމު ހަރުދަނާކޮށް، ވަޤުފްގެ ނަފާ ރައްޔިތުންނަށް އެންމެ އެދެވޭ ގޮތުގައި ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.